އީރާނު ޑްރޯންތަކުގެ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް!

އީރާނުގެ ޑްރޯން އެއް

އދ. މަޖިލިސް (19 އޮކްޓޯބަރު 2022) : އީރާނުގެ ޑްރޯންތައް ބޭނުންކޮށްގެން ރަޝިއާއިން ޔުކްރެއިން އާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކުގެ މައްސަލަ ހުޅަނގުގެ ގައުމުތަކުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

އދ. ގައި ތިއްބަވާ ހުޅަނގުގެ ޑިޕްލޮމޭޓުން ވިދާޅުވާގޮތުގައި އެމެރިކާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން ގެންދަނީ އީރާނުގެ ޑްރޯންތައް ބޭނުންކޮށްގެން ރަޝިއާއިން ޔުކްރެއިނަށް ދެމުންގެންދާ ހަމަލާތަކުގެ މައްސަލަ ސީރިޔަސް ކަމެއްގެ ގޮތުގައި ދެކެ އެހަމަލާތައް ހުއްޓާލަން ގޮވާލާ ގަރާރެއް ސަލާމަތީ މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންނެވެ.

ނަމަވެސް މުރާސިލުން ބުނާގޮތުގައި ރަޝިއާ ވީޓޯކުރާނެކަމަށް ބެލެވޭތީ މި މައްސަލައާ ބެހޭގޮތުން ސަލާމަތީ މަޖިލީހުގައި މަޝްވަރާކޮށް، މި މައްސަލައަށް ދުނިޔޭގެ ސަމާލުކަން ގެނައުން ފިޔަވައި އެހެންކަމެއް ހުޅަނގުގެ ގައުމުތަކަށް ނުކުރެވޭނެއެވެ.

އީރާނުގެ ޑްރޯން އެއް އުދުއްސާލަނީ

ޔުކްރެއިންގެ ރައީސް ވްލަދިމީރު ޒެލެންސްކީ ވެސް ވަނީ ރަޝިއާގެ ހަމަލާތަކުގައި އީރާނުގެ ޑްރޯންތައް ބޭނުންކުރާ މައްސަލާގައި ވަރަށް ކަންބޮޑުވެވަޑައިގެން އެތައް ފަހަރަކު ވާހަކަދައްކަވާފައެވެ.

ޔުކްރެއިންގެ ވެރިރަށް ކިޔޭވްއާއި އެ ނޫން ވެސް ޔުކްރެއިންގެ ސިޓީތަކުގެ މުވާސަލާތީ މަރުކަޒުތަކަށާއި ހަކަތައިގެ މަރުކަޒުތަކަށް ހަމަލާދިނުމަށް ރަޝިއާ ބޭނުންކުރަނީ އީރާނުގެ ޑްރޯންތައް ކަމަށާއި އެ ހަމަލާތަކުގެ ސަބަބުން ޔުކްރެއިންގެ ހަކަތައާބެހޭ މަރުކަޒުތަކުގެ 40 އިންސައްތަ ހަލާކުކޮށްލާފައިވާކަން ޒެލެންސްކީ ވަނީ ފާހަގަ ކުރައްވާފައެވެ.

މި މައްސަލާގައި ރުޅިއައިސްގެން ޔުކްރެއިން އިއްޔެ ވަނީ އީރާނާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލިކަން ވެސް އިއުލާނުކޮށްފައެވެ. އޭގެކުރިން ޔުކްރެއިން ވަނީ ކިޔޭވްގައި ހުންނަވާ އީރާނުގެ ސަފީރު ބޭރުކޮށްލައި އީރާނުގެ ޑިޕްލޮމެޓުން ވެސް ޔުކްރެއިން އިން ބޭރުކޮށްލާފައެވެ.

ރަޝިއާއަށް އީރާނުގެ ޑްރޯންތައް ދޭކަމަށް ފަތުރާ ޚަބަރުތައް އީރާނުން ދޮގުކުރެއެވެ. ނަމަވެސް އެމެރިކާގެ ނޫހެއް ކަމަށްވާ "ވޮޝިންޓަން ޕޯސްޓް" ބުނާގޮތުން އީރާންއިން ވަނީ މައިގަނޑު ދެ ބާވަތެއްގެ ޑްރޯން ރަޝިއާއަށް ފޯރުކޮށްދީފައެވެ. އެއީ "ޝާހިދު" މަރުކާގެ ޑްރޯންއާއި "މުހާޖިރު" މަރުކާގެ ޑްރޯންއެވެ. މިއީ އީރާނުގައި އުފައްދާ އަސްކަރީ ޑްރޯންތަކުގެ ތެރެއިން ޓެކްނިކަލް ގޮތުންނާއި ހަމަލާދިނުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ފަހުގެ ޓެކްނޮލޮޖީގެ ޑްރޯންތަކެވެ.

އީރާނުގެ ބައެއް ޑްރޯންތައް

އީރާނުން 40 ވައްތަރުގެ ޑްރޯން އުފައްދައެވެ. ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ކްރައިމިޔާ ސަރަހައްދުގައި އީރާނުގެ ޑްރޯންތައް ހުރި ގުދަންތަކެއް އެމެރިކާގެ ޖާސޫސީ އިދާރާއިން ފާހަގަކޮށްފައިވާ ކަމަށާއި އީރާނުގެ ބައެއް ޑްރޯންތައް ބޭނުންކުރުމުގައި ރަޝިއާއަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލުކޮށްދޭން އީރާނުގެ ޑްރޯން ޓެކްނޮލޮޖީގެ ފަންނީ މާހިރުންނާއި އިންޖިނޭރުންގެ ޓީމެއް ރަޝިއާއަށް ގޮސް ޑްރޯންތައް ބޭނުންކުރުމުގައި ރަޝިއާއަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލުކޮށް މަރާމާތުކުރަންޖެހޭ ޑްރޯންތައް މަރާމާތު ކޮށްދިނުމުގައި ހަރަކާތްތެރިވާކަމަށް ސީއައިއޭ އާ ހަވާލާދީ "ވޮޝިންޓަން ޕޯސްޓް" ބުނެއެވެ. ނަމަވެސް ރަޝިއާ އާއި އީރާނުން މިކަން ދޮގުކުރެއެވެ.

އަސްކަރީ ތަޖުރިބާކާރުންގެ ނަޒަރުގައި ޔުކްރެއިންއާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ރަޝިއާގެ މިހާރުގެ ސްޓްރެޓެޖީއަކީ އަމާން ދޭން ޔުކްރެއިންއަށް މަޖްބޫރުވާ ހިސާބަށް ޔުކްރެއިންގެ މަދަނީ އިންފްރާސްޓްރަކްޗާ (ހަކަތައިގެ މަރުކަޒުތަކާއި މުވާސަލާތުގެ މަރުކަޒުތަކާއި ރޭލްވޭތައް ފަދަ) ހަލާކުކޮށްލައި ބިމާ ހަމަކޮށްލުމެވެ.

ޔުކްރެއިން ބުނާގޮތުން ވެސް ރަޝިއާ މިހާރު ވަނީ އެ ގައުމުގެ 60 އިންސައްތަ ހަކަތައިގެ މަރުކަޒުތައް ހަލާކޮށްލާފައެވެ. މިއާއެކު ޔުކްރެއިންގެ 60 އިންސައްތަ ސަރަހައްދުތަކުގައި މހާރު ކަރަންޓެއް ނެތެވެ. އަދި މޯބައިލް ފޯނާއި އިންޓަނެޓްގެ ޚިދުމަތްދޭ މަރުކަޒުތައް ހަލާކުކޮށްލާފައި ވުމުގެ ސަބަބުން ގައުމުގެ ބޮޑުބައެއްގައި މުވާސަލާތީ ޚިދުމަތެއް ވެސް ނެތެވެ.

މި ވަރުގެ ބޮޑެތި ގެއްލުންތަކާއެކު ވެސް ބިންމަތީގައި ކުރާ ހަނގުރާމައިގާ އަދި ޔުކްރެއިން ބަލިކޮށްލުމުގައި ރަޝިއާއަށް އެކަށީގެންވާ ގޮތެއްގައި ކާމިޔާބެއް ނުލިބެއެވެ. ނަމަވެސް ޔުކްރެއިންއަށް ބޭނުންވާވަރަށް ހަތިޔާރު ފޯރުކޮށްދިނުމުގައި އެމެރިކާއަށް ވެސް މިހާރު ވަނީ މައްސަލަތައް ކުރިމަތިވެފައެވެ. އެއީ ޔުކްރެއިން އަށް ބޭނުންވާ ބާވަތުގެ ހަތިޔާރުގެ ސްޓޮކް އެމެރިކާގެ ގުދަންތަކުންވެސް ހުސްވާން ފަށާފައިވާތީއެވެ.

އީރާނުގެ ޑްރޯން އަކުން މިސައިލެއް ފޮނުވާލަނީ

ޔުކްރޭނުގެ ސިފައިންނަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމަކީ އެމެރިކާއެވެ. ބަޑިޔާއި އުންޑަޔާއި ރޮކެޓާއި މިސައިލާއި ދިފާއީ މިސައިލް އައްޑަނައިގެ ނިޒާމުތަކާއި މިހެން ގޮސް ނަން ހުސްކޮށް މަހަކު ދެ ބިލިޔަން ޑޮލަރުގެ ހަތިޔާރު (މިހާތަނަށް ސަތާރަ ބިލިޔަން ޑޮލަރުގެ ހަތިޔާރު) އެމެރިކާއިން ޔުކްރެއިންއަށް ފޯރުކޮށްދެމުން ގެންދެއެވެ.

ނަމަވެސް ރަޝިއާއަކީ އެމެރިކާއާ ދާދި އެއްވަރަށް ހަތިޔާރު އުފައްދާ ގައުމަކަށް ވެފައި އަދި ރަޝިއާއަކީ ދުނިޔޭގެ ދެވަނަ އަސްކަރީ ބާރުކަމުން ރަޝިއާއާ ހަނގުރާމަކުރުމަށްޓަކައި އެމެރިކާއަށް އުފެއްދޭ ވަރަށް ވުރެވެސް ގިނައިން ޔުކްރޭން ހަތިޔާރަށް ބޭނުންވެއެވެ.

ފާއިތުވި ދޮޅު މަސްތެރޭގައި ރަޝިއާގެ އެއްގަމު ބާރުތައް ފަހަތަށް ޖައްސާލުމުގައި ޔުކްރެއިން ވަނީ ވަރަށް ބޮޑު ކާމިޔާބުތަކެއް ހޯދާފައެވެ. މި ކާމިޔާބުތައް ހޯދުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ކަމަށް ވަނީ އެމެރިކާ ފޯރުކޮށްދޭ ޖެވެލިން ރޮކެޓްއެވެ. އެ ރޮކެޓްތައް ބޭނުންކޮށްގެން ރަޝިއާގެ އެއްގަމު ސިފައިންނަށް ދޭ ކާމިޔާބު ހަމަލާތަކެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާއަށް އުފެއްދެނީ އަހަރަކު ގާތްގަޑަކަށް އެއް ހާސް ޖެވެލިން ރޮކެޓެވެ. ނަމަވެސް ޔުކްރެއިން ހަނގުރާ ފެށުނު ފަހުން އެމެރިކާއިން ވަނީ އަށްހާހަށް ވުރެ ގިނަ ރޮކެޓް ޔުކްރޭނަށް ފޯރުކޮށްދީފައެވެ. މިއާއެކު އެމެރިކާގެ ގުދަންތަކުގައި ޚުދު އެމެރިކާއަށް ބޭނުންވާ ވަރަށް ވެސް މިހާރު ޖެވެލިން ރޮކެޓް ނެތްކަމަށްވެއެވެ.

ރަޝިއާއަށް ބެލިނަމަވެސް އީރާނުން ހަތިޔާރު ހޯދަން ޖެހެނީ ޔުކްރޭން ހަނގުރާމައަށް ބޭނުންވާ ވަރަށް ބައެއް ބާވަތްތަކުގެ ހަތިޔާރު އުފެއްދުމުގައި ރަޝިއާއަށް ވެސް ދަތިތައް ކުރިމަތިވާތީއެވެ. ޑްރޯންގެ އިތުރުން ބަލިސްޓިކް މިސައިލް ވެސް ރަޝިއާއިން ގެންދަނީ އީރާނުން ގަންނަމުންކަމަށް އެމެރިކާއިން ބުނެއެވެ.

comment ކޮމެންޓް