ލ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވައިފި

ލ. އަތޮޅު ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން އެއަތޮޅުގެ މަދަރުސާތަކުގެ ދަރިވަރުންނަށް "ލާމަސީލު ލާމު ސްކޫލުތަކުގެ ވާހަކަ ދެއްކުމުގެ މުބާރާތް"ގެ ނަމުގައި ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވައިފިއެވެ.

މި މުބާރާތުގައި ދިވެހި ބަހުގެ އެކެޑަމީން ވަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މުބާރާތަށް ދަރިވަރުން ތައްޔާރުކުރުމަށްޓަކައި އަދި ފަނޑިޔާރުން ހަމަޖައްސައިދެއްވުމަށްޓަކައި އެކެޑަމީ އާއި އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ޢަމަލީ ގޮތުން ކޮށްދެއްވި މަސައްކަތްތަކަށް ލ. އަތޮޅު ކައުންސިލުން ވަނީ ޝުކުރުއަދާކޮށްފައެވެ.

"ލާމަސީލު ލާމު ސްކޫލުތަކުގެ 1 ވަނަ ވާހަކަ ދެއްކުމުގެ މުބާރާތް" ކުރިއަށް ގެންގޮސްފައިވަނީ އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާ އެކުގައި ލ. އަތޮޅު ކައުންސިލުން ފާހަގަ ކުރިއެވެ. އެގޮތުން އެމްޓީސީސީ، ދިރާގު، ވިލާ ކޮލެޖްގެ ގައުމީ ޔުނިވާސިޓީ ގަމު ކެމްޕަސް އަދި އެމްއައި ކޮލެޖްގެ ނަން ފާހަގަކޮށް އެތަންތަނަށް އެ ކައުންސިލުން ޝުކުރު އަދާކުރިއެވެ.

ލާމަސީލު ލާމު ސްކޫލުތަކުގެ ވާހަކަ ދެއްކުމުގެ މުބާރާތުގެ ތެރެއިން --- ފޮޓޯ/ ލ. އަތޮޅު ކައުންސިލް

ލ. އަތޮޅު ކައުންސިލުން ބުނީ މި މުބާރާތް ބެއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ދަރިވަރުންގެ ހިތްތަކުގައި ވާހަކަ ދެއްކުމަށް އޮންނަ ލޯބި އިތުރުކޮށް، އެފަންނު ދިރުވައި އާލާ ކުރުން ކަމަށެވެ.

ވާހަކަ ދެއްކުމުގެ މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް އެއަތޮޅު އިސްދޫގައެވެ. މި މުބާރާތުގައި 10 ސްކޫލަކުން 19 ދަރިވަރަކުވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް