ކިޔޭވް (23 އޮކްޓޯބަރު 2022): އީރާނުގެ ޑްރޯންތައް ބޭނުންކޮށްގެން ރަޝިއާ ދިން ހަމަލާތަކުގައި ޔުކްރެއިންގެ ހަކަތައިގެ މަރުކަޒުތަކާއި ކަރަންޓާ ގުޅޭ ވަސީލަތްތައް ސުންނާފަތިކޮށްލައިފި ކަމަށް ޔުކްރެއިންގެ ރައީސް ވްލަދިމީރު ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ޒެލެންސްކީ މިހެން ވިދާޅުވިއިރު ޔުކްރެއިންގެ ވެރިރަށް ކިޔޭވް އާއި އެގައުމުގެ އެނޫންވެސް ސިޓީތަކުގައި ކަރަންޓެއް ނެތެވެ. އޮތީ އަނދިރިކޮށެވެ. ކިރިޔާވެސް އަލިކަމެއް ލިބެނީ ކާރުތަކާއި އެނޫން ވެހިކަލްތަކުގެ އަލިންނެވެ. ޒެލެންސްކީ ވިދާޅުވިގޮތުގައި ރަޝިއާގެ ހުރިހާ ހަމަލާތަކަކުން ދިފާއު ކުރެވޭވަރުގެ ހަތިޔާރު ޔުކްރެއިން އަކަށް ނުލިބެއެވެ.
ނަމަވެސް ޔުކްރެއިންގެ ދެކުނުގެ ޚެރްސޮން ސަރަހައްދުގައި އެއްގަމު މަގުން ރަޝިއާގެ ސިފައިން ފަހަތަށް ޖައްސަމުން ގެންދާކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ރަޝިއާއިން ޔުކްރެއިންގެ ކަރަންޓަ ވިއުގައާއި ހަކަތައާބެހޭ މަރުކަޒުތައް ހަލާކުކޮށްލީ އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުން ޔުކްރެއިން އަށް ފޮނުވާ ހަތިޔާރު ގެންނަނީ ކަރަންޓާއި އެނޫންވެސް ހަކަތައިގެ ބާވަތްތައް ބޭނުންކޮށްގެން ދަތުރުކުރާ ރޭލްތަކުގައި ކަމަށްވާތީ ހުޅަނގުގެ ހަތިޔާރުގެ ސަޕްލައި ކަނޑާލުމުގެ ބޭނުމުގައެވެ. އަދި ޔުކްރެއިން ސިފައިންނަށް އަމާން ދޭން މަޖުބޫރު ކުރުވުމުގެ ސްޓްރެޓެޖީގެ ދަށުންނެވެ.
ރަޝިއާއިން ޑްރޯންގެ އިތުރުން ބަލިސްޓިކް މިސައިލް ބޭނުންކޮށްގެން ޔުކްރެއިންގެ އިލެކްޓްރިކް ޕަވާ ސްޓޭޝަންތަކާއި ތެލާއި ގޭހާއި ކޯލް ފަދަ ހަކަތައިގެ ބާވަތްތައް ރައްކާކުރާ މަރުކަޒުތަކުގެ ބޮޑުބައި މިހާރު ވަނީ ހަލާކުކޮށްލާފައެވެ. ޔުކްރެއިންގެ ސަރުކާރު ބުނާގޮތުންވެސް އެގައުމުގެ ހަކަތައިގެ މަރުކަޒުތަކުގެ 70 އިންސައްތަ މިހާރުވަނީ ހަލާކުކޮށްލާފައެވެ.
އަނެއްކޮޅުން ރަޝިއާ ގެންދަނީ އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުން ޔުކްރެއިން އަށް ފޮނުވާ ހަތިޔާރު ޔުކްރެއިން އަށް އެތެރެކުރާ ސަޕްލައި ޗެއިންތަކަށް ޚާއްސަކޮށްގެން ވަރުގަދަ ހަމަލާތަކެއް ދޭންވެސް ތައްޔާރުވަމުންނެވެ. މިކަމަށް ޚާއްސަކޮށްގެން ބެލަރޫސް އާއެކު ބެލަރޫސްގެ ސަރަހައްދީ ރޮނގުން ހަނގުރާމައިގެ އިތުރު ފްރަންޓެއް ހުޅުވަން ރަޝިއާ އާއި ބެލަރޫސް ގެންދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުން ޔުކްރެއިން އަށް ފޮނުވާ ހަތިޔާރުގެ ގާތްގަނޑަކަށް 80 އިންސައްތަ ގެންނަނީ ޕޮލެންޑްގެ ސަރަހައްދީ ރޮނގު ހުރަސްކޮށެވެ. ބެލަރޫސް އަކީ ޕޮލެންޑާއި ޔުކްރެއިން ގުޅޭ ސަރަހައްދީ ރޮނގާ ކައިރީގައިވާ ގައުމެއްކަމުން ރަޝިއާ ސިފައިން ބެލަރޫސްގެ ފަޅިން ހަނގުރާމައިގެ އިތުރު މައިދާނެއް ހުޅުވައިފިނަމަ ހުޅަނގުން ޔުކްރެއިނަށް ފޮނުވާ ހަތިޔާރުގެ ސަޕްލައި ޗެއިނަށް ކާމިޔާބު ހަމަލާތަކެއް ދެވޭނެއެވެ.
މިގޮތަށް ހަމަލާދެވިއްޖެނަމަ ހުޅަނގުން ޔުކްރެއިނަށް ފޮނުވާ ހަތިޔާރުގެ ސަޕްލައި ހުއްޓި އެކަން ނިމުމަކަށް އަންނާނެއެވެ. ނޫނީ ހަތިޔާރުގެ ސަޕްލައިގެ ގާތްގަނޑަކަށް 80 އިންސައްތަ ހުއްޓުވާނެ ކަމަށް ރަޝިއާ ދެކެއެވެ. މިހާލަތުގައި ޔުކްރެއިން ސިފައިން އިނދަޖެހި އަމާންދޭން މަޖުބޫރުވާނެކަމަށްވެސް ރަޝިއާގެ ކޮމާންޑަރުން ދެކެއެވެ.
ރަޝިއާގެ ޑްރޯންއާއި މިސައިލް ހަމަލާތަކުގެ ސަބަބުންނާ އަދި ޔުކްރެއިންގެ އެއާޕޯޓްތަކާއި ވައިގެ ބޭސްތައް ހަލާކުކޮށްލާފައިވާތީ ވައިގެ މަގުން ހަތިޔާރު ފޯރުކޮށްދިނުމަކީ އެމެރިކާއަށްވެސް އަދި ނޭޓޯގެ އެހެން ގައުމަކަށްވެސް މިހާރު ކުރެވޭނެ ކަމެއް ނޫނެވެ.
ޔުކްރެއިންގެ ކަނޑުގެ ބަނދަރުތަކަށް ބަލާއިރު ރަޝިއާގެ އަތްދަށަށް ނުގޮސް އޮތީ އޮޑެއްސާގެ ބަނދަރު އެކަންޏެވެ. އެތަނަކީ ޔުކްރެއިންގައި ރަޝިއާ ކޮންޓްރޯލް ކުރާ ހަތަރު ސަރަހައްދާއި 2014 ވަނަ އަހަރުން ފެށިގެން ރަޝިއާގެ ތަނެއްގެ ގޮތުގައި އޮންނަ ޔުކްރެއިންގެ ކްރައިމިއާ ސަރަހައްދާ ވަރަށް ގާތުގައި އޮންނަ ބަނދަރަކަށްވާތީ އެބަނދަރުން ހަތިޔާރު ސަޕްލައި ކޮށްދިނުމަކީވެސް އެމެރިކާއާއި ނޭޓޯއަށް މިހާރު ކުރެވޭނެ ކަމެއްނޫނެވެ.
ޔުކްރެއިން ހަނގުރާމައިގާ ރަޝިއާ ގެންގުޅޭ އީރާނުގެ ޑްރޯންތައްވެސް ޔުކްރެއިންއަށްވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައެވެ. މިއީ ކޮތަރު ފަދަ ހަލުއި ދޫނިތައް ގޮތަށް ގޯޅި ގޯޅިންނާއި ދެގެދޭތެރެއިން ވަރަށް ބާރަށް އަދި ވަރަށް ފަސޭހަކަމާއެކު ގޮވާތަކެތި ހިފައިގެން އުދުހުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯންތަކެކެވެ.
ގާތްގަނޑަކަށް 30 ނޫނީ 40 ކިލޯ ގްރާމުގެ ގޮވާތަކެއްޗާއެކު ފަސޭހަކަމާއެކު ދޫނިތައް އުދުހޭ ގޮތަށް އުދުހުމުގެ ގާބިލްކަން ލިބިފައިވާ އީރާނުގެ ޑްރޯންތަކަކީ ހަމަލާ ދޭން ބޭނުންވާ ކޮންމެ ތަނަކަށް ގޮވާތަކެއްޗާއެކު ވެއްޓިގަނެ ޑްރޯން އަމިއްލައަށް ހަލާކުވެގެން ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯންތަކެވެ. މިތަކެތި ދަތުުރުކުރާލެއް ތިރިކަމުން ރާޑަރަށް ނާރަތީ އެތަކެތި ވައްޓާލުންވެސް ފަސޭހައެއް ނޫނެވެ. އަނެއްކޮޅުން ވައްޓާލިނަމަވެސް ބޮޑު ގޮވުމެއް ގޮވާނެއެވެ. އެއީ އޭގައިވާ 40 ކިލޯގްރާމުގެ ގޮވާތަކެތި ގޮވާނެތީއެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުކްރެއިން ތުހުމަތުކުރާ ގޮތުގައި ރަޝިއާ ދޭ ބައެއް މިސައިލް ހަމަލާތަކުގައިވެސް ބޭނުންކުރަނީ އީރާނުގެ ބަލިސްޓިކް މިސައިލްއެވެ. އީރާނުން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭ މައްސަލާގައި އެމެރިކާއާއި ނޭޓޯގެ ގައުމުތައްވަނީ ވަރަށް ބޮޑަށް ރުޅިގަދަވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންފަށާފައެވެ. ނަމަވެސް ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭކަމަށް އީރާން އެއްބަހެއް ނުވެއެވެ.
ތަޖުރިބާކާރުން ދެކޭގޮތުގައި ރަޝިއާ އީރާނުގެ ހަތިޔާރު ގަންނަނީ ދެބޭނުމެއް ގައެވެ. އެއްބޭނުމަކީ ހަނގުރާމަ ދިގުލައިގެން ހިނގައިދާނެތީ ރަޝިއާގެ ހަތިޔާރު އެހާ ގިނައިން ބޭނުންނުކޮށް އޭގެ ސްޓޮކް ހުސްނުވާނެ ގޮތަކަށް ބެހެއްޓުމެވެ. އަނެއްކަމަކީ އީރާނުގެ ހަތިޔާރު ހަނގުރާމައިގެ މައިދާނުގައި ހުޅަނގުގެ ޒަމާނީ ހަތިޔާރާ ދެކޮޅަށް ތަޖުރިބާކުރުމުގެ ފުރުސަތު އީރާނަށް ހޯދައި ދިނުމެވެ. މިތަޖުރިބާގެ އަލީގައި ހަތިޔާރު އިތުރަށް ތަރައްގީކޮށް ފެންވަރު ރަނގަޅު ކުރުމުގެ ފުރުސަތު އީރާނަށް ލިބޭނެއެވެ. މިއީ އީރާނަށް ރަނުގެ ފުރުސަތެކެވެ.