ވެލްނަސް މެޓާސްއިން ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ 'ޕްލާންޓް އަ ޓްރީ' ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 415 ތަނެއްގައި މިއަދު ގަސް އިންދައިފިއެވެ.
އެ ޖަމިއްޔާއިން ބުނީ މިއަދު ކުރިއަށް ދިޔަ އެ ހަރަކާތުގައި 32 ސްކޫލަކާއި 345 އަމިއްލަ ފަރުދުންގެ އިތުރުން ހަތް އިދާރާއަކާއި 42 ރަށުން ބައިވެރިވެފައިވާ ކަމަށެވެ.
ޚާއްސަކޮށް ނ. މަނަދޫގެ ނަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ އެ ރަށުގެ 300 ގެއެއްގައި ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ކަމަށެވެ.
ޖުމުލަ 415 ތަނެއްގައި ގަސް އިންދުމަށް ވެލްނަސް މެޓާސްއިން 41،000 އަށްވުރެ ގިނަ އޮށް ހަދިޔާ ކުރިއެވެ.
ވެލްނަސް މެޓާސްއިން ބުނީ އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އޭގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީ، ޖެންޑާ މިނިސްޓްރީ، ލޯކަލް ގަވަމެންޓް އޮތޯރިޓީ، ރަށްރަށުގެ ކައުންސިލްތައް، ސްކޫލުތަކުގެ އިތުރުން އާންމު ފަރުދުންގެ އެއްބާރުލުމާއި ބައިވެރިވުން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

މިއަދު ކުރިއަށް ދިޔަ އެ ހަރަކާތުގައި 32 ސްކޫލު، 345 އަމިއްލަ ފަރުދުން، ހަތް އިންސްޓިޓިއުޝަން، 20 އަތޮޅުން 42 ރަށް ވަނީ އެ ހަރަކާތުގައި ބައިވެރިވެފައި--- ފޮޓޯ/ ވެލްނަސް މެޓާސް
ވެލްނެސް މެޓާސްއަކީ އެ ޖަމިއްޔާގެ ފައުންޑާ ޒުލްފާ ނަސީރު މެލޭޝިއާގެ ޕްރޮގްރާމެއްގައި ބައިވެރިވެގެން، ހަށިގަނޑަށް އައި ހެޔޮ ބަދަލުން އާއިލާގެ މެމްބަރުންނާ ގާތް ރަށްޓެހިންނަށް އެ ހެޔޮ ބަދަލު ގެނެސް ދިނުމަށް ފެށި މަސައްކަތެކެވެ.
ވެލްނަސް މެޓާސްއިން ބުނީ މިހާތަނަށް 5،000އަށް ވުރެ ގިނަ މީހުންގެ ދިރިއުޅުމަށް، ހެޔޮ ބަދަލްތަކެއް ގެންނަން އެ ޖަމިއްޔާއިން އެހީތެރިވެފައިވާ ކަމަށެވެ. މިވަގުތު ވެލްނަސް މެޓާސްއިން ހިންގާ ޕްރޮޖެކްޓްތަކަކީ "21 ޑޭސް ފިޓް ޗެލެންޖް"، "މޭކް އޯވާ ޕްރޮޖެކްޓް"، "ނިއުޓްރި ސްޓޭޝަން"، "ޕްލާންޓް އަ ޓްރީ ޕްރޮޖެކްޓް"، "ވެލްނަސް މެޓާސް ޑޮނޭޝަން" އަދި "ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ" ޕްރޮޖެކްޓެވެ.