މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަން ދީފި

މާފަރު އެއާޕޯޓު -- ސަން ފޮޓޯ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)އިން ދީފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އޭޑީއެފްޑީގެ ޑިރެކްޓާ ޖެނެރަލް މުޙައްމަދު ސާއިފް އަލް ސުވައިދީއާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި އެ ފަންޑުން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އިރު މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަން ސާއިފް ދެއްވި ކަމަށް ޝާހިދު ވިދާޅުވިއެވެ.

މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އެ އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ސިންގަޕޫރުގެ ޓަފް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ މާފަރު އެއާޕޯޓަކީ ދުނިޔޭގެ އެންމެ ބޮޑެތިި މަތިންދާ ބޯޓުތައް ކަމަށްވާ A320 އާއި ބޮއިންގް 737 މަރުކާގެ ބޯޓު ވެސް ޖެއްސޭ ފެންވަރަށް ތަރައްގީ ކޮށްފައިވާ އެއާޕޯޓެކެވެ.

މާފަރު އެއާޕޯޓުގެ ރަންވޭގެ ދިގުމިނަކީ 2،200 މީޓަރެވެ. އަދި ފުޅާމިނަކީ 40 މީޓަރެވެ. ރަންވޭގެ އިތުރުން ޓާމިނަލް އަކާއި ލައުންޖެއް ވެެސް މާފަރު އެއާޕޯޓުގައި ހުރެއެވެ.

comment ކޮމެންޓް