ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް އެތެރެކުރާ ދިވެހި ކަނޑު މަހުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ މައާފުކުރުމަށް ރާއްޖެއާއި އެ ޖަމާއަތާ ދެމެދު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވި ރާއްޖެ އާއި އީޔޫގެ އިސް އޮފިޝަލުންގެ ބައްދަލުވުމެއްގައެވެ.
ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު އީޔޫގެ އޮފިޝަލުންނާއެކު މުހިންމު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރި ކަމަށެވެ.
އެގޮތުން މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް، ރައްކާތެރި ކުރުމަށް ޓަކައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން، ގާނޫނާއި ގަވާއިދާ ހިލާފަށް، ބެލެހެއްޓުމެއްނެތި އަދި ރިޕޯޓް ކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން މެދުވެރިކޮށް މަހުގެ ސްޓޮކް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކޮށް ބެލެހެއްޓުމަށް ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އެ ބައްދަލުވުމާ ދިމާކޮށް، ރާއްޖެއާއި އީޔޫގެ މެދުގައި އޮންނަ ސަލާމަތީ އެއްބާރުލުމުގެ ތެރެއިން ކައުންޓާ ޓެރަރިޒަމް އަދި ހައްދުފަހަނައެޅުމާ ދެކޮޅަށް އިތުރަށް ހަރުދަނާ ކުރެވިދާނެ މަސައްކަތްތަކާއި މަގުތައް ހޯދާ، ވިލަރެސް ކުރުމަށް ވެސް އެއްބަސްވެފައިވާ ކަމަށެވެ.
"މި ބައްދަލުވުމުގައި ދިވެހި ރައްޔިތުންނަށް ވިސާއާ ނުލައި އީޔޫގެ މެންބަރު ގައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތު ހޯދުމާ ބެހޭ ގޮތުން އީޔޫއާއެކު ވަނީ މަޝްވަރާކުރެވިފައި،" އޮފިޝަލް ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި އީޔޫ އިން ވަނީ، އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ކޮށްދެއްވި ޚިދުމަތްތަކަށް ތައުރީފު ކޮށްފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.