އުރަމައްޗަށް ސަމާލުވޭ: އެހެން ގައުމުތަކާ ޚިލާފަށް، ދިވެހި ޒުވާން އަންހެނުންނަށް ނުރައްކާ ބޮޑު!

ދިވެހި ހަމައެކަނި އޮންކޮލޮޖިސްޓު ޑރ. މުހައްމަދު އަމްރު ކެންސަރުގެ އޮޕަރެޝަނެއްގެ ތެރެއިން-- ފޮޓޯ: އަމްރު

ކެންސަރަށް ޚާއްސަ ދިވެހި ހަމައެކަނި ޑޮކްޓަރު، ޑރ. މުހައްމަދު އަމްރު ދެއްވީ ނުރައްކާތެރި އިންޒާރެކެވެ. ދުނިޔޭގައި އުރަމަތީގެ ކެންސަރު ގިނައިން ދުވަސްވީ މީހުންނަށް ޖެހޭއިރު ރާއްޖޭގައި އެކަން އިދިކޮޅަށް ހިނގާ ވާހަކައެވެ. އުރަމަތީ ކެންސަރުގެ ޝިކާރައަކަށް ރާއްޖޭގައި ގިނައިން ވަނީ ޒުވާން އަންހެނުން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

"ވަރަށް ފާހަގަކޮށްލަން ބޭނުންވާ ކަމެއްމިއީ ރާއްޖޭގައި އުމުރުން ޒުވާން އަންހެން ބޭފުޅުންގެ ބްރެސްޓް ކެންސާސް ގިނަ. މިއީ ދުނިޔޭގެ އެހެން ތަންތަނާ އަޅާބަލާއިރު ތަފާތު ފައިންޑިންއެއް. ދުނިޔޭގެ ޚާއްސަކޮށް ހުޅަނގުގެ ގައުމުތަކުގައި ބޮޑަށް ފެންނަނީ އުމުރުން ދުވަސްވީ ބޭފުޅުން ބޮޑަށް އުރަމަތީގެ ކެންސަރަށް ހުށަހެޅެނީ. ނަމަވެސް ރާއްޖޭގައި އެބަ ފެނޭ ހަމަ ދަރިމައިވުމުގެ އުމުރުގައި ވެސް އުރަމަތީ ކެންސަރުގެ ބޮޑު ޕަސެންޓެއް،" ޑރ. އަމްރު ވިދާޅުވިއެވެ.

"ޒުވާނުންގެ ތެރޭގައި ރާއްޖޭގައި އާދަޔާ ޚިލާފަށް ކެންސަރު ގިނަ. އިތުރު ސުޓަޑީތަކެއް ކުރަން އެބަ ޖެހޭ މިއީ ކީއްވެގެންކަން ބަލަން. އަޅުގަނޑުގެ ތިއަރީއަކީ އާއިލީގޮތުން ވާރުތަކުރާ ޖީން ގިނައިއްޔޭ ހަމަ،"

ކެންސަރަށް ޚާއްސަ ދިވެހި ހަމައެކަނި ޑޮކްޓަރު ޑރ. މުހައްމަދު އަމްރު ---

އުރަމަތީގެ ކެންސަރަށް ހޭލުންތެރި ކުރުމުގެ މަހުގެ ގޮތުގައި އޮކްޓޫބަރު މަސް ފާހަގަ ކުރާއިރު، ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި އާދިއްތަ ދުވަހު ޑރ. އަމްރު ވަނީ އެ ބައްޔާ ގުޅޭ ގިނަ ތަފްސީލުތަކެއް ދެއްވައިފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި އެންމެ އާއްމު ކެންސަރަކީ އުރަމައްޗަށް ޖެހޭ ކެންސަރެވެ.

މި ކެންސަރު އިތުރުވަނީ ކީއްވެ؟

އިންސާނާގެ އުރަމައްޗަކީ ގުދުރަތީގޮތުން ގިނަ އަދަދެއްގެ ސެލްތައް އެކުލެވިގެންވާ ގުނަވަނެކެވެ. އެގޮތުން، އެއްވެސް ކޮންޓްރޯލެއްނެތި އުރަމަތީގެ ސެލްތައް އިތުރުވާ އިތުރުވުމަކީ "އުރަމަތީގެ ކެންސަރު" ޖެހުމުގެ މައިގަނޑު އެއް ސަބަބެވެ. އާންމު ގޮތެއްގައި އުރަމަތީގެ ކެންސަރު ފެށެނީ ކިރު އުފައްދާ ޑަކްޓްތަކުގެ ސެލްތަކުންނެވެ. ނުވަތަ އުރަމަތީގެ އެހެން ސެލްތަކުން ވެސް ކެންސަރު އުފެދިދާނެއެވެ.

އުރަމަތީގެ ކެންސަރު ގިނައިން އަންހެނުންނަށް ޖެހުނު ނަމަވެސް ފިރިހެނުންނަށް ވެސް އެބަލި ޖެހެއެވެ. ޑރ. އަމްރު ވިދާޅުވިގޮތުގައި މި ބަލި ޖެހޭ ފިރިހެނުންނަށް މާބޮޑު ވަރު ވާކަން ފާހަގަ ކުރެވެއެވެ.

ޑރ. އަމްރު ވިދާޅުވިގޮތުގައި ކެންސަރު އިތުރުވަމުން އަންނަ ކަމަށް މިހާރު ބެލެވޭ މައިގަނޑު އެއް ސަބަބަކީ މިހާރަކަށް އައިސް ބަލި ދެނެގަނެވޭ މިންވަރު އިތުރުވުމެވެ. އަނެއް މައިގަނޑު ސަބަބަކީ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން އުރަމަތީގެ ކެންސަރަށް މަގުފަހިވާ އާދަކާދަތައް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

"ތަފާސްހިސާބުތަކަށް ބަލާއިރު އުރަމަތީގެ ކެންސަރު ޖެހިގެން އައިޖީއެމްއެޗްއަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 44 ޕަސެންޓް މީހުންނަކީ ހަށިގަނޑުގެ ބަރުދަން ހުންނަން ވާ މިންވަރަށް ވުރެއް މަތިކޮށް ހުރި މީހުން. ހަށިގަނޑުގެ ބަރުދަން މަތިވުން އިސްކޮޅާ އެކަށީގެން ނުވާވަރަށް ބަރުދަން މަތިވުމަކީ މި ބައްޔަށް ހުށަހެޅޭ ކަމެއް،" ޑރ. އަމްރު ވިދާޅުވިއެވެ.

"ދެން ތިބި ޕޭޝެންޓުންގެ ތެރެއިން 20 ޕަސެންޓް ކޮންމެ ވެސް އެއްއިރެއްގައި ދުންފަތުގެ އިސްތިއުމާލް ކުރޭ. ނޫނީ އެއް ޒަމާނެއްގައި ކޮށްފައި އެބަހުރި. ދުންފަތުގެ އިސްތިއުމާލުގެ ނޭދެވޭ އަސަރު އުރަމަތީގެ ކެންސަރަށް ވެސް ކުރޭ،"

ސްކްރީނު ކުރުމުން އުރަމަތީގެ ކެންސަރުގައި މަރުވާ މީހުންގެ އަދަދު މަދުވޭ

ހަމައެއާއެކު އެ ބަލި ޖެހުނު 50 ޕަސެންޓް މީހުންނަކީ އެހާ ބޮޑަށް ހެލިފެލިވެ ނޫޅޭ މީހުން ކަމަށް ވެސް އަމްރު ވިދާޅުވިއެވެ. ހަމައެއާއެކު އެހެން ގިނަ ބަލިތަކަކެކޭ އެއްގޮތަށް އާއިލީ ގޮތުން ވެސް މިފަދަ ކެންސަރުތައް ވާރުތަ ކުރެއެވެ.

"ނަމަވެސް ހުރިހާ އުރަމަތީގެ ކެންސަރަކީ އާއިލީގޮތުން ވާރުތަ ކޮށްފައިވާ ކެންސަރެއް ނޫން. އުރަމަތީ ކެންސަރު މިބެހެނީ އާއިލީ ގޮތުން ވާރުތަ ކުރާ ކެންސަރާއި އާއިލީގޮތުން ވާރުތަ ނުކުރާ އުރަމަތީގެ ކެންސަރު. މީގެ ތެރެއިން ގިނަ ކެންސަރަކީ ވާރުތަނުކޮށް ދިރިއުޅުމުގެ ވައްޓަފާޅިންނާއި އަދި ވަކި ސަބަބެއް ނެތިވެސް، ދެނެގަނެވިފައި ނުވާ ސަބަބުތަކާ ހުރެވެސް މި ބަލި އުފެދޭ،" ޑރ. އަމްރު ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ ކެންސަރު ޑިޕާޓްމަންޓުގެ ހެޑް، އަދި ކެންސަރާ ގުޅޭ ސާޖަރީގެ ދާއިރާއިން ތައުލީމް ހާސިލް ކުރައްވާފައިވާ ޑރ. މުހައްމަދު ޝިފާން ކުރިން "ސަން" އަށް ވިދާޅުވިގޮތުގައި އުރަމަތީގެ ކެންސަރު އާއްމުވާ ސަބަބެއްގެ ގޮތުގައި އުމުރުން ވަރަށް ހަގުއިރު ޕީރިއަޑް ވާން ފެށިގޮތަށް އުމުރުން ގިނަ ދުވަސްތަކެއް ވަންދެން އިއްދައިން ނުކެނޑި ހުންނަން ޖެހުން ހިމެނެއެވެ. އަދި ކުދިން ނުހޯދައި އުމުރުން ދުވަސް ވަންދެން ހުރުމަކީ ވެސް އެފަދަ ކެންސަރު އިތުރުވާ ސަބަބެއް ކަމަށް ޝިފާން ވިދާޅުވިއެވެ.

"ހަށިގަނޑުގެ ބަރުދަން އިތުރުވުމަކީ ވެސް އޭގެން އެއް ކަމެއް. އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ކަމެއް ރާއްޖޭގައި ތަންކޮޅެއް ހަގު އުމުރުގައި ބްރެސްޓް ކެންސަރު އެބަ ފެނޭ. އެއީ ވެސް އަޅުގަނޑުމެން ރިސާޗް ކުރަންވީ މަގެއް،" ޝިފާން ވިދާޅުވިއެވެ.

އަލާމާތްތަކަކީ ކޮބާ؟ އަދި މި ކެންސަރާ ދުރުވާނީ ކިހިނެއް؟

އުރަމަތީ ކެންސަރުގެ މައިގަނޑު އަލާމާތަކީ އުރަމަތީގައި ގަނޑުލުމެވެ. އެހެން ފުރަތަމަ ލާ ގަނޑަކުން ގިނަ ފަހަރު ތަދެއް ނުވާނެއެވެ. ނަމަވެސް އެގަނޑުލުން ބޮޑުވަމުން ދާވަރަކަށް ތަދުއިހުސާސް ކުރެވޭވަރު ބޮޑުވެއެވެ. ހަމައެއާއެކު ހަންގަނޑު ރަތްވުން ކަހަލަ ބަދަލުތައް އުރަމައްޗަށް އައުމަކީ ވެސް އަލާމާތެލެވެ. ހަމައެއާއެކު ދޮސްލުމާއި އުރަމަތީގެ ވައްގަނޑުން (ނިޕުލް) ދިޔާއެއްޗެހި އައުން ހިމެނެއެވެ. ކިހިލިފަތްދަށުގައި ގަނޑުލުމާއި އުރަމަތީގެ ބައްޓަމާއި ސައިޒަށް ބަދަލު އައުމަކީ ވެސް އަލާމާތެކެވެ.

ޑރ. އަމްރު ވިދާޅުވިގޮތުގައި އުރަމަތީގެ ކެންސަރުން ދުރުވުމަށް ދުންފަތުގެ އިސްތިއުމާލު ނުކުރުން ވަރަށް މުހިންމެވެ. އޭގެ ތެރޭގައި ވޭޕް ނުކުރުން ވެސް މުހިންމެވެ. ހަމައެއާއެކު ގިނައިން ހެލިފެލިވެ އުޅުމާއި ހަށިގަނޑާ އެކަށީގެންވާ ބަރުދަނެއްގައި ހުރުން ވަރަށް މުހިންމެވެ.

"ގަނޑެއްލައިފައި އިނިއްޔާ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު. މޭމަތީގައި ނުވަތަ ކިހިލިފަތް ދަށުނގައި އެއްވެސް އެކަހަލަ ގަނޑެއް އިނުން. އާދަޔާ ޚިލާފަށް އޭތި ބޮޑުވަންޏާ. ނޫނީ ތަދުވަންޏާ. ނުވަތަ ހަންގަނޑަށް ބަދަލެއް އަންނަންޏާ. މިކަހަލަ ކަންތައްތަކުގައި ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު. ބައެއް ފަހަރު ތަދުނުވެ އިނދެދާނެ ގަނޑެއްލައިފައި،" ޑރ. އަމްރު ވިދާޅުވިއެވެ.

ޑރ. އަމްރު ކެންސަރު ބަލީގެ މީހަކަށް ފަރުވާ ދިނުމުގެ ތެރެއިން --- ފޮޓޯ/ އަމްރު

ކެންސަރުގައި އެކި ސްޓޭޖުތަކެއްހުރެއެވެ. އެގޮތުން، ކެންސަރުގެ ސެޓޭޖް ކަނޑައަޅަނީ ޓިއުމަރުގެ ސައިޒަށް ބަލައިގެންނެވެ. އަދި ހަށިގަނޑުގެ އެހެން ހިސާބުތަކަށް ކެންސަރު ފެތުރިފައިވޭތޯ ބެލުމަށްފަހުގައެވެ.

އާންމުގޮތެއްގައި ކެންސަރުގައި ހިމެނެނީ ފަސް ސްޓޭޖެވެ.

ސްޓޭޖް 0: މި ސްޓޭޖްގައި ކެންސަރު ސެލްތައް ހުންނަނީ ހަމައެކަނި ޑަކްޓުތަކުގެ ތެރޭގައެވެ. އަދި ވަށައިގެންވާ ޓިޝޫތަކަށް ކެންސަރު ސެލްތައް ފެތުރިގެން ނުދާނެއެވެ.

ސްޓޭޖް 1: މި މަރުހަލާގައި ޓިއުމަރު ދެ ސެންޓިމީޓަރަށް ބޮޑުވެގެންދެއެވެ. ނަމަވެސް މިކަމުގެ ސަބަބުން ލިމްފް ނޯޑަށް އެއްވެސް އަސަރެއް ނުފޯރައެވެ.

ސްޓޭޖް 2: މި ސްޓޭޖްގައި ލިމްފް ނޯޑްތަކަށް ކެންސަރުގެ އަސަރު ފޯރައެވެ. އަދި ޓިއުމަރު 2-5 ސެންޓަމީޓަރަށް ބޮޑުވެގެންދެއެވެ.

ސްޓޭޖް 3: ތިންވަނަ ސްޓޭޖްގައި ފަސް ސެންޓަމީޓަރާ ހަމައަށް ޓިއުމަރު ބޮޑުވެގެންދާއިރު، މި ޓިއުމަރު އެކި ލިމްފް ނޯޑްތަކަށް ފެތުރިފައި ހުރެއެވެ.

ސްޓޭޖް 4: މިއީ އެންމެ ނުރައްކާތެރި ސްޓޭޖެވެ. މި ސްޓޭޖްގައި ހަށިގަނޑުގައިވާ ގިނަ ގުނަވަންތަކަށް ކެންސަރުގެ އަސަރު ފޯރައެވެ. އެގޮތުން ސިކުނޑި، ކަށިތައް، އަދި ފުއްޕާމެއަށްވެސް ކެންސަރުގެ އަސަރު ފޯރައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކެންސަރު ބަލީގެ ކުރީކޮޅު ބަލި ފާހަގަކުރެވިއްޖެނަމަ 90 ޕަސެންޓު މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެއެވެ.

ރާއްޖެއިން ވެސް ފަރުވާ ކުރެވޭ!

ކެންސަރު ދެނެގަތުމަށް ހަދާ ޓެސްޓް، ނުވަތަ ގިނަ ވައްތަރުގެ ބަޔޮޕްސީތައް އައިޖީއެމްއެޗުގެ ކެންސަރަށް ފަރުވާ ދޭ ސެންޓަރުން ހެދެއެވެ. އަދި ވަރަށް ގިނަ ފަރުވާ ވެސް ދެވެއެވެ. ކެންސަރަށް ފަރުވާ ދޭ ޚާއްސަ ސެންޓަރެއް 2017 ވަނަ އަހަރު އައިޖީއެމްއެޗްގައި އުފެއްދީންސުރެ މިދިޔަ އަހަރުގެ ނިޔަލަށް 250 އުރަމަތީ ކެންސަރުގެ އޮޕަރޭޝަން ކޮށްފައިވެއެވެ.

މިހާރު އައިޖީއެމްއެޗްގައި ކޮންމެ ދުވަހަކު ހަތަރު އެނދުގައި ދުވާލަކު ހަތަރު ބަލި މީހުންނަށް ކީމޯ ތެރަޕީދެއެވެ. އޯޕީޑީއަށް ދުވާލަކު 30 މީހުން ދައްކައެވެ. މިދިޔަ އަހަރު އެކަނި 600 އެއްހާ ކެންސަރު ބަލި މީހުން އައިޖީއެމްއެޗްގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.

ނަމަވެސް ކެންސަރަށް ބައެއް ފަރުވާތައް އަދިވެސް ރާއްޖޭގައި ނުލިބެއެވެ. އަދި ފަރުވާއަށް އިތުބާރު ހޯދަން ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. ހަމައެއާއެކު އަތޮޅުތެރެއަށް ފަރުވާ ފުޅާ ކުރަންޖެހެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ދިވެހީންނަށް މި ބަލީގެ ނުރައްކާ މިވަނީ ބޮޑުވެފައެވެ. އެއީ ދިވެހި ޒުވާން އަންހެނުންނަށް ގިނައިން މިބަލި ޖެހޭތީއެވެ. އެހެންކަމުން ސިއްހީ ރަނގަޅު އާދަތަކެއްގެ ތެރޭގައި އުޅުމަށާއި ގަވައިދުން ޓެސްޓް ކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. އުރަމައްޗާމެދު ސަމާލުވާން ޖެހެއެވެ.

comment ކޮމެންޓް