ނުވަ ރަށެއްގައި ކޯލްޑް ސްޓޯރޭޖް ގާއިމްކޮށްފިން، ވަރަށް އަވަހަށް ބޭނުންކުރަން ފެށޭނެ: ރައީސް

ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ކ. ކާށިދޫގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވާހަކަ ދައްކަވަނީ--- ފޮޓޯ/ ރައީސް އޮފީސް

އެގްރޯނެޓުން ނުވަ ރަށެއްގައި ގާއިމްކޮށްފައިވާ ޑިސްޓްރިބިއުޝަން ސެންޓަރާއި އަވިން އުފައްދާ ހަކަތައިން ފިނިކޮށްދޭ, ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ލަސްތަކެއް ނުވެ ބޭނުންކުރަން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ކ. ކާށިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދަނޑުވެރި އުފެއްދުންތައް މާކެޓު ކުރުމަކީ ކާށިދުއާއި ތޮއްޑޫ ފަދަ ބައެއް ރަށްރަށުގެ ދަނޑުވެރިންނަށް މާ ބޮޑު ގޮންޖެހުމަކަށް ނުވެދާނެ ކަމަށެވެ. ސަބަބަކީ އެ ދެ ރަށުގެ އުފެއްދުންތައް މާލެއަށް ގެންދިއުމާއެކު ފެލިވަރަށް ގެންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، މުޅި ރާއްޖެއަށް ބަލާއިރު ދަނޑުވެރި އުފެއްދުންތައް މާކެޓު ކުރުމަކީ އަދިވެސް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމަށް ސަރުކާރުން ހޯދައިދިން އެއް ހައްލަކީ، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އުފެއްދުން ކަމަށެވެ.

"އެ ކުންފުނިން މިހާރު ވެސް އަންނަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 715 ދަނޑުވެރިއަކާ އެކު އެއްބަސްވުން ޤާއިމްކޮށް، އެމީހުން އުފައްދާ ބާވަތްތައް ގަނެ ބާޒާރަށް ނެރެމުން،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެއީ މުޅި މައްސަލައިގެ ހައްލެއް ނޫން ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އަދިވެސް ވަރަށް ގިނަ ކަންތައް ކުރަން އެބަހުރި ކަމަށާއި ބައެއް ކަންކަން މިހާރުވެސް ކުރަމުން ދާ ކަމަށެވެ.

އޭގެ ތެރެއިން އެއް ކަމަކީ ދަނޑުވެރި އުފެއްދުންތައް ތާޒާކަމާއެކު ބާޒާރަށް ނެރުމަށްޓަކައި ކުރަންޖެހޭ ކަންތައް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ނުވަ ރަށެއްގައި އެގްރޯނެޓުން މިހާރު ވަނީ ޑިސްޓްރިބިއުޝަން ސެންޓަރާއި އަވިން އުފައްދާ ހަކަތައިން ފިނިކޮށްދޭ, ކޯލްޑް ސްޓޯރޭޖް ފެސިލިޓީތަކެއް ގާއިމް ކޮށްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ކ. ކާށިދޫގައި ބޭއްވި ޖަލްސާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

"ލަސްތަކެއް ނުވެ އެތަންތަން ބޭނުންކުރަން ފެށޭނެ. އެއާއެކު އެގްރޯ ކުންފުނީގެ ޚިދުމަތް މިހާރަށް ވުރެ ފުޅާވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީކުރާނެ ގޮތުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ތަފާތު ފޯރަމްތައް ބާއްވާފައިވާ ކަން ފާހަގަކުރެއްވިއެވެ. އެގޮތުން ދަނޑުވެރިންގެ ފަރާތުން ފާހަގަކުރެވުނު އެންމެ ބޮޑު އެއް ޝަކުވާއަކީ ދަނޑުވެރިކަމަށް ދިގު މުއްދަތަކަށް އިންވެސްޓް ކުރަން އެކަށީގެންވާ ބޮޑުމިނުގެ ބިން ނުލިބުމުގެ ޝަކުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރި އިރު، ދަނޑުވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް އޮތީ، ސަރުކާރުން ދަނޑުވެރިކަމަށް ދޫކުރާ ލުއި ލޯނުގެ މިންވަރު ކުޑަވުން ކަމަށެވެ. އަދި އަނެއް ކަންބޮޑުވުމަކީ، އަމިއްލަ ފަރުދުންނާއި ކުންފުނިތަކާ ދެމެދު ހުރި ފަރަގުގެ ސަބަބުން، ލޯނު ހޯދުމުގައި ކުރިމަތިވާ ދަތިތައް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ އެ ޝަކުވާތައް މި ސަރުކާރުން އަޑު އަހައި، އެކަމަށް އެދެވޭ ހައްލެއް މިހާރު ހޯދައިދީފައިވާ ކަމަށެެވެ.

"މިހާރު އަމިއްލަ ފަރުދުންނަށްވެސް ދެ މިލިޔަން ރުފިޔާއާ ހަމަޔަށް ލޯނު ހޯދުމުގެ ފުރުސަތު އޮންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ ނިސްބަތުން ދަނޑުވެރިކަމުގެ ދާއިރާއަށް ބަލާއިރު، ނުކިއްސަރު ކަންތައްތަކެއް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ބޭނުންޖެހިފައިވާ މިންވަރާއި އުފެއްދޭ މިންވަރުގައި ހުރި ނުބައްދަލުކަން ފާހަގަ ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. ދެވަނަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ އުފައްދާ ތަކެތި ތާޒާކަމާ އެކު ބާޒާރަށް ނެރުމުގައި، ދަނޑުވެރިންނަށް ކުރިމަތިވާ ހުރަސްތަކެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ދަނޑުވެރިކަމުގެ ވަރަށް ރަނގަޅު ދެ ބާޒާރެއް އެބަ އޮތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފުރަތަމަ ބާޒާރަކީ މީހުން ދިރިއުޅޭ ރަށްތައް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދެ ވަނަ ބާޒާރަކީ ރާއްޖޭގައި ހިންގާ ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި ޓޫރިސްޓުންނަށް ޚިދުމަތްދޭ އެހެން ތަންތަން ކަމަށެވެ.

ދަނޑުވެރިންގެ ދުވަސް އަދި ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މިރޭ ކ. ކާށިދޫގައި ބޭއްވި ޖަލްސާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

އެ ދެ ބާޒާރަށް ބޭނުންވާ މިންވަރާ ގާތަށްވެސް ރާއްޖޭގައި ތަރުކާރީ އާއި މޭވާއެއް ނުހެއްދޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ އެކި ލޮޅުންތަކާއެކު ރާއްޖޭގެ ދަނޑުވެރިކަން ފުޅާކުރުމަށް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހިފައިވާ ކަމަށެވެ.

"ބައެއް ދުވަސްވަރަށް ސިއްހީ ކާރިސާއެއް ކުރިމަތިވެދާނެ. އެހެން ނޫނީ، އަސްކަރީ ކުރިމަތިލުމެއް ނުވަތަ ހަނގުރާމައެއް ފެށިދާނެ. މީގެ ދެ އަހަރު ކުރިން، ދުނިޔޭގެ ފުޑް ސެކިއުރިޓީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ކޮވިޑް-19ގެ ބަލިމަޑުކަން. މިއަދު އޮތް ހުރަހަކީ ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ އެފަދަ ކޮންމެ ލޮޅުމަކާއެކު، ކާނާގެ ރައްކާތެރިކަމަށް އެތައް ހުރަސްތަކަކާއި ދަތިތަކެއް ކުރިމަތިވަމުން ދާ ކަމަށެވެ. އަދި އެއީ ސީރިއަސް ގޮތެއްގައި ވިސްނައި ދުރާލައި ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދުނިޔެ ތަރައްގީވެ، އިމްޕޯޓް އެކްސްޕޯޓް ފުޅާވެ އެހާމެ އަވަސްވި ނަމަވެސް، އެކަށީގެންވާ ވަރަށް ކާޑުގެ ބާވަތްތަކާއި ކާނާ ލިބޭނެ ކަމުގެ ޔަގީންކަން އެއްވެސް ގައުމަކަށް މިހާރު ނެތް ކަމަށެވެ.

ވަކީން ޚާއްސަކޮށް ރާއްޖެއަށް އެ ޔަގީންކަން މާ ބޮޑަށްވެސް ކުޑަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކަމަށް އޮތް ހައްލަކީ ދަނޑުވެރިކަން ވަރަށް ބޮޑަށް ފުޅާކުރުން ކަމަށެވެ. ޚާއްސަކޮށް ރާއްޖެއަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދޭ ބާވަތްތަކުގެ ދަނޑުވެރިކަން ފުޅާކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ 17 ބާވަތެއް ރާއްޖޭގައި ހައްދަމުން އަންނަ ކަމަށް، މިދިޔަ އަހަރުގެ ދަޑުވެރިންގެ ދުވަހު ވެސް ދެންނެވި ކަމަށެވެ.

"އެ ބާވަތްތައް ހައްދާ މިންވަރު އިތުރުކުރުމަށް އެގްރިކަލްޗާ މިނިސްޓްރީން މިހާރު އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުން. އަދި އިތުރު ބައެއް ކަންތައް ޕްލޭންކޮށްފައި ވެސް އެބަހުރި. އޭގެ ތެރެއިން އެއް ކަމަކީ، ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަށް އަލަށް ދޫކުރާ ރަށްތަކުގެ 30 އިންސައްތަ ބިމުގައި، މި ދެންނެވި 17 ބާވަތުގެ ތަރުކާރީ އާއި މޭވާ ހެއްދުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މިރޭ ކ. ކާށިދޫގައި ބޭއްވި ޖަލްސާގެތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ އެގްރޯނެޓްގެ ފަރާތުން އެއްބަސްވުން ހަދާފައިވާ ދަނޑުވެރިން އުފައްދާ، 17 ބާވަތުގެ ތަރުކާރީއާއި މޭވާ، އެ ކުންފުނިން ގަނެ ބާޒާރަށް ނެރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ޔޫއެންޑީޕީގެ އެހީތެރިކަމާއެކު އެކުންފުނިން ބަންނަމުން އަންނަ ދެ ދޯނި މިއަންނަ އަހަރުގެ ތެރޭގައި ޚިދުމަތަށް ނެރުމުން، އެ މަސައްކަތް އިތުރަށް ފުޅާވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދަނޑުވެރިކަމުގެ އާ މޮޑެލްއެއް ވެސް ތިން އަތޮޅެއްގެ ފަސް ރަށެއްގައި ފެށުމަށް އެގްރޯ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެއީ ކާށިދުއާއި، ނ. މަނަދުއާއި އެ އަތޮޅު ލަންދުއާއި މާފަރު އަދި ލ. އަތޮޅު އިސްދޫ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ބިން ބޮޑު ރަށްރަށް ކަމަށް ވާއިރު އެއިން ކޮންމެ ރަށެއްގައި ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތަކާއެކު، އެއް ލައްކަ އަކަފޫޓުގެ ބިން ތަރައްގީ ކުރުމަށް ޕްލޭން ކޮށްފައިވާ ކަމަށެވެ.

ދަނޑުވެރިކަމުގެ ވައްޓަފާޅިއަށް ވެސް، ބަދަލުތަކެއް ގެންނަން ޖެހޭ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގައިން ގަޔަށް ނާރާ ނުރައްކާތެރި ބޮޑެތި ބަލިތައް ރާއްޖޭގައި ފެތުރޭ މިންވަރު އިތުރުވަމުން ދާ ކަމަށެވެ. ސަބަބަކީ ކާބޯތަކެތީގައި އެކުލެވޭ ކެމިކަލް މާއްދާތައް ކަމަށްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމުގެ ހަގީގީ ސަބަބު މިއަދު ހޯދަންޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެފަދަ ދިރާސާއެއް ރާއްޖޭގައި ހެދިފައި ނެތަސް، އެއީ ސިއްހަތަށް އެންމެ ރަނގަޅު ކާނާ ނޫން ކަމަށް މުޅި ދުނިޔެވެސް މިއަދު އެއްބަސްވޭ. ކުރިއަރާފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތައް ވެސް މިއަދު އަމާޒު ހިފާފައިވަނީ އޯގަނިކް ފާމިންއަށް. ކެމިކަލްތައް ދޫކޮށް، ޠަބީއީ ކާނާއިން ދަނޑުވެރިކަން ކުރުމަކީ އަޅުގަނޑުމެން މިއަދު އެންމެ ބޮޑަށް އިސްކަން ދޭންވީ ކަންތައް،" ރައީސް ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ އެފަދަ ކަންކަމަށް ދަނޑުވެރިން ތަމްރީންކުރަން ވެސް ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސަން ޖެހޭނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަންކަމަށް މިނިސްޓްރީން މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި 49 ރަށެއްގައި ތަމްރީނު ޕްރޮގްރާމްތައް ހިންގައި، ޖުމްލަ 1390 ދަނޑުވެރިން ތަމްރީނު ކޮށްފައިވާ ކަމަށެވެ.

މިޒަމާނުގެ ދަނޑުވެރިކަމަކީ ހަމައެކަނި ބޮޑެތި ހުސްބިންތަކުގައި ކުރާ ކަމެއް ނޫން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޓެކްނޮލޮޖީގެ ބަހުރުވައިގައި ކޮންމެ ތަނަކީ ވެސް ދަނޑުބިމެއް ކަމަށެވެ. އަދި ކޮންމެ އިމާރާތެއްގެ ފާރަކީ ވެސް ދަނޑެއް ކަމަށެވެ.

"ގޭ ފުރާޅަކީ ވެސް ދަނޑެއް. ސްކޫލްތަކާއި ޕާކްތަކަކީ ވެސް ދަނޑުބިންތައް. ސިންގަޕޫރު ފަދަ ބިން ކުޑަ ގައުމުތަކުގައި، އެކަން އެއަންނަނީ ޢަމަލީ ގޮތުން ދައްކަމުން. މިއީވެސް ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވަމުން އަންނައިރު، އަޅުގަނޑުމެން ވިސްނުން ހިންގަން ވަރަށް މުހިންމު ކަމެއް،"

މިއަހަރު ދަނޑުވެރިންގެ ދުވަސް ފާހަގަކުރަނީ ދަނޑުވެރިންގެ ކާށިދޫގައި ކަމަށް ރައީސް ވިދާޅުވިއެވެ. ކާށިދުއަކީ ޒަމާނުއްސުރެ ދިވެހި ދަނޑުވެރިކަމުގައި އެންމެ މަޝްހޫރު އެއް ރަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދަނޑުވެރިކަމުގެ ހުރިހާ ބާވަތެއްހެން ކާށިދޫގައި އާލާވެފައި ވާ ކަމަށެވެ. މޭވާ އާއި ތަރުކާރީގެ ދަނޑުވެރިކަމުގައި ކާށިދޫގެ ނަން މުޅި ރާއްޖެއަށް މަޝްހޫރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކާށިދޫގައި މިހާރު ދަނޑުވެރިކަން ކުރަނީ ހަމައެކަނި އެ ރަށޫގެ ރައްޔިތުން ނޫން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ބައެއް އެހެން ރަށްރަށުގެ ދަނޑުވެރިންވެސް މިހާރު އެ ރަށުގައި އިންވެސްޓް ކުރަމުން އަންނަތަން ފެންނަމުން ދާ ކަމަށެވެ. އެކަމުން ދޭހަވަނީ ދަނޑުވެރިކަމަށް ފަހި މުސްތަގުބަލެއް އޮތްކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކާށިދުއެކޭ އެއްގޮތަށް އއ. ތޮއްޑުއަކީ ވެސް ދަނޑުވެރިކަމުގައި ނަން ހިނގާ ރަށެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރަށުގެ ދަނޑުވެރިންނަށް ވެސް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެއް ކަމަކީ އެ ރަށުގެ ފެން ލޮނުވެ ތަޣައްޔަރުވުން ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް އޭޑީބީގެ އެހީގައި ޚާއްސަ މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ އަވިން އުފައްދާ ހަކަތައިން ހިންގާ މެޝިނެއްގެ އެހީގައި ލޮނުން ފެން އުފައްދައިގެން ދަނޑުތަކަށް ފެން ދޫކުރުމުގެ މަޝްރޫޢެއް. އެ މަޝްރޫއަށް އޭޑީބީން ދޭ 46 މިލިޔަން ރުފިޔާގެ އެހީ މިހާރު ވަނީ ކަށަވަރުވެފައި. އިރާދަކުރެއްވިއްޔާ މި ފެށޭ 2023 ވަނަ އަހަރުގެ ތެރޭގައި އެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭނުންވާ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ، އެފަދަ ދުރު ރާސްތާގެ މަޝްރޫއުތަކެއް ގައުމީ ފެންވަރުގައި ހިންގައިގެން ކަމަށެވެ. ދަނޑުވެރިންގެ ލުއިފަސޭހައަށްޓަކައި މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭގެ ތެރެއިން އެއް ކަމަކީ، ދަނޑުވެރިކަމުގައި ބޭނުންކުރާ 191 ބާވަތެއްގެ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑައިލުން ކަމަށެވެ.

ތަރައްގީގެ އެފަދަ ކޮންމެ މަޝްރޫއެއް ހިންގިޔަސް، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ވިސްނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ދަނޑުވެރިކަން ކުރުމުގައި ވެސް އިސްކަން ދޭންވީ، ތިމާވެއްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.

"ފެން އިސްރާފުވާ މިންވަރު ކުޑަކޮށް، ރާއްޖޭގެ މާޙައުލަށް އެންމެ އެކަށޭނަ ނިޒާމުތައް ދަނޑުވެރިންނަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ސަރުކާރުން މިއަންނަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ ވެސް، ކާނާގެ ރައްކާތެރިކަމަށް ހުރި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހުމާއި، އުދަ އެރުމާއި، ހޫނުމިން މައްޗަށް ދިއުމަކީ، ދަނޑުވެރިކަމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވެސް، ބައެއް ރަށްރަށަށް ވަރަށް ބޮޑަށް އުދަ އަރައި ގެއްލުންވެފައިވާ ކަމަށެވެ. އެއިން އެނގެނީ މޫސުމީ ބަދަލުތަކުން ދަނޑުވެރިކަން ހިމާޔަތް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ކ. ކާށިދޫގައި ބޭއްވި އެ ޖަލްސާގައި އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެސް ވަނީ ބައިވެރިވެވަޑައިންފައެވެ.

comment ކޮމެންޓް