ހޯޑެއްދޫ ވަލުތެރޭގައި ވަޅުލާފައި ހުރި މަސްތުވާތަކެތި ހޯދައިފި

ގދ.ހޯޑެއްދޫ--

ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި، ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ހޯދާފައިވަނީ ފުލުހުން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

އެ މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާއިރު އެ އޮޕަރޭޝަންގެ ތެރެއިން، ކޯޓު އަމުރުގެ ދަށުން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ހޯޑެއްދޫ ވަލުތެރެއިން ހޯދީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް ފުލުހުން ނުބުނެއެވެ.

ހޯޑެއްދޫ ވަލުތެރެއިން ގިނަ އަދަދެއްގެ މަސްތުވާތެކިތި ހޯދާފައިވާއިރު މިދިޔަ އަންގާރަ ދުވަހު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެ ރަށުން މީހަކު ހައްޔަރު ކޮށްފައިވެއެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި އަބްދުﷲ ރަޝީދު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވެފައެވެ. އާއިލާއިން ތުހުމަތު ކުރާގޮތުގައި އަބްދުﷲ މަރުވީ ފުލުހުންގެ އިހުމާލުންނެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ހޯޑެއްދޫ ވަލުތެރެއިން މި ހޯދީ ވެސް މި އޮޕަރޭޝަންގެ ތެރެއިންނެވެ.

އިއްޔެ ވެސް ފުލުހުން ވަނީ އަބްދުﷲގެ ގެ ބަލައި ފާސްކޮށްފައި ކަމަށް އާއިލާއިން ބުނެއެވެ.

އަބްދުﷲ މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ފުލުހުން ވަނީ ނިންމައިފައެވެ. ނަމަވެސް އެކަމާ އޭނާގެ އާއިލާއިން ދެކޮޅު ހަދައެވެ. އެ މީހުން އެދެނީ އޮޓޮޕްސީ ނުހަދައި ވީހާ އަވަހަށް ވަޅުލައި ދިނުމަށެވެ.

comment ކޮމެންޓް