ރާއްޖޭގައި ފުޓުބޯޅައިގެ ކުރިއެރުމަށް ސަރުކާރުން ކުރަމުން އަންނަ އެންމެ މުހިންމު މަސައްކަތަކީ އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުން ކަމަށާއި އެކަންކަމުގެ ނަތީޖާ ފަސް ވަރަކަށް އަހަރު ފަހުން ފެންނާނެ ކަމަށް، ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވުމަށް ސަރުކާރުން އަހުއްމިއްޔަތު ކަމެއް ދޭ ކަމަށެވެ.
އެގޮތުން އެންމެ ބޮޑު ސަމާލު ކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ ބޮޑެތި ދަނޑުތައް ގާއިމް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ރަށްރަށުގައި ފުޓުބޯޅަ ކުޅުން ވަނީ އެއްކޮށް ނިމުމަކަށް އައިސްފަ. މިނީ ފުޓުބޯޅަ ދަނޑުތަކެއްގައި ފުޓުބޯޅައިގެ ބަދަލުގައި ކުޅެނީ ފުޓްސަލް،" މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ މިހާރު ގާއިމް ކުރެވޭ ވަސީލައްތަކުގެ ނަތީޖާ މީގެ ފަސް އަހަރު ނުވަތަ ހަ އަހަރު ފަހުން ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގައުމީ ޓީމާ ދެކޮޅަށް ގިނަ ލަނޑުތަކެއް ވަނުމުގައި ސީދާ އޭނާއަށް ކުރެވޭނެ ކަމެއް ނޯންނާނެއެވެ.
އެކަމުގެ ކަންބޮޑުވުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަލީއާ ވެސް ހިއްސާ ކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް ފަދަ ގައުމުތަކާ އެއް ހަމައަށް އައުން ވަރަށް ބޮޑަށް އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއީ އެ ގައުމުތަކުގައި އެތައް މިލިއަން މީހުން ތިބޭއިރު، އެ މީހުން ފުޓްބޯޅަ އަށް އެތައް މިލިއަނުން ހަރަދު ކުރާތީ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް އިތުރަށް ވިދާޅުވީ އިންޑިއާގެ އެލްއޯސީ ޕްރޮޖެކްޓެއްގެ ތެރެއިން ގަލޮޅު ދަނޑު އެއްކޮށް ތަޅާލައި އާ ދަނޑެއް އެޅުމުގެ މަޝްރޫއު ވަރަށް ބާރަށް ކުރިޔަށް ދާ ކަމަށެވެ.
އެކަން ކުރާނީ ހުޅުމާލޭގައި އޮތް ދަނޑުގައި ކުޅެވޭނެ ސެޓަޕްތައް ހެދުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެއަށް ފަހު ރަނގަޅު ފެންވަރެއްގެ ދަނޑެއްގެ ގޮތުގައި ގަލޮޅު ދަނޑު ތަރައްގީ ކުރައްވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.