މިދިޔަ އަހަރާ އަޅާބަލާއިރު، ފަތުރުވެރިން އައި އަދަދު 34 ޕަސެންޓު އިތުރުވެއްޖެ

ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަހާ އަޅާ ބަލާއިރު، މިއަހަރުގެ ފުރަމަ ނުވަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 34.1 ޕަސެންޓު އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް ޖުމްލަ 111،986 ފަތުރުވެރިން ވަނީ ޒިޔާރާތް ކޮށްފައެވެ. އެއާ އަޅާބަލާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭ ޒިޔާރާތް ކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 114،896އެވެ.

މި އަހަރުގެ މިހާތަނަށް ޖުމްލަ 1.28 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި ޒިޔާރާތް ކުރީ 953،725 މީހުންނެވެ. ކޮވިޑުގެ ކުރިން، 2019 ވަނަ އަހަރުގެ މި މުއްދަތުގައި 1.34 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުން އައި ފަތުރުވެރިންގެ އަދަދު، ޖުމްލަ އަދަދުގެ 14.1 ޕަސެންޓު ހިއްސާކުރެއެވެ.

ޔޫކްރޭން ހަނގުރާމައަށް ފަހު، ރަޝިޔާއިން އަންނަ ފަތުރުވެރިން އިތުރުވެ، އެ މާކެޓުގެ ހިއްސާ ވަނީ 12.2 ޕަސެންޓަށް އިތުރުވެފައެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސިވިލާތުން ހިއްސާކުރަނީ 10.9 ޕަސެންޓެވެ.

މި މަހުގެ މިހާތަނަށް، ދުވާލަކު އެވްރެޖްކޮށް 4،664 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އަދި އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި 8.1 ދުވަހު މަޑުކޮށްފައިވެއެވެ.

ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން ކަމުން ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެއެވެ.

comment ކޮމެންޓް