ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި އަޔެކްސް ބައްދަލުކުރި މެޗުން މޮޅުވެ ލިވަޕޫލުން ދެވަނަ ބުރުގު ޖާގައެއް ކަށަވަރުކުރިއިރު، މެޗުން ބަލިވި އަޔެކްސް ޔޫރޮޕާ ލީގަށް ގޮސްފިއެވެ.
ރޭ އަޔެކްސްގެ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އެ މެޗުގައި ދެ ޓީމުން ވެސް ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ ތިން ވަނަ މިނެޓުގައި އަޔެކްސްގެ ސްޓެވެން ބާގުއިސް ފޮނުވާލި ހަމާލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ.
މެޗުގެ 42 ވަނަ މިނެޓުގައި ލިވަޕޫލްގެ ޖޯޑަން ހެންޑަސަން ނެގި ހުރަހަކުން މުހައްމަދު ސަލާހް ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ.
އެ ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިމުމުނުކަމުގައި ވިޔަސް ދެވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ރޮބާޓްސަން ނެގި ކޯނަރަކުން ޑާވިން ނުނޭޒް ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.
އެ ގޯލު ޖެހިތާ ދެ މިނެޓު ފަހުން ލިވަޕޫލުން ވަނީ އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ސަލާހް ތަނަވަސްކުރި ފުރުސަތަކުން ހާވޭ އެލިއޮޓް ޖެހި ގޯލެކެވެ.
އެ ނަތީޖާއިން މޮޅުވެ ގްރޫޕް އޭއިން ދެވަނަ ބުރަށް ގޮސްފައިވަނީ ނަޕޯލީގެ އިތުރުން ލިވަޕޫލެވެ. އެ ގްރޫޕްގެ އެއްވަނައިގައި ނަޕޯލީ އޮތީ 15 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. އަޔެކްސް ތާވަލުގެ ތިންވަނައިގައި އޮތީ ތިން ޕޮއިންޓާއެކުއެވެ. ރޭންޖާސް ތާވަލުގެ ފުލުގައި އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.