ފްރާންސްގެ ގައުމީ ޓީމުން ކެތްތެރިކަމާއެކު ޕައުލް ޕޮގްބާއަށް އިންތިޒާރު ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ޑިޑާ ޑެޝޯމްޕްސް ބުނެފިއެވެ.
މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ޔުވެންޓަސްއަށް މި ސީޒަނުގައި ބަދަލުވެ ސީޒަނަށް ތައްޔާރުވުމަށް ކުޅުނު އެކުވެރި ކަމުގެ މެޗެއްގެ ތެރެއިން ޕްގްބާއަށް އަނިޔާވެ ވޯލްޑްކަޕްގައި ނުކުޅޭވޭނެކަމަށް ބެލެވިފައިވަނިކޮށް އޭނާ މިހާރު ވަނީ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފަށައިފައެވެ.
މި ސީޒަންގައި އެއްވެސް މެޗެއް ނުކުޅެ ހުރި ޕޮގްބާ ފަރިތަކުރުންތަކުގައި ބައިވެރި ވިނަމަވެސް އޭނާ ޓީމާއެކު ފަރިތަކޮށްފައިނުވެއެވެ.
އިއްޔެ މީޑިއާއާ ވާހަކަދައްކަމުން ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ބުނީ އެ ޓީމުން އޭނާއަށް އިންތިޒާރު ކުރާނެ ކަމަށެވެ. އެ ޓީމުން އޭނާ ބޭނުންވާ ވަގުތު ދޭނެކަމަށް ވެސް އޭނާ ބުންޏެވެ.
ޑިޝޯމްޕްސް ބުނީ އެންމެންނަށް ވެސް ޕޮގްބާގެ ފެންވަރު އެނގޭކަމަށާއި، އޭނާ އަކީ ފްރާންސަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.
"އަހަރުމެން އުންމީދުކުރަނީ ރަނގަޅު ފޯމެއްގައި އޭނާ އެނބުރި އަންނާނެކަމަށް. އެކަމުގެ ސަބަބުން ޔުވެންޓަސްއަށާއި އަހަރުމެންނަށް ފައިދާވާނެ" ޑެޝޯމްޕްސް ބުންޏެވެ.

ޕޮގްބާ ވޯލްޑްކަޕްގެ ތަށްޓާއެކު ---
ޕޮގްބާއަކީ 2018 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އެ ޓީމުގައި ޕޮގްބާއާއެކު މެދު ތެރޭގައި ހަރަކާތްރެރިވި އެންގޯލޯ ކަންޓޭއަށް ވެސް ވަނީ އަނިޔާވެފައެވެ. އެ އަނިޔާގެ ސަބަބުން އޭނާއަށް ވޯލްޑްކަޕްގައި ނުކުޅޭވޭނެކަން ވަނީ ޔަގީންވެފައެވެ.
ފްރާންސްގެ ޓީމުގެ ޑިފެންޑަރު ރަފައެލް ވަރާން އަށް ވެސް ވަނީ މި ހަފުތާގައި އަނިޔާވެފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އޭނާ މަދުވެގެން މަހެއް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ. އަދި މުބާރާތް ފަށާއިރު ވެރާން ފިޓް ނުވާނެކަމަށް ވެސް އެ މީޑީއާތަކުން ބުނެއެވެ.
ގަތަރުގައި އަންނަ މަހު ފަށަން ހަމަޖެހިފައިވާ ވޯލްޑްކަޕް ފަށަން މިހާރު އޮތީ 26 ދުވަހެވެ.
މިއަހަރުގެ ވޯލްޑުކްޕަގައި ފްރާންސްގެ ފުރަތަމަ މެޗުގައި އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ނިކުންނާނީ އޮސްޓްރޭލިޔާއާ ދެކޮޅަށެވެ. ވޯލްޑްކަޕްގެ ގްރޫޕް ޑީގައި ފްރާންސް ހިމެނިފައި ވަނީ ޑެންމާކާއި ޓުނޭޝިއާއި އޮސްޓްރޭލިއާ އެކުގައެވެ.