ވެންޓިލޭޓަރު ޚިޔާނާތް: މިނިސްޓަރު އަމީރު ވިދާޅުވީ އެ ފައިސާ ހޯދަން އަދިވެސް މަސައްކަތް ކުރާ ކަމަށް

ފިނޭންސް މިނިސްޓަރު އަމީރު --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ކޮވިޑް-19ގެ ފަރުވާއަށް ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން އެފަދަ އެހެން މައްސަލަތަކުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ 30 މިލިއަން ރުފިޔާގެ ވެންޓިލޭޓަރުގެ ހިޔާނާތުގެ ފައިސާއިން ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބިފައިވޭތޯ މިނިސްޓަރާ ސުވާލު ކުރައްވާފައެވެ. އަދި އެ ނޫން މައްސަލަތަކުގައި ވެސް ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދޭތޯ އޭނާ ސުވާލު ކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ވެންޓިލޭޓަރު މައްސަލަ އޮތީ އާބިޓްރޭޝަން މަރުހަލާގައި ކަމަށެވެ. އަދި އެ ނޫންވެސް މައްސަލަތަކުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދައުލަތުން އެ ފައިސާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން. މިސާލަކަށް އެމްއެމްޕީއާރްސީގެ މައްސަލައިގައި ހޯދަން ޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް އޭސީސީ މެދުވެރިކޮށް ކުރީގައި އެސެޓް ރިކަވަރީ ކޮމިޝަނެއް ހެދި އެ މަސައްކަތް މިހާރު އޭސީސީ އަށް ޓްރާންސްފާވެ، އޭސީސީގެ ތެރެއިން ޕީޖީ އާ އެއްކޮށްވެސް ހޯދޭނެ ފައިސާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑުގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އޭސީސީން ފުރަތަމަ ޕީޖީއަށް ފޮނުވީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14ގައެވެ.

ނަމަވެސް، އޭރު ކުށުގެ އުންސުރުތައް ހަމަނުވާ ކަމަށް ބުނެ ޕީޖީން ދައުވާ ނުކުރަން ނިންމިއެވެ. އަދި މައްސަލަ އަލުން ރިވިއުކުރަން އަންގައި ޕީޖީން މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިލީއެވެ.

ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއެކު އެއްބަސްވުމެއް ހަދައި ސަރުކާރުން އޯޑަަރު ކުރި 75 ވެންޓިލޭޓަރުތަކަށް، އެއްވެސް ގެރެންޓީއަކާ ނުލައި ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފައެވެ.

އެ އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރު ފޯރުކޮށްދީފައި ނުވާތީ މިދިޔަ އަހަރުގެ މެއި މަހު ދިވެހި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.

comment ކޮމެންޓް