ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ސްރީލަންކާގެ ރައީސް، ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ރައީސް ނަޝީދު އިއްޔެ ލަންކާގެ ރައީސްއާ ބައްދަލުކުރެއްވި ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ ތަދުމަޑުކަމާއި އިގްތިސާދީ ބަނގުރޫޓުވުމުން އަރައިގަތުމަށްޓަކައި ލަންކާއަށް ބޭރުގެ އެހީ ހޯދުމަށް ރައީސް ނަޝީދު ހަމަޖައްސަވާފައިވާއިރު ދާދިފަހުން އެމަނިކުފާނު ވަނީ ރަނިލްގެ އިންޓަނޭޝަނަލް ކްލައިމެޓް އެޑްވައިޒަރުގެ މަގާމަށް ވެސް އައްޔަނުކުރައްވާފައެވެ.
ލަންކާއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް އެގައުމުން ގެންދަނީ ޚަރަދު ކުޑަކުރުމުގެ ގޮތުންނާއި އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން އެތައް ކަމެއް ކުރަމުންނެވެ. މީގެތެރޭގައި ބޭރުން އިމްޕޯޓްކުރާ ގިނަ ބާވަތްތަކެއް އިމްޕޯޓު ކުރުން ހުއްޓާލުމާއި ދަނޑުވެރިކަން އިތުރު ކުރުމާއި ސަރުކާރުގެ އިދާރީ ޚަރަދުތައް ކުޑަކުރުން ހިމެނެއެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގެ ސަބަބުން އިގްތިސާދީ ގޮތުންނާއި މާލީގޮތުން އެގައުމުވަނީ އިނދަޖެހިފައެވެ. އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދައި ދިނުމުގައި ސްރީލަންކާ ސަރުކާރު ވަނީ ނުކުޅެދިފައެވެ.
ސްރީލަންކާގެ ބޭރުގެ ދަރަނީގެ މިންވަރަކީ 51 ބިލިޔަން ޑޮލަރެވެ. މިލޯންތަކަށް ދައްކަންޖެހޭ ރިޕޭމަންޓް ފައިސާ ދެއްކުމަށް ސްރީލަންކާގެ މާލިއްޔަތު ނުކުޅެދިފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ.