އެނބުރި ވަރަށް އަވަހަށް އަންނާނަން، ޓީމަކާ ހަވާލުވާން ދެން ގިނަ ދުވަހެއް ނެތް: ޒިދާން

ޒިދާން ރެއާލްއާއެކު ޗެމްޕިއަންސް ލީގު އުފުލާނީ --- ފޮޓޯ/ ގޯލް

ވަރަށް އަވަހަށް ކޯޗުކަމުގެ ތެރެއަށް އެނބުރި އަންނާނެކަމަށް ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ޒަނުއްދީން ޒިދާން ބުނެފިއެވެ.

އާރްއެމްސީއަށް ދިން އިންޓަވިއުއެއެއްގައި ޒިދާން ބުނެފައިވަނީ އޭނާ އަނެއްކާ ކޯޗު ކޮށްދޭން ފަށަން ދެން މާގިނަ ދުވަހެއް ނެތްކަމަށެވެ.

ސަޕޯޓަރުން ކެތްތެރިވެގެން ތިބުމަށް ޒިދާން ވަނީ އެދިފައެވެ. އަދި އޭނާ ވަރަށް އަވަހަށް އެނބުރި އަންނާނެކަން ސަޕޯޓަރުންނަށް ޔަގީންކޮށްދޭކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެން އެނބުރި އަންނާނަން. އަދި މަޑުކުރޭ، ކުޑަ ދުވަސްކޮޅަކަށް މަޑުކުރޭ. ދެން ކޯޗިންގެ ތެރެއަށް ވަންނާކަަށް މާ ގިނަ ދުވަހެއް ނެތް،" ޒިދާން ބުންޏެވެ.

ޒިދާން އެންމެ ފަހުން ކޯޗުކޮށްދީފައިވަނީ ރެއާލް މެޑްރިޑަށެވެ. 2013 ވަނަ އަހަރު ރެއާލްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އެ ޓީމާ ގުޅުނު ޒިދާން ވަނީ 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާހަމައަށް ރެއާލްގެ ޔޫތު ޓީމަށް ކޯޗު ކޮށްދީފައެވެ.

ރެއާލްގެ ކޯޗުކަމާ އޭނާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. އަދި އެ މަގާމު 2018 ވަނަ އަހަރު ދޫކޮށްލުމަށްފަހު އަލުން 2019 ވަނަ އަހަރު އޭނާ ވަނީ އެ ޓީމާ ގުޅިފައެވެ. ދެ އަހަރު އެ ޓީމުގައި މަޑުކުރުމަށްފަހު އޭނާ ރެއާލް ދޫކޮށްލީ މިދިޔަ އަހަރުއެވެ.

އޭނާ ވަނީ ރެއާލްއާއެކު ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި ޔޫއެފާ ކްލަބު ވޯލްޑްކަޕާއި ޔޫއެފާ ސުޕަ ކަޕް ދެ ފަހަރެއްގެ މަތިން އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. ޒިދާން ވަނީ ސްޕެނިޝް ލަލީގާ އެއްއަހަރު ކާމިޔާބުކޮށް ސްޕެނިޝް ސުޕަ ކަޕް ވެސް ކޯޗެއްގެ ހައިސިއްޔަތުން އުފުލާލައިފައެވެ.

ޒިދާން ވަނީ ފީފާއިން ހޮވާ އެންމެ މޮޅު ކޯޗުގެ މަގާމު 2017 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް