މުފްތީ މެންކް ރާއްޖެ ވަޑައިގެންފި

މުފްތީ މެންކާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް، ދީނީ އިލްމުވެރިޔާ މުފްތީ މެންކް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މެންކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

މެންކްގެ ދަތުރުފުޅުގައި މާލެ ސިޓީ އާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ވެސް ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި މާދަމާ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ވެސް އޭނާއެވެ.

މެންކްގެ ފުރަތަމަ ދަރުސް އޮންނާނީ މާދަމާ ރޭ މާލޭގެ އަލިމަސް ކާނިވަލުގައެވެ. އެ ދަރުސްގެ މައުޟޫއަކީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސްއެވެ.

އެއަށް ފަހު ހޮނިހިރު ދުވަހު ފުވައްމުލައް ސިޓީގެ ފުޓުބޯޅަ ސްޓޭޑިއަމްގައި އޭނާ ދެއްވާ ދަރުހުގެ މައުޟޫއަކީ "އިސްލާމްކަމާއި އޯގާތެރިކަން" އެވެ. އަދި އާދިއްތަ ދުވަހު އައްޑޫ ސިޓީގެ ސިޓީ ސްކޮޔާގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ "ޕްރޮޑަކްޓިވް މުސްލިމް" މި މައުޟޫއަށެވެ.

މުފްތީ މެންކަށް މަަރުހަބާ ވިދާޅުވީ އިސްލާމިކް މިނިސްޓަރު -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މެންކްގެ އެންމެ ފަހު ދަރުސް ދެއްވާނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އަންނަ ހޯމަ ދުވަހުއެވެ.

އެރޭގެ މައުޟޫއަކީ އާއިލީ މައްސަލަތައް ހައްލުކުރާނެ ގޮތެވެ. ކޮންމެ ދަރުސެއް ވެސް ފެށޭނީ ދަރުސް ބޭއްވުމަށް ހަމަޖެހިފައި އޮންނަ ދުވަހުގެ ރޭގަނޑު 8:45ގައެވެ.

މި ދަރުސްތައް އޮންނާނީ އާންމުކޮށް ހުޅުވާލާފައެވެ. ނަމަވެސް ދަރުސްތަކުގައި އާންމުންގެ ސުވާލުތަކަށް ހުޅުވައެއް ނުލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެ ދަރުސްތައް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދައްކާނެއެވެ.

މި ދަރުސްތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށްވެސް މިފަދަ ދަރުހެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

މުފްތީ މެންކަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ދީނީ އިލްމު ފެތުރުމަށްޓަކައި މަސައްކަތްކުރައްވަމުންދާ ޒިންބާބުވޭގެ ދީނީ އިލްމުވެރިއެކެވެ.

comment ކޮމެންޓް