ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވެއްޖެ

--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިއަދު ގދ. އަތޮޅުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު މަރުވެފައިވާ ކަަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނޫސްވެރިންނާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން މަރުވެފައި ވަނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން މެއަށް ތަދެއް އަރައި، ފިޓު ޖެހުން ފަދަ އަލާމާތްތަކެއް ފެނުމުން އޭނާ ގދ. މަޑަވެލި ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް މަރުކަޒުން ބުނި ކަމަށް ފުލުހުން ހާމަކުރިއެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ބެހޭ މައުލޫމާތު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް އެދިފައިވާ ކަމަށެވެ. އަދި އޭނާ މަރުވި ސަބަބު ހޯދަން އޮޓޮޕްސީ ހަދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން މަޑަވެލި ކައުންސިލްގެ މެންބަރު މުހައްމަދު ޝިއާއު ޒާހިރު "ސަން"އަށް ވިދާޅުވީ، އެ މީހާއަކީ ހޯނޑެއްދޫ މީހެއް ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބެއް ނޭނގޭ ކަމަށެވެ. ނަމަވެސް އޭނާ ހިފެހެއްޓީ މިއަދު މެންދުރު މާލެއިން ހޯނޑެއްދުއަށް ދިޔަ ފުލުހުންގެ ޓީމެއް ކަމަށް ޝިއާއު ވިދާޅުވިއެވެ.

ފުލުހުން އެ މީހާ ހިފެހެއްޓުމަށް ފަހު ލޯންޗަކަށް އަރުވައިގެން ދިޔަ ކަމަށާއި ލޯންޗަށް އެރުވި ވަގުތު ވެސް މެޔަށް ތަދުވާ ވާހަކަ ބުނިކަމަށް މައުލޫމާތު ލިބިފައިވާކަމަށް ޝިއާއު ވިދާޅުވިއެވެ.

"މޭގަ ރިއްސާ ވާހަކަ ބުނީމަ ލޯންޗުގެ ކުރީކޮޅުގަ ބައިންދައިގެން ނައްޓާލީ،" އޭނާ ވިދާޅުވިއެވެ.

ފުލުހުން އެ މީހާ ގެންދިޔައީ ކޮން ތަނަކަށް ކަން ޔަގީން ނުވާ ކަމަށާއި ނަމަވެސް ލަފާ ކުރެވެނީ އޭނާ ތަހުގީގަކަށް ފަޅު ރަށަކަށް ގެންދިޔައީ ކަމަށް ކަމަށް ޝިއާއު ވިދާޅުވިއެވެ. އަދި އެ މީހާ މަޑަވެއްޔަށް ގެންދިޔައީ އޭގެ ފަހުންކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެ މީހާއަކީ މީގެ ކުރިން ފިޓުޖެހޭ މީހެއް ނޫން ކަމަށާއި އޭނާއަކީ ހޯނޑެއްދޫގައި ލަނޑާ ނަގައި، އެ ވިޔަފާރި ކުރާ މީހެއް ކަމަށް ޝިއާއު ވިދާޅުވިއެވެ.

"އެއްވެސް މައްސަލައެއް ހުންނަ މީހެއް ނޫން ހަމަ ވަރަށް ވަރުގަދަ ހަށިގަނޑެއް ލާފަ ހުންނަ ނޫކަށިފުރާގެ ޒުވާނެއް އެއީ،" ޝިއާއު ވިދާޅުވިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށުން އެ މީހާ ގެންގޮސްފައި ވަނީ ކުއްޔަށް ހިފާފައިވާ ލޯންޗެއްގައި ކަމަށާއި އެ ލޯންޗުގައި އާންމުން ވެސް ތިބި ކަމަށެވެ.

comment ކޮމެންޓް