ފޯޅަވަހީގެ މައްސަލައިގައި ފައްޔާޒް ކުރެއްވީ ތިން ސުވާލެއް

މިނިސްޓަރު ފައްޔާޒުގެ ޓުވީޓުތައް އަމާޒުކޮށްފައި ވަނީ ޑރ. މުނައްވަރާއި ރައީސް ނަޝީދާއި މެންބަރު އާދަމް ޝަރީފަށް -- ސަން ފޮޓޯ

ރާއްޖޭގެ ދެކުނަށް އޮންނަ ފޯޅަވަހީގެ މައްސަލައިގައި ސަރުކާރުން ނިންމާފައިވާ ނިންމުމަށް ފާޑު ވިދާޅުވާ ތިން ބޭފުޅަކަށް ގޮން ޖައްސަވައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ސުވާލުތަކެއް ކުރިމަތިކުރައްވައިފިއެވެ.

ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނަ ތަނަކަށް ހަދަން ސަރުކާރުން ތާއިދު ކުރަން ނިންމި ނިންމުމާ ބެހޭ ބަހުސަށް ވަދެވަޑައިގެން، ރޭ ފައްޔާޒު ކުރެއްވި ތިން ޓުވީޓުގެ ތެރެއިން ފުރަތަމަ ޓުވީޓު އަމާޒުކުރެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ.

އެގޮތުން ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމަށް އެމަނިކުފާނު ދެކިލައްވާއިރު ފޯޅަވައްސާ ރާއްޖެއާ މެދު އިން ވަކިކުރަން 2011 ވަނަ އަހަރު، ނަޝީދުގެ ވެރިކަމުގައި އެއްބަސްވެފައި ވަނީ ކީއްވެތޯ ފައްޔާޒު ސުވާލުކުރެއްވިއެވެ.

ފައްޔާޒު އެހެން ވިދާޅުވީ 2011 ވަނަ އަހަރު ނަޝީދު މޮރިޝަސްއަށް ވަޑައިގެން އެގައުމުގެ އޭރުގެ ބޮޑުވަޒީރު ނަވިޗަންދުރަ ރަމްގޫލަމްއާ ދެއްކެވި ވާހަކަފުޅާ ގުޅުވައިގެންނެވެ.

އެ ދެ ބޭފުޅުންގެ ބައްދަލުވުމާ ބެހޭ ގޮތުން މާޗް 12، 2011ގައި މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން ފޯޅަވަހީގެ ވަށައިގެންވާ ސަރަހައްދަކީ ހިމާޔަތް ކޮށްފައިވާ ސަރަހައްދެއްކަން އިނގިރޭސިވިލާތުން ކަނޑައެޅުމާ ރައީސް ނަޝީދު ވެސް ބޮޑުވަޒީރު ރަމްގޫލަމް ވެސް ދެކޮޅެވެ.

އެހެންކަމުން އެ މައްސަލައިގައި މޮރިޝަސްއާއި ރާއްޖެއިން އިނގިރޭސި ސަރުކާރުގެ ނިންމުމާ ދެކޮޅަށް ތެދުވާނެ ކަމަށާއި އެކަމުގައި ދެ ގައުމުގެ ކޮންޓިނެންޓަލް ޝެލްފާއި ހާއްސަ އިގުތިސާދީ ސަރަހައްދުތަކަށް ބަލާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު، ފޯޅަވަހީގެ ކައިރިން ދެ ގައުމުގެ އިން ފުށު އަރާ ހިސާބާ ބެހޭ ގޮތުން ދެ ގައުމުން އެއްބަސްވާ ގޮތެއް ކަނޑައެޅުމަށާއި އެކަމާ ބެހޭ ޖޮއިންޓް ކޮމިޝަނެއް އުފައްދަން ދެ ލީޑަރުން އެއްބަސްވެވަޑައިގަތް ކަމަށް ބަޔާނުގައިވެއެވެ.

އިއްޔެ ފޭސްބުކް ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ފޯޅަވައްސަކީ ރާއްޖޭގެ ރަށެއްކަމަށް ހެކިދޭ ތާރީޚީ އަދި ސަގާފީ އެތައް ހެއްކެއް އެބަހުރި ކަމަށެވެ. އަދި މޮރިޝަސްގެ ސިޔާދަތު ފޯޅަވެހީގެ މައްޗަށް އޮތް ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް އެއްބަސްވުމުގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ފައްޔާޒުގެ ދެ ވަނަ ޓުވީޓުގައި ސުވާލުކުރެއްވީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއެވެ. އެގޮތުން މޮރިޝަސްއަށް ފޯޅަވަހި ދޭން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން 2017ގައި ނިންމި އިރު އޭރުގެ ސަރުކާރުން ފިޔަވަޅެއް ނޭޅީ ކީއްވެތޯ މިނިސްޓަރު އެއްސެވިއެވެ.

އާދަމް ޝަރީފް ވަނީ ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން ބޮޑުބައެއް ގެއްލޭފަދަ ގޮތަކަށް ދިވެހި ސަރުކާރުގެ ސިޔާސަތު ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެ މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.

އާދަމް ޝަރީފް ވިދާޅުވީ މޮރިޝަސްއަށް ތާއީދު ކޮށްފިނަމަ ރާއްޖޭގެ ޚާއްސަ އިގްތިޞާދީ ބައެއް ގެއްލޭނެ ކަމުގެ ބިރު ބޮޑު ކަމަށާއި އަލުން އެ ސަރަހައްދު ހޯދުމުގައި ބައިނަލްއަގްވާމީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތި ވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ ފޯޅަވަހީގެ މައްސަލައިގައި މި ސަރުކާރުން ރައްޖޭގެ ކަނޑުގެ ބޮޑު ބައެއް ވިއްކާލާފައިވާ ތުހުމަތު ކުރައްވާފައެވެ.

މިނިސްޓަރު ފައްޔާޒުގެ ތިން ވަނަ ޓުވީޓުގައި ވަނީ ފޯޅަވައްސާއި ރާއްޖޭގެ ބައުންޑްރީ ކަނޑައަޅަން އިނގިރޭސިވިލާތާއެކު މަސައްކަތް ކުރަން ކުރީގެ އެޓާނީ ޖެނެރަލް ވާހަކަދެއްކެވީ ކީއްވެގެންތޯއެވެ.

ފައްޔާޒު އެހެން ވިދާޅުވީ ރާއްޖޭގައި 10 އަހަރު ވަންދެން އެޓާނީ ޖެނެރަލްކަން ކުރެއްވި ޑރ. މުހައްމަދު މުނައްވަަރާ ސުވާލު އަމާޒު ކުރައްވައެވެ.

ޑރ. މުނައްވަރު ވަނީ ދިވެހި ސަރުކާރުގެ ސިޔާސަތު ބަދަލުކުރުގައި އިންޑިއާގެ ނުފޫޒު އޮތް ކަމަށް ތުހުމަތުކުރައްވާފައެވެ.

https://sun.mv/169616

ޑރ. މުނައްވަރަކީ ފޯޅަވަހި މައްސަލައިގައި ސަރުކާރަށް ލަފާދިނުމުގައި މީގެކުރިން އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ފޯޅަވަހީގެ މައްސަލައިގައި ސަރުކާރުން ނިންމާފައި ވަނީ، ފޯޅަވަހީގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ނިންމާފައިވާ ނިންމުމަށް އދ.ގައި ތާއިދު ކުރުމަށެވެ.

އެ މައްސަލައިގައި އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އިނގިރޭސިވިލާތުން ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރަންޖެހޭ ކަމަށް އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް އދ. ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ.

comment ކޮމެންޓް