ފަނޑިޔާރު ޝުއައިބު މަގާމުން ރިޓަޔާ ކުރައްވަނީ އަންނަ މަހުގެ 22ގައި

ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ: ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވަން ވަނީ ނިންމަވާފައި ---

ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އެދިލެއްވުމުގެ މަތިން އަންނަ މަހުގެ 22ގައި އޭނާ މަގާމުން މުސްކުޅިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީއިން މިއަދު ބުނީ ޝުއައިބު ރިޓަޔާ ކުރައްވަން ނިންމެވީ ސިއްހީ ސަބަބުތަކާ ހެދި ކަމަށެވެ.

އެހެންކަމުން "އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވި ނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު"ގެ ދަށުން ޝުއައިބު މަގާމުން މުސްކުޅިކޮށްދޭން ޖޭއެސްސީން މިދިޔަ އާދިއްތަ ދުވަހު ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ޝުއައިބް ފަނޑިޔާރުކަން ކުރައްވަމުން ގެންދަވަނީ ޖޫން 1، 1999އިން ފެށިގެންނެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކޮށްފައިވަނީ މާޗު 26، 2011ގައެވެ.

ޝުއައިބު ވަނީ ގަތަރުގެ, ގަތަރު ޔުނިވާސިޓީ އިން ގާނޫނާއި ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ 1997 ވަނަ އަހަރު ހާސިލު ކުރެއްވުމަށްފަހު، 2006 ވަނަ އަހަރު މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހައްދަވާފައެވެ.

ޝުއައިބު ވަނީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރު ކަމާއި ހާއްސަ ގާޒީ ކަމާއި، ފެމިލީ ކޯޓުގެ ގާޒީކަމާއި، މަދަނީ ކޯޓާއި، ޖުވެނައިލް ކޯޓުގެ އިސް ގާޒީގެ މަގާމު އަދާކުރައްވާފައެވެ. އަދި މަޖީދިއްޔާ ސްކޫލްގައި ކިޔަވައިދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގައި އޭނާ ވަނީ ލެކްޗަރާއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.

ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަބްދުالله އަލީ ވެސް ދާދި ފަހުން ވަނީ ރިޓަޔާ ކުރައްވާފައެވެ. ފަނޑިޔާރުކަމުން އޭނާ ރިޓަޔާ ކުރެއްވީ 36 އަހަރުގެ ޚިދުމަތަށް ފަހުގައެވެ.

comment ކޮމެންޓް