ދުނިޔޭން ޕޯލިޔޯ ނައްތާލުމަށް ބިލްގޭޓްސް، 1.2 ބިލިޔަން ޑޮލަރުގެ ބޮޑު އެހީއެއް ދެއްވަނީ

ޕޯލިޔޯ ޖެހިފައިވާ ކުދިންތަކެއް

ބާލިން (18 އޮކްޓޯބަރު 2022) : ނުރައްކާތެރި ބައްޔެއްކަމަށްވާ ޕޯލިޔޯ ދުނިޔޭން ނައްތާލުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް 1.2 ބިލިޔަން ޑޮލަރުގެ ބޮޑު އެހީއެއް ދިނުމަށް އެމެރިކާގެ މަޝްހޫރު މަހުޖަނު ބިލް ގޭޓްސް ނިންމަވައިފިއެވެ.

މިކަން އިއުލާނުކޮށްފައިވަނީ ދުނިޔޭން ޕޯލިޔޯ ނައްތާލަން މަސައްކަތްކުރާ އިނީޝިއެޓިވް ކަމަށްވާ ގްލޯބަލް ޕޯލިޔޯ އިރޭޑިކޭޝަން އިނީޝިއެޓިވް ނުވަތަ (ޖީޕީއީއައި) އިންނެވެ. އެ ހަރަކާތުގެ މަސްއޫލުވެރިން ވިދާޅުވިގޮތުގައި ބިލް ގޭޓްސް ގެ ފައުންޑޭޝަނުން ވަނީ ދުނިޔޭން ޕޯލިޔޯ ނައްތާލުމަށް ކުރާ މަސައްކަތަށް 1.2 ބިލިޔަން ޑޮލަރު ދޭނެކަން އަންގާފައެވެ.

ބިލްގޭޓްސް ވެސް ވަނީ މިކަން ކަށަވަރުކޮށް ދެއްވާފައެވެ. ބާލިންގައި ކުރިޔަށްދާ ސިއްހަތާބެހޭ މަހާސިންތާއެއްގައި ގޭޓްސް ވިދާޅުވީ ޕޯލިޔޯ ދުނިޔޭން ނައްތާލަން ކުރާ މަސައްކަތްތަކަށް 1.2 ބިލިޔަން ޑޮލަރު ދެއްވާނެކަމަށެވެ. ޕޯލިޔޯ ނައްތާލަން އެހީދިނުމަކީ އުފަލެއް ކަމަށް ވެސް ގޭޓްސް ވިދާޅުވިއެވެ.

ބިލްގޭޓްސް

ބާލިންގެ ބައްދަލުވުމުގައި ޖީޕީއއައިގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅުން ވަނީ 2026 ވަނަ އަހަރު ކުރިން ދުނިޔޭން ޕޯލިޔޯ ނައްތާލުމަށް ރާވާފައިވާ ޕްލޭނާ ބެހޭގޮތުން ވާހަކަދައްކަވައި އެކަމަށް ބޭނުންވާ އެހީއާއި ދިމާވާ ހުރަސްތައް ހާމަކުރައްވާފައެވެ.

އެ ބޭފުޅުން ވިދާޅުވިގޮތުގައި ވަރަށް ގިނަ ގައުމުތަކުން ޕޯލިޔޯ މިހާރު ވަނީ ނައްތާލެވިފައެވެ. އެއީ ޕޯލިޔޯގެ ވެކްސިންގެ ސަބަބުންނެވެ. މި ބަލި ނައްތާނުލެވެނީ ވެކްސިން ދިނުމަށް ހުރަސްތައް ކުރިމަތިވާ ގައުމުތަކުގައެވެ. އެ ގައުމުތަކުގެ ތެރޭގައި ޕާކިސްތާން، އަފްޣާނިސްތާން، މަލާވީ، މޮޒަމްބީކް ފަދަ ގައުމުތައް ހިމެނެއެވެ.

ޖީޕީއީއައި ބުނާ ގޮތުން ފަގީރު ގައުމުތަކަށް ޕޯލިޔޯ ވެކްސިން ފޯރުކޮށްދިނުމަށް އެޅިފައިވާ އެންމެ ބޮޑު އެއްހުރަހަކީ ފައިސާއެވެ. ޕޯލިޔޯ ވެކްސިން ދިނުމަށް ކުރާ މަސައްކަތްތަކީ ހުއްޓުމެއްނެތި ކުރަން ޖެހޭ މަސައްކަތަކަށް ވާތީ އެކަމަށް އިންތިހާއަށް ފައިސާ ބޭނުންވެއެވެ.

ޕޯލިޔޯ ނައްތާނުލެވޭ ބައެއް ގައުމުތަކުގައި އެކަން ނުކުރެވޭ ސަބަބުތަކުގެ ތެރޭގައި ތުއްތު ކުދިންނަށް ޕޯލިޔޯގެ ވެކްސިން ދޭންޖެހޭ މުއްދަތުގައި އެކަން ނުކުރެވުން ހިމެނެއެވެ. މިކަމުގެ މައިގަނޑު ސަބަބުތަކަކީ ހަމަނުޖެހުންތަކާއި ހަނގުރާމައެވެ. ނަމަވެސް ތަޅާފޮޅުމާ އަދި ދީނީ ހަރުކަށިކަންފަދަ ކަންކަން ވެސް ހިމެނެއެވެ.

ނަމަވެސް ކުރިން ޕޯލިޔޯ ނައްތާލާފައިވާ ބައެއް ގައުމުތައް ކަމަށްވާ އިންޑިއާ، އިނގިރޭސިވިލާތް، އެމެރިކާގެ ރަށްފުށުގެ ހިސާބުތަކުން ވެސް މަދުން ނަމަވެސް ބައެއް ފަހަރު ޕޯލިޔޯގެ ބައެއް ކޭސްތައް ފެންނަމުން ދެއެވެ. އެމެރިކާއާއި ޔޫރަޕްގައި ވެސް ވެކްސިން ޖެހުމަށް ދެކޮޅުހަދާ ނަސާރާ ހަރުކަށި ފިކުރުގެ އާއިލާތައް އުޅެއެވެ.

ޕޯލިޔޯއަކީ އެބަލި ޖެހުމުން ވާގިނެތޭ ބައްޔެކެވެ. މިއީ ފަސޭހަކަމާއެކު ގައިންގަޔަށް އަރާ ބައްޔެކެވެ. މި ބައްޔާ ދެކޮޅަށް ވެކްސިންދެނީ އާންމުގޮތެއްގައި ވަރަށް ޅަ އުމުރުގައެވެ. އެއީ މިބަލި ގިނައިން ޖެހެނީ ކުދިންގެ ޅަ އުމުރުގައި ކަމަށްވާތީއެވެ. ޅަ އުމުރުގައި ވެކްސިން ނުދެވިފައިވާނަމަ ބޮޑުވިޔަސް މި ބަލި ޖެހިދާނެކަމުގެ ބިރު އޮވެއެވެ.

comment ކޮމެންޓް