އެލާސިން އައި ޑްރޮޕް ބޭނުން ނުކުރުމަށް އެޗްޕީއޭއިން އަންގައިފި

އެލަރސިން އައި ޑްރޮޕް ބޭސް

ލޮލަށް އަޅާ ބޭހެއް ކަމަށްވާ "އެލާސިން އައި ޑްރޮޕް" ބޭސް ބޭނުން ނުކުރުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އަންގައިފިއެވެ.

އެޗްޕީއޭއިން މިއަދު ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ޑުއޯފާމާއިން އުފައްދާ އެލާސިން އައި ޑްރޮޕް ބޭހުގެ ބައެއް ބެޗުތަކުގައި ޑިފެކްޓެއް ހުރިކަމަށް އެ ގައުމުގެ ޑްރަގް ރެގިއުލޭޓަރީ ނޭޝަނަލް ފާމަސޫޓިކަލް އޮތޯރިޓީން އަންގާފައިވާ ކަމަށެވެ.

އެގޮތުން ޑިފެކްޓް ހުރި މިބެޗް ތަކުގެ ނަމްބަރަކީ 200230L, 200827L,193033L, 200608L, 200607L, އާއި 200825L ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާރު މައްސަލަ ދިމާވެފައިވާ ތިން ބެޗުގެ ތެރެއިން ދެ ބެޗެއް ރާއްޖެއަށް އެތެރެކޮށް ވިއްކާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އެހެންކަމުން މިހާރު އެ ބޭސް ރަޖިސްޓްރީކޮށްފައިވާ ފަރާތާ ގުޅިގެން މާކެޓުން އެ ބޭސް ނަގަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ބޭސް ބޭނުންކުރާ ފަރާތްތަކުން ބެޗު ނަމްބަރު ބެލުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ބޭސް އެތެރެކުރާ ފަރާތަކުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

comment ކޮމެންޓް