ޓެކްނޮލޮޖީއާއި އެހެނިހެން ގޮތްގޮތުން ދުނިޔެ ކުރިއަރައިގެން ދިޔަ ނަމަވެސް އެކަކު އަނެކަކަށް އިހުތިރާމް ކޮށް، މުއާމަލާތް ކުރުމުގައި ދުނިޔެ ދަނީ ފަހަތަށް ކަމަށް، މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު މިއަދު ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ކުރި ހުކުރު ނަމާދުގެ ޚުތުބާގައި މެންކު ވަނީ އިންސާނާއާއި އިންސާނުން އުފެއްދެވި މާތް ﷲ އާ ދެމެދު ވާ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެ މައުޟޫއަށް ވާހަކަދައްކަވަމުން ޚުތުބާގައި މެންކު ވިދާޅުވީ އިންސާނާއާއި މާތް ﷲ އާ ގުޅުން ރަނގަޅު ކުރުމަށްޓަކައި އެކަލާނގެ ހެއްދެވި އެހެން ދިރޭ ތަކެއްޗާއި އިންސާނުންނަށް އިހުތިރާމް ކުރުމަކީ އެކަލާނގެ ކީރިތި ގުރުއާނުގައި އެންމެހާ މީސްތަކުންގެ މައްޗަށް ގޮވާލައްވާފައިވާ ކަމެއް ކަމަށެވެ. އަދި ކީރިތި ރަސޫލާ (ޞ) ގެ ސުންނަތުން ވެސް ސާބިތުވާ، އެކަލޭގެފާނު ވެސް ބާރުއަޅުއްވާފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
މާތް ﷲ ގެ ލޯބި ހޯދުމަށް ކެނޑިނޭޅި މައްސައްކަތް ކުރަންޖެހޭ ކަން ފާހަގަކުރައްވައި، މެންކް ވިދާޅުވީ އޭގެ މާނަޔަކީ ދުނިޔަވީ ކަންކަން މަތިން ހަނދާން ނައްތާލުން ނޫން ކަމަށެވެ.
"ދުނިޔަވީ ކަންކަމަށް ލޯބި ކުރުމަކީ އިންސާނާގެ ތަބީއަތުގައިވާ ކަމެއް. ކޮންމެ މީހަކުވެސް އޭނާ ގެ އާއިލާދެކެ ލޯބިވާނެ، ދަރިންދެކެ ލޯބިވާނެ، މުދަލާ ވިޔަފާރި ދެކެވެސް ލޯބި ވާނެ،" މެންކް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދުނިޔެއަށް ލޯބި ކުރުމުގައި ވެސް ވަކި ހައްދެއް އޮންނަ ކަމަށެވެ. އެގޮތުން ދުނިޔަވީ ކަންކަމަށް ލޯބި ކުރަން ވާނީ އެކަމަށް މާތް ﷲ ހުއްދަދެއްވާފައިވާ އިންތަކާ މިންތަކުގެ ތެރެއިން ކަން މެންކު ފާހަގަކުރެއްވިއެވެ. ތިމާއަކީ ދުނިޔަވީ ހަޔާތް އެކަނި ބާއްޖަވެރި ކުރަން މަސައްކަތް ކުރާ މީހަކަށް ވެގެން ނުވާނެ ކަން ފާހަގަކުރައްވައި މެންކް ވިދާޅުވީ މާތް ﷲ ކަމަކަށް ވަކި ހައްދެއް ކަނޑައަޅައިފިނަމަ އެކަން މުސްލިމުން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.
ދިމާވާ ކަމެއްގެ ސަބަބުން ނުވަތަ ހެދޭ ގޯހެއްގެ ސަބަބުން އެކަލާނގެ ކަނޑައަޅާފައިވާ އިންތަކުން ބޭރުވެވިއްޖެ ނަމަ އެކަމަށް ތައުބާވެ، މާތް ﷲ ގެ ހަޒްރަތުން ފާފަ ފުއްސެވުން އެދި ދުއާ ކުރަން ޖެހޭނެ ކަމަށް މެންކް ވިދާޅުވިއެވެ.
މެންކް ވަނީ މަރު މަތިން ހަނދާކުރުމަށް ވެސް ގޮވާލާފައެވެ. އެގޮތުން މަރަކީ އެ މީހަކު އަލުން ދިރުއްވުމުގެ ފެށުންކަން އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ އެދުވަހަށް އެންމެވެސް ތައްޔާރު ވާންޖެހޭ، މަރު މަތިން ހަނދާންކޮށް މަރަށް ތައްޔާރު ވުމަށްޓަކައި އެކަލާނގެ ފޮނުއްވި ކީރިތި ގުރުއާން ކިޔަވައި، އެކަލާނގެ އެނގެވުންތަކަށް އިޖާބަދޭން ޖެހޭ،" މެންކް ވިދާޅުވިއެވެ.
މެންކް ވިދާޅުވީ އާޚިރަތަށް ތައްޔާރު ވުމަށްޓަކައި ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ އިންސާނާގެ ހިތް ސާފު ކުރުން ކަމަށެވެ. އެގޮތުން އިންސާނާގެ ހިތް ސާފު ނަމަ އެމީހާގެ މުޅި ހަށިގަނޑު ސާފު ވާނެ ކަމަށާއި އޭނާގެ ހިތް، ދުނިޔަވީ އެދުންތަކުންފޯވެ، ގޯސްވެފައިވާ ނަމަ އެ މީހަކީ ނުބައި މީހެއް ކަމަށް ވިދާޅުވިއެވެ. ވުމާއެކު މާތް ﷲ ގެ ރުއްސެވުން ހޯދުމަށާއި އެކަލާނގެ އާއި އިންސާނާއާ ދެމެދުވާ ގުޅުން ރަނގަޅު ކުރުމަށް ހިތް ސާފު ކުރަންޖެހޭ ކަމަށް މެންކު ވިދާޅުވިއެވެ.
މާތް ﷲ ގެ ލޯބި ހޯދައި އެކަލާނގެ ރުއްސެވުން ހޯދުމަށް ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ އެ ކަލާނގެ ބާއްވާލެއްވި ފޮތް، ކީރިތި ގުުރުއާން ކިޔެވުންކަން ފާހަގަކުރައްވައި މެންކް ވިދާޅުވީ ހަމައެކަނި އަރަބިން ކިޔެވުމުގެ ބަދަލުގައި އެ މީހަކަށް ދެނެގަންނަން ފަސޭހަ ބަހަކުން ގުރުއާނުގެ ތަރުޖަމާ ކިޔުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ.
އެކަމަށް ކޮންމެ ދުވަހަކު ވެސް ވަގުތުކޮޅެއް ހުސްކުރަން ޖެހޭނެ ކަމަށް މެންކު ވިދާޅުވިއެވެ. ކީރިތި ގުރުއާނުގައި އެކަލާނގެ އަންގާފައިވާ ކަންކަމާމެދު ވިސްނާ ފިކުރު ކޮށްގެން މެނުވީ އެކަލާނގެ އަންގަވާފައިވާ ކަންކަމެއް ނުކުރެވޭނެ ކަމަށް ވެސް މެންކް ވިދާޅުވިއެވެ.
މެންކް އިމާމްވެ ކުރެއްވި ހުކުރު ނަމާދުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވަޑައިގެންނެވިއެވެ. މެންކުގެ ދަރުހެއް މިރޭ ކާނިވާ ސަރަހައްދުގައި ވެސް ބޭއްވުމަށް ވަނީ ނިންމައިފައެވެ.