ވެރިކަން ލިބިއްޖެނަމަ މަނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އަޅާނަން: ޔާމީން

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ނ. އަތޮޅު މަނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އަޅާނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހާރު ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ވެރިކަންކުރާ ރަށް މަނަދުއަށް ވަޑައިގެން ވިދާޅުވީ މަނަދުއަށް ވުރެ ކުރިން އެހެން ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލެއް އަޅަން ޖެހޭ ކަމަށް ދެކިނުލައްވާ ކަމަށެވެ.

"ނ. އަތޮޅުގައި ޓާޝަރީ ހޮސްޕިޓަލެއް ނޫނީ މާލޭ ހޮސްޕިޓަލުތަކާ ކައިރި ފެންވަރެއްގެ ހޮސްޕިޓަލެއް ހުންނަ ކަމަށް ވަންޏާ، އެ ހޮސްޕިޓަލް ހެދެންވާނީ މަނަދޫގައި. މަނަދޫގެ ކުރިން، އެހެން ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލެއް ގާއިމް ކުރަންޖެހޭ ކަމަކަށް ނުދެކެން. އަޅުގަނޑު ހޮވިއްޖެއްޔާ މަނަދޫގައި އެ ފެންވަރުގެ ހޮސްޕިޓަލެއް އެޅިގެން ދާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ވެރިކަން ލިބިއްޖެނަމަ ހޮސްޕިޓަލުގެ އިތުރުން އެ ރަށުގެ މަގުތައް ވެސް ރަނގަޅު ފެންވަރަކަށް ހަދާނެ ކަމަށެވެ.

ރައީސް ޔާމީން އެހެން ވިދާޅުވެފައިވާއިރު މަނަދޫ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވަނީ މިދިޔަ ޖޫން މަހު ވިދާޅުވެފައެވެ.

އޭރު މިނިސްޓަރު ވިދާޅުވީ އާ އިމާރާތުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން، ޖޫން މަސް ނިމުމުގެ ކުރިން ބީލަމަށް ލާން ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2020 ވަނަ އަހަރު ޓެންޑާ ކުރުމުން އެކަން ކުރުމަށް ހުށަހަޅާފައިވަނީ ވަރަށް ބޮޑެތި އަގުތަކެއް ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ނުގެންދެވިފައިވަނީ އަގުތައް ބޮޑުވުމުން ކަމަށް ނަސީމް ވިދާޅުވިއެވެ.

އެ މަޝްރޫއަށް ބޭނުންވާ ފައިސާ ބެންކް އޮފް މޯލްޑިވެސްގެ ފައިނޭންސްގެ ދަށުން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މަނަދޫ އަތޮޅު ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން ހޮސްޕިޓަލުގައި ހަ އޯޕީޑީ ރޫމް އަދި ލެބޯޓްރީއެއް ދާދި ފަހުން ވަނީ ގާއިމްކޮށްފައެވެ.

comment ކޮމެންޓް