ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅަށްފަހު މެޑަމް ފަޒްނާ މާލެ ވަޑައިގެންފި

ފުވައްމުލަކުގެ ދަތުރުފުޅަށް ފަހު، މެޑަމް ފަޒްނާ މާލެ ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަަށްފަހު މިއަދު މާލެވަޑައިގެންފިއެވެ.

ފަޒްނާގެ މި ދަތުރުފުޅުގައި، ޖެންޑާ މިނިސްޓްރީއާއި ޕެންޝަން އޮފީހާއި އަދި ފުލުސް އޮފީހުގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން އެ ސިޓީގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ބުދަ ދުވަހުގެރޭ ފުވައްމުލައް ސިޓީ އިޖްތިމާޢީ ބަދަހި މަދަދުވެރިންނާ ބައްދަލުކުރައްވާ، އެބޭފުޅުންގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ މައުލޫމާތު ހޯއްދަވާފައިވެއެވެ. އަދި ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން އެ ސިޓީގައި ބޭއްވި ހަފުލާ އެކަމަނާ ޝަރަފުވެރި ކޮށްދެއްވިއެވެ.

އެކަމަނާގެ ދަތުރުފުޅުގައި ހުކުރު ދުވަހު ވަނީ ފުވައްމުލައް ސިޓީގައި ދިރިއުޅޭ އުމުރުން އެންމެ ދުވަސްވީ ދެ އިސް ރަށްވެހިންގެ ގެއަށް ޒިޔާރަތް ކުރައްވައި އެބޭފުޅުންގެ ހާލު ބައްލަވާފައެވެ.

މީގެ އިތުރުން އެ ދުވަހު ހަވީރު އެކަމަނާ ވަނީ ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ "ތްރީ ޖެނެރޭޝަން ވޯކު" އަދި އާއިލީ ހަވީރުގައި ބައިވެރިވެވަޑައިގެންފައެވެ.

އދ. ގެ ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ރެޒިލިއެންސް އޮފް އޯލްޑާ ޕާސަންސް އިން އަ ޗޭންޖިން ވޯލްޑް" އެވެ.

comment ކޮމެންޓް