މެލޭޝިއާގައި ބާއްވާ އިންޓަނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީގައި މި އަހަރު ރާއްޖެ ތަމްސީލް ކުރާނީ ކަލާފާނު ސްކޫލުގެ ދަރިވަރެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ މުބާރާތުގައި ބައިވެރިވާނީ 15 އަހަރުގެ އާއިޝަތު ލީސް އައުރަފް ފާރޫގެވެ. އޭނާ މިހާރު މެލޭޝިއާއަށް ފުރާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ލީސް މެލޭޝިއާއަށް ފުރުމުގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު އޭނާއާ ބައްދަލުކުރައްވައި ހިތްވަރުދެއްވި ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
މެލޭޝިއާ ސަރުކާރުން އިންތިޒާމުކޮށްގެން ބާއްވާ އެ މުބާރާތް އިއްޔެ ފަށާފައިވާ އިރު އަންނަ ހޮނިހިރު ދުވަހާ ޖެހެންދެން ކުރިއަށްގެންދާނެއެވެ.
އެ މުބާރާތަށް ރާއްޖެއިން ބައިވެރިއަކު ހޮވާފައި ވަނީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން ކުރިއަށްގެންދިޔަ އޮޑިޝަނަކަށް ފަހު ކަމަށާއި ލީސް އަކީ އެ މުބާރާތުގައި ބައިވެރިވާ އެންމެ ހަގު ދަރިވަރުކަމަށް ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން ބުންޏެވެ.
އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާތާ 20 ވަރަކަށް އަހަރު ވެފައިވާއިރު، ރާއްޖެއިން އެ މުބާރާތުގައި ބައިވެރިވާ ދަރިވަރުން ގަދަ 10 އަދި ގަދަ ފަހެއްގައި ވެސް ހިމެނިފައިވާ ކަމަށް އެ މަރުކަޒުން ބުންޏެވެ.