މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވުމުގެ ކުރިން އާއިލާއަށް އޭނާގެ މޫނު މިރޭ ދައްކައިފިއެވެ.
އޭނާގެ މޫނު ދެއްކުން ކުރިއަށްގެންދިޔައީ އިޝާ ނަމާދަށްފަހު ގަލޮޅު ސަހަރާގައެވެ. މޫނު ދެއްކުން ކުރިއަށް ގެންދިޔައީ ތިރީސް ވަރަކަށް މިނެޓަށެވެ.
އަބްދުﷲ ރަޝީދުގެ އާއިލާއިން ބޭނުންވީ ޕޯސްޓްމޯޓަމް ނުހަދައި ވަޅުލުމަށެވެ. އެކަމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ނިންމީ ޕޯސްޓްމޯޓަމް ފުލުހުންނަށް ހެދޭނެ ކަމަށެވެ.
އަބްދުﷲ ރަޝީދުގެ އާއިލީ ވަކީލު މުހައްމަދު ރާގިބު އަހުމަދު "ސަން" އަށް މިރޭ ވިދާޅުވީ، އާއިލާއަށް އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހަވާލުކުރުމަށް އެދި އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން މިއަދު ނިންމި ނިންމުމަކީ ބަލައިގަނެވޭ ނިންމުމެއް ނޫން ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ އަދުލު އިންސާފުގެ ހަމަތަކުން ނެރެފަވާ އަމުރެއް ކަމަކަށް،" އޭނާ ވިދާޅުވިއެވެ.
މިދިޔަ އަންގާރަ ދުވަހު އަބްދުﷲ ރަޝީދު މަރުވީ ގދ. ހޯނޑެއްދުއިން އޭނާ ހައްޔަރުކޮށް އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ. ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ އެދުނު ކަމަށާއި ނަމަވެސް އެއީ އެކްޓް ޖެއްސުން ކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އެ އާއިލާގެ މެންބަރުން ބުނެއެވެ.
އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ބުނުމުން އާއިލާއިން ވަނީ އެކަމާ ދެކޮޅުކަން ހާމަކޮށް ހަށިގަނޑު ހަވާލު ކޮށްދިނުމަށް އެދިފައެވެ. އަދި އޭނާގެ ހަށިގަނޑު ނުލިބިގެން އެޗްއާރުސީއެމްއާއި އެެހެން މުއައްސަސާތަކަށް ވެސް އާއިލާއިން ޝަކުވާ ހުށަހަޅާފައިވެއެވެ.
ލަނޑާ ނަގައިގެން ވިއްކުމުގެ މަސައްކަތް ކުރި އަބްދުﷲ ރަށުގައި އުޅެމުން ދިޔައީ އެކަންޏެވެ. އޭނާގެ އަނބިމީހާއާއި ހަތަރު ކުދިން ތިބެނީ މާލޭގައެވެ. ތިން އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖަކު އޭނާގެ ހުންނައިރު އެތަނުން 18 އަހަރު ފުރުނީ އެންމެ ކުއްޖަކަށެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ އަބްދުﷲ ހަށިގަނޑު މާލެ ގެނެސް ވަނީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީއަށް ލައިފައެވެ.