ކާމިޔާބު ފުޓުބޯޅަ ކެރިއަރަކަށްފަހު ރިބެރީ ކުޅުން ހުއްޓާލައިފި

ކާމިޔާބު ފުޓުބޯޅަ ކެރިއަރަކަށްފަހު ފްރާންސްގެ ތަރި ފްރޭންކް ރިބެރީ ރިޓަޔާވާން ނިންމައިފައެވެ.

އޭނާ ކުޅުން ހުއްޓާލާކަން އެންގުމަށް ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާގެ ފުޓުބޯޅަ ކުޅުމުގެ ކެރިއަރު ނިމުމަކަށް ގެނެސް ފުޓުބޯޅަ ކުޅުން ހުއްޓާލަންވީ ވަގުތު މިހާރު އައިސްފައިވާކަމަށެވެ.

ރިބެރީ ބުނީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި އޭނާ ބޭނުންވި ހުރިހާ ކަމެއް ހާސިލުވެފައިވާކަމަށެވެ. ފުޓުބޯޅައިގެ އެންމެ މަތީ ހަރުފަތުގައި ގިނަ ދުވަސްތަކަކު އޭނާއަށް ކުޅުމުގެ ފުރުސަތު ލިބިފައިވާކަމަށް ރިބެރީ ބުންޏެވެ.

"އަހަރެންނަށް ފުޓުބޯޅަ ކުޅުން ހުއްޓާލުން ނޫންގޮތެއް ނެތް. އަހަރެންގެ ކަކުލަށް ވަނީ މީގެ ތިން މަސް ކުރިން ބޮޑު އަނިޔާއެއް ވެފައި،" ރިބެރީ ބުންޏެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އޭނާގެ ކަކުލަށް ލިބުނު އެ އަނިޔާއިން ރަނގަޅުވާން އަހަރެއް ނަގާނެކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ރިބެރީއަކީ ހަލުވި މޮޅު ފޯވާޑެކެވެ. ފްރާންސްގެ ބޮލޯން އިން 2000 ވަނަ އަހަރު ޕްރޮފެޝަނަލް ފުޓުބޯޅައިގެ ތެރެއަށް ވަތް ރިބެރީ ބޮޑަށް ވިދަން ފެށީ 2005 ވަނަ އަހަރު މާސޭއަށް ބަދަލުވި ހިސާބުންނެވެ.

މާސޭއާ އެ ފަހަރު ގުޅުުމުގެ ކުރިން އޭނާ ވަނީ ފްރާންސްގެ އަލޭސް، ބްރެސްޓް، މެޓްޒް އަދި ތުރުކީގެ ގަލަސަތަރާއި އަށް ކުޅެފައެވެ.

ރިބެރީ ބަޔާންއާއެކު ކާމިޔާބުކުރި ބައެއއް ތައްޓާއެކު--- ފޮޓޯ/ ބަޔާން މިއުނިކް

މާސޭއަށް އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޖަރުމަނުގެ ގަދަ ބާރު ބަޔާން މިއުނިކުން އޭނާގެ ސޮއި ހޯދިއެވެ. ބަޔާނަށް ބަދަލުވުމުގެ ކުރިން މާސޭއަށް އޭނާ ވަނީ 60 މެޗު ކުޅެ 11 ގޯލު ޖަހައިފައެވެ.

ރިބެރީ ބަޔާނަށް ބަދަލުވެފައިވަނީ 2007 ވަނަ އަހަރުއެވެ. އޭނާގެ ކެރިއަރުގެ ރަންޒަމާން ހޭދަކޮށްފައިވަނީ ބަޔާނުގައެވެ. އެ ޓީމާއެކު ރިބެރީ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ޖަރުމަނު ލީގު ނުވަ ފަހަރު ރިބެރީ އުފުލާލައިފައިވާއިރު، އޭނާ ވަނީ ހަ ފަހަރެއްގެ މަތިން ޖަރުމަނު ލީގު ކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ރިބެރީ ވަނީ ބަޔާނާއެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން ކުލަބު ވޯލްޑްކަޕް ވެސް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

ރިބެރީ ބަޔާން ދޫކޮށްލީ 2019 ވަނަ އަހަރުގައެވެ. ބަޔާން ދޫކޮށްލުމަށްފަހު އޭނާ ބަދަލުވީ ފިއޮރެންޓީނާއަށެވެ. ދެ އަހަރު އެ ޓީމުގައި މަޑުކުރުމަށްފަހު ރިބެރީ ދެން ވެސް ގުޅުނީ އިޓަލީގެ ކުލަބެއްކަމަށްވާ ސެލަނިޓާނާއަށެވެ. މިއަދާހަމައަށް އޭނާ ހުރީ އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައެވެ.

comment ކޮމެންޓް