ނިޝާނާއި ފަޒްލޫނަށް ވަކީލަކު އައްޔަނު ކުރަން 10 ދުވަސް ދީފި

އައްޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމާއި އައްޝައިހް ފަޒްލޫން މުހައްމަދު: އެ ދެ ބޭފުޅުންނަށް ވަކީލަކު އައްޔަނު ކުރުމަށް ވަނީ 10 ދުވަސް ދީފައި ---

ޝައިޚް އާދަމް ނިޝާނާއި ފަޒްލޫން މުހައްމަދަށް ވަކީލަކު އައްޔަނު ކުރަން 10 ދުވަސް ދިނުމަށްފަހު އެބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާގެ މިއަދުގެ އަޑުއެހުން ނިންމާލައިފިއެވެ.

އެ ދެ ދީނީއިލްމުވެރިންގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ މިއަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ. އެ ދެ ބޭފުޅުންނަށް ދައުވާ އުފުލީ ހަމަނުޖެހުން ހިންގަން ހިތްވަރުދިން ކަމަށް ތުހުމަތުކޮށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހަށް އެ ދެ ބޭފުޅުން ވެސް ވަޑައިގަތީ ވަކީލަކާ ނުލައެވެ. އަދި އަޑުއެހުން ފެށުމުން ދެ ބޭފުޅުން ވެސް ވިދާޅުވީ މައްސަލައިގައި ކުރިއަށް ދާން ބޭނުން ވަނީ ވަކީލެއްގެ ހާޒިރުގައި ކަމަށެވެ. ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދެއްވުމަށް އެ ދެ ބޭފުޅުން ވެސް އެދިވަޑައިގަތެވެ.

މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ ވަކީލަކު ހަމަޖައްސަން އެ ދެ ބޭފުޅުންނަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

ގަލޮޅު ދަނޑުގައި އެދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި އެންމެން ވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ. އަދި ދެ ދީނީއިލްމުވެރިން ހިމެނޭހެން ޖުމުލަ 18 މީހެއްގެ މައްޗަށް ދައުލަތުން ވަނީ އެކި އެކި ދައުވާކޮށްފައެވެ.

comment ކޮމެންޓް