ރާއްޖެއިން ބޭރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ރީބްރޯޑްކާސްޓް ނުކުރެވޭ ގޮތަށް ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދަށް ގެނައި އިސްލާހު އުވައިލަން ރައްޔިތުން މަޖިލީހުގެ މެމްބަރުން ގޮވައިލައިފިއެވެ.
ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ ފަހުން ގެނައި ބަދަލަކީ ނުފޫޒުގެ ބޭނުންކޮށްގެން، ވަކި ބަޔަކަށް ފައިދާވާ ގޮތަށް ގެނައި ބަދަލެއް ކަމަށް ތުހުމަތުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޝިޔާމް ހުށަހެޅުއްވި އެ ގަރާރަށް ބަހުސްކޮށްފައެވެ.
އެ ގަރާރަށް ބަހުސްކުރެއްވި ހުރިހާ މެމްބަރުން ވެސް ގޮވައިލެއްވީ އެންމެ ފަހުން ރީބްރޯޑްކާސްޓު ކުރުމުގެ ގަވައިދަށް ގެނައި އިސްލާހު އުވާލަންށެވެ.
ބަހުސްކުރެއްވި ހުރިހާ މެމްބަރުންގެ ވެސް ކަންބޮޑުވުމަކަށްވީ ބްރޯޑްކޮމްއިން ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނައި އެ އިސްލާހުގެ ސަބަބުން ކޭބަލް ޓީވީގެ ޚިދުމަތް ދިނުމުގެ ފުރުސަތު ދިރާގަށް ގެއްލުމެވެ.
އެގޮތުން ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނައި އެންމެ ފަހުގެ އިސްލާހުގައި ވަނީ އަންނަ ޖެނުއަރީން ފެށިގެން ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދެން ލިބޭނީ ދިވެހީންގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށެވެ.
ނަމަވެސް ދިރާގަކީ 100 ޕަސެންޓް ދިވެހި ކުންފުންޏެއް ނޫނެވެ. އެކުންފުނީގެ މެޖޯރިޓީ ހިއްސާ މިހާރު އޮންނަނީ ބަހުރައިންގެ ބަޓެލްކޯއަށެވެ.
ޝިޔާމް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން މިއަދުގެ ޖަލްސާގައި ހުރިހާ މެންބަރުން ވެސް ވަނީ ބްރޯޑްކޮމްއިން ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނައި އިސްލާހާ މެދު ނުރުހުން ފާޅުކޮށްފައެވެ.
އެގޮތުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ވިދާޅުވީ ބްރޯޑްކާސްޓް ކުރުމާއި ރީބްރޯޑްކާސްޓް ކުރުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމަށެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ --- ފޮޓޯ/ މަޖިލިސް
ބްރޯޑްކާސްޓް ކުރާ މީހުންނަކީ ކޮންޓެންޓް އުފައްދާ މީހުން ކަމަށާއި ރީބްރޯޑްކާސްޓް ކުރާ މީހުންނަނީ ބްރޯޑްކާސްޓް ކުރާ މީހުންގެ އަތުން ކޮންޓެންޓް ގަނެގެން އާއްމު ރައްޔިތުންނާ ހިސާބަށް ކޮންޓެންޓް ގެނެސްދޭ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރީބްރޯޑްކާސްޓް ކުރުމަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ކުޑަ ޚަރެއްދެގައި ފަސޭހަކަމާއެކު ކުރެވޭނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވާނީ އެ ޚިދުމަތް ދިނުމުގެ ފުރުސަތު ދީގެން ކަަމަށެވެ.
ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ބްރޯޑްކޮމް އިން އެންމެ ފަހުން ގެނައި ބަދަލު، އޭނާ ސިފަކުރެއްވީ، ކޭބަލްޓީވީގެ ޚިދުމަތް މޮނޮޕޮލައިޒްކުރަން ދިން ފުރުސަތެއްގެ ގޮތުގައެވެ.
"ނުލަފާ ދޮންބަފައެއްގެ ރޯލު އަދާކޮށް ގާނޫނީ އިމުން ބޭރުން ފާޑުފާޑުގެ ގަވާއިދުތައް ހަދައި، މި ޚިދުމަތް މޮނޮޕޮލައިޒް ކޮށްގެން ތިބެ، ރައްޔިތުންނަށް ހެޔޮ އަގުގައި ޓީވީ ބަލައިލުމުގެ ފުރުސަތު ގެއްލުވާލަން މަސައްކަތް ނުކުރުމަށް އަޅުގަނޑު ބްރޯޑްކޮމްއަށް ނަސޭހަތްތެރިވަން،" ނަސީމް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ތުހުމަތުކުރެއްވި ގޮތުގައި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ބްރޯޑްކޮމް އިން ގެނައި ބަދަލަކީ ސީދާ ދިރާގަށް އަމާޒުކޮށްގެން ގެނައި ބަދަލެކެވެ.
"އެއީ ވަކިބައެއްގެ އަތުން ޚިދުމަތް ހޯދަން މަޖުބޫރުކުރުން،" އޭނާ ވިދާޅުވިއެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ --- ފޮޓޯ/ މަޖިލިސް
އޭނާ ވިދާޅުވީ ގަދަކަމުން، ސަރުކާރުން، ދައުލަތުން ނޫނީ ކޮމިޝަނަކުން، އެއްވެސް ކުންފުންޏެއްގެ ވިޔަފާރި ހުއްޓުވަން މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެ ގަރާރަށް ކުރި ބަހުސްގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ، ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދަށް އެންމެ ފަހުން ގެނެސްފައިވާ އިސްލާހަކީ ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ މަގުސަދުތަކާވެސް ދިމާ އިދިކޮޅު އިސްލާހެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ގަވާއިދު އޮތް ގޮތުން އަންނަ ޖެނުއަރީން ފެށިގެން ދިރާގަށް ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ގެއްލިގެންދާނެ ކަމަށާއި އެކަމަކީ ވަރަށް ނުކުރައްތާރި އަދި ގިނަ ބަޔަކަށް ގެއްލުން ވާނެ ކަމެއް ކަމަށެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ --- ފޮޓޯ/ މަޖިލިސް
"ބްރޯޑްކޮމް އިން މިވަނީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުން އެބޭފުޅުންނަށް މަތިކޮށްފައިވާ ގަވާއިދު ހެދުމުގެ ނާޖާއިޒް ފައިދާ ހޯދާފަ،" އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ރީބްރޯޑްކާސްޓް ކުރާ ފަރާތްތައް ގިނަވި ވަރަކަށް ރައްޔިތުންނަށް ފައިދާ އާއި ފަސޭހަ ވާނެ ކަމަށެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ --- ފޮޓޯ/ މަޖިލިސް
މަޑުއްވަރީ ދައިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނައި އިސްލާހަކީ ރީބްރޯޑްކާސްޓިން އަށް އަދި މީޑިއާ އަށްވެސް އެއްވެސް ވަރަކަށް ފައިދާއެއް އަދި މަންފާއެއް ކުރާނެ ގޮތަކަށް ގެނެސްފައިވާ އިސްލާހެއް ނޫން ކަމަށެވެ.
"މި އިސްލާހަކީ ވަގުތުން ވަގުތަށް އުވާލަން ޖެހޭ އެއްޗެއް. ނުވަތަ ބޮޑު ބަދަލުތަކެއް ގެންނަން ޖެހޭ އެއްޗެއް،" އޭނާ ވިދާޅުވިއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ --- ފޮޓޯ/ މަޖިލިސް
މިއަދުގެ ބަހުސްގައި ގިނަ މެމްބަރުން ވަނީ ބްރޯޑްކޮމްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.