ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް މި ސަރުކާރަކުން ނުނިންމާނަން: ރައީސް

ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ޗާގޯސްގެ މައްސަލަ އާއި އަދި އެނޫންވެސް ޚާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައިވެސް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް، މި ސަރުކާރަކުން މިހާތަނަށް ނިންމާފައި ނޯންނާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޗާގޯސް މައްސަލައިގައި ދިވެހި ޤައުމުގެ ސިޔާދަތަށް ނުރައްކާވާފަދަ ގޮތަކަށް މި ސަރުކާރަކުން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައި ނޯންނާނޭ ކަމަށެވެ. އަދި ދެންވެސް، އެފަދަ ގެއްލުމަކަށް މި ސަރުކާރުން ޖާގައެއް ނުދޭނޭކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ސަރަޙައްދަކީ ކޮބައިކަން، އަޅުގަނޑުމެންގެ ޤާނޫނުއަސާސީގެ ތިން ވަނަ މާއްދާގައި ވަރަށް ސާފުކޮށް އެބައޮތް. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި އެހެން ޤައުމެއްގެ ކަނޑުގެ ސަރަޙައްދާ ފުށުއަރާނަމަ ޢަމަލުކުރާނެ ގޮތް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައި އެބައޮތް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޗާގޯސްގެ ކަނޑުގެ ސަރަޙައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަޙައްދުގެ މައްސަލައަށް ޙައްލެއް ނުހޯދި އޮންނަތާ ވެސް ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ ކަމަށެވެ.

ޗާގޯސް މައްސަލަ ޙައްލުކުރުމަށް މީގެ 30 އަހަރު ކުރިން، 1992ވަނަ އަހަރު ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރާ އެކުގައި މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައެވެ. ޗާގޯސްއާއި ދިވެހިރާއްޖެއާ ދެމެދު އޮތް އިމުގެ ސަރަޙައްދު، ފުށުއަރާ ސަރަޙައްދާ ދޭތެރޭގައި ގޮތެއް ހޯދުމަށްޓަކައި އިނގިރޭސިވިލާތާ އެކީގައި، 1992 ވަނަ އަހަރު މަޝްވަރާކޮށް އެއްބަސްވެފައި އެބައޮތް ކަމަށާއި އޭރު އިނގިރޭސި ސަރުކާރާ އެކުގައި އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަޙައްދު، ދެ ޤައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ ފަހުން، 2011 ވަނަ އަހަރު، އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މި މައްސަލަ ޙައްލުކުރުމަށް މަޝްވަރާ ކޮށްފައިވޭ. މި ދައްކަނީ ހަމަ ޗާގޯސްގެ ވާހަކަ. އަދި އޭރު އެއްބަސްވެފައި ވަނީ ދެ ޤައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން، މޮރިޝަސްއާއި ދިވެހިރާއްޖެއާ ވާހަކަ ދައްކައިގެން، ފުށުއަރާ ސަރަޙައްދުގެ މައްސަލަ ޙައްލުކުރުމަށް. މި މައްސަލައިގައި އަޅުގަނޑުމެން މިހާރުވެސް ދަމަހައްޓަމުން މި އަންނަނީ، މިކަމުގައި އެންމެ ކުރިން ފެށިގެން ވެސް ދިވެހި ދައުލަތުން ދަމަހައްޓަމުން އައި، ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ދިފާޢުކުރުމުގެ ސިޔާސަތު،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޗާގޯސް މައްސަލައިގައި، އެކި ސަރުކާރުތަކުން އެކި ފަރާތްތަކާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އެއްބަޔަކު އިނގިރޭސިވިލާތާ އެކީގައި ވާހަކަތައް ކުރިއަށްގެންދިޔައިރު، އަނެއްބަޔަކު މޮރިޝަސްއާ އެކީ ވާހަކަތައް ކުރިއަށް ގެންގޮސްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޗާގޯސްއާއި ދިވެހިރާއްޖެއާ ދެމެދުގައި ފުށުއަރާ މައްސަލަ ޙައްލުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ބައިނަލްއަޤުވާމީ ޓްރައިބިއުނަލެއްގައި ކަމަށާއި، ވަކި ސަރުކާރަކާ އެކީ މި ވާހަކަތައް ކުރިއަށް ނުގެންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައިވެސް، މި ސަރުކާރުން އަންނަނީ ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތް ކުރަމުންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިކަމުގައި، ވަކި މީހެއްގެ އަމިއްލަ ބޭނުމަކަށް، ނޫނީވިއްޔާ ވަކި ބައެއްގެ އަމިއްލަ ބޭނުމަކު ނުވަތަ ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް، އަދި ކަމުގެ ޙަޤީޤަތް އެނގި ތިބެ، ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރަމުން ދިޔުމަކީ، ވަރަށް ދެރަ މައްސަލައެއް. އެފަދަ ވާހަކަތައް ފަތުރައިގެން، ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ، އެއަށްވުރެ މާބޮޑަށް ހިތާމަހުރި ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިސްލާމްދީނަކީ ޞުލްޙަޔާއި ހަމަޖެހުމާއި އެކުވެރިކަމުގެ ދީން ކަމަށާއި އެ ސިފަތައް މުޖުތަމަޢުގައި ދެމެހެއްޓުމަށްޓަކައި، މުސްލިމުންގެ ކިބައިގައި ހަރުލައްވަންޖެހޭ އެންމެ މުހިންމު ސިފަޔަކީ ތެދުބުނުން ކަމަށެވެ. ކޮންމެ ކަމެއްގައި ވެސް ތެދު ބަހުން ވާހަކަ ދެއްކުމާއި، ދޮގު ވާހަކަތަކާއި ޔޯލަ ވާހަކަތައް ނުފެތުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. ޙަޤީޤަތް އެނގި ތިބެ، މަޞްލަޙަތު ނަގައިލުމަށްޓަކައި އޮޅުވާލައިގެން ވާހަކަ ނުދެއްކުމަކީ އިސްލާމުންގެ ރިވެތި ސިފައެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް