އޮކްޓޯބަރު 28ގައި އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ މުފްތީ މެންކް

ޖެނުއަރީ 17، 2020: އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން: ހުކުރު ހުތާބަ ދެއްވާ، އިމާމުވެ ނާމާދު ކުރެއްވީ މަސްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިސްމާއީލް މެންކް (މުފްތީ މެންކް) ރާއްޖެއަށް ކުރައްވާ ޒިޔާރާތުގައި މި މަހުގެ 28ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުފްތީ މެންކް ދެއްވާ ހުކުރު ޚުތުބާގެ މައުޟޫއަކީ "ރިވައިވް ޔުއާ ކަނެކަޝަން ވިތު ﷲ" ނުވަތަ މާތް ﷲ އާއި އެމީހަކާ ދެމެދު އޮތް ގުޅުން ދިރުވުން ކަމަށެވެ.

މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި މާލޭގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ދީނީ ތަގުރީރު ދެއްވަން ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިމަހުގެ 28 ވަނަ ދުވަހު މާލޭގެ އަލިމަސް ކާނިވަލުގައި ތަގުރީރު ދެއްވާއިރު، 29 ވަނަ ދުވަހު ތަގުރީރު ދެއްވަން ހަމަޖެހިފައި ވަނީ ފުވައްމުލަކު އޮފިޝަލް ފުޓުބޯޅަ ސްޓޭޑިއަމުގައެވެ. އަދި 30 ވަނަ ދުވަހު ހުޅުމާލޭގެ ސިންތެޓިކް ޓްރެކާއި އައްޑޫ ސިޓީގެ ސިޓީ ސްކޮއާގައި ވެސް ތަގުރީރު ދެއްވަން ވަނީ ހަމަޖެހިފައެވެ.

މުފްތީ މެންކް މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ރާއްޖެއަށް ވަޑައިގެން ދީނީ ދަރުސް ދެއްވާފައިވެއެވެ. އެއީ 2015 ވަނަ އަހަރާއި 20016 ވަނަ އަހަރެވެ. އޭނާ އެންމެ ފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރުގައެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ފާހަގަ ކުރެވިފައިވަނީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވާ ބޭފުޅެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު، މުފްތީ މެންކް ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ. އޭގެ އިތުރުން ފަސް އަހަރުގެ ދައުރުގައި ގައުމަށް ކުރިއެރުމާއި ފާގަތިކަން ދެއްވުމަށް އެދި ދުޢާ ކުރައްވާފައިވެއެވެ.

comment ކޮމެންޓް