ރަޝިއާގެ ގޭސް އެކްސްޕޯޓްކުރާ މައި މަރުކަޒަކަށް ތުރުކީ ހަދަނީ

އާސްތާނާ (15 އޮކްޓޯބަރު 2022): ތުރުކީ މެދުވެރިކޮށް ޔޫރަޕަށް ގޭސް ފޯރުކޮށްދިނުމުގެ މަރުކަޒަކަށް ތުރުކީ ހެދުމަށް ރައީސް ވްލަޑިމީރު ޕޫޓިން ހުށަހެޅުއްވި ހުށަހެޅުމަކަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އެރުދުޣާން އެއްބަސްވެވަޑައިގެންފިއެވެ.

ޕޫޓިން މިކަން ހުށަހެޅުއްވީ ކަޒަޚިސްތާނުގެ ވެރިރަށް އާސްތާނާގައި ބޭއްވި ރަޝިއާއާއި ސެންޓްރަލް އޭޝިއާގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގެ އަރިމަތީގައި އެރުދުޣާން އާއެކު ބޭއްވި ވަކި ބައްދަލުވުމެއްގައެވެ.

ޕޫޓިން މިހުށަހެޅުން ހުށަހެޅުއްވިތާ 24 ގަޑިއިރުވެސް ނުވަނީސް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އެރުދުޣާން ވަނީ ރަޝިއާގެ ގޭސް ރައްކާކުރާނެ ރިޒާވް ބޮޑު މަރުކަޒެއް ތުރުކީގައި ގާއިމް ކުރުމުގެ މަސައްކަތް ފެށުމަށް ތުރުކީގެ ހަކަތައާ ބެހޭ ވަޒީރަށް އަމުރު ކުރެއްވިކަން ހާމަކުރައްވާފައެވެ.

އެރުދުޣާން ޔޫވިދާޅުވިގޮތުގައި ރަޕަށް ގޭސް ފޯރުކޮށްދިނުމުގެ މަރުކަޒަކަށް ތުރުކީއަށް މާލީ ގޮތުންނާއި ހަކަތައިގެ ގޮތުން ބޮޑު ފައިދާއެއް ލިބޭނެ ކަމެއްކަމުން މިއީ ދޫކޮށްލެވޭ ވަރަށްވުރެ މާ ސްޓްރެޓީޖިކް ކަމެކެވެ. ޖަރުމަނު މެދުވެރިކޮށް ޔޫރަޕަށް ގޭސް ފޮނުވާ ދެހޮޅި ކަމަށްވާ ނޯޑް ސްޓްރީމް ވަން އާއި ޓޫ ދާދިފަހުންވަނީ ބޯލްޓިކް ކަނޑުގެ އަޑިން ގޮތްގޭންގޭ ބަޔަކު ގޮއްވާލާފައެވެ.

ރަޝިއާއިން އެކަމުގެ ތުހުމަތު އަޅުވަނީ އެމެރިކާގެ ބޮލުގައެވެ. ނަމަވެސް އެމެރިކާ އެކަން ދޮގު ކުރެއެވެ. މިހާރު ރަޝިއާގެ ގޭސް ޔޫރަޕަށް ފޮނުވަނީ ޔުކްރެއިން ހުރަސްކޮށް އިޓަލީއަށް އަޅާފައިވާ ގޭސް ހޮޅިއަކާ އަދި ކަޅުކަނޑު ހުރަސްކޮށް ތުރުކީ އަށް އަޅާފައިވާ ހޮޅިއަކުންނެވެ.

ރަޝިއާގެ ރައީސް ވިދާޅުވެފައިވާ ގޮތުގައި ނޯޑް ސްޓްރީމްގެ ދެހޮޅި މެދުވެރިކޮށް ޔޫރަޕަށް ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކައިރި މުސްތަގްބަލެއްގައި ނުފެށޭނެއެވެ. އަދި ޔޫރަޕްގެ ގައުމުތައްވެސް ގެންދަނީ ރަޝިއާއަށް ދަތިކުރުމަށްޓަކައި ރަޝިއާގެ ގޭހުގެ ބަދަލުގައި އެހެން ތަންތަނުން އަގުބޮޑުކޮށްވެސް ގޭސް ހޯދުމަށް ގިނަ މަސައްކަތްތެއް ކުރަމުންނެވެ. މިގޮތުން ރަޝިއާ ވިއްކާވަރަށްވުރެ ފަސް ގުނަ އަގުބޮޑުކޮށް އެމެރިކާ ގެންދަނީ ތެލާއި ގޭސް ޔޫރަޕަށް ވިއްކަމުންނެވެ.

މިމައްސަލާގައި ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯންވަނީ އެމެރިކާގެ ބައިވެރިންކަމަށްވާ ޔޫރަޕްގެ ގައުމުތަކަށް ހަކަތަ ވިއްކަނީ މިހާ އަގުބޮޑުކޮށްތޯ ސުވާލު އުފައްދަވާފައެވެ.

ރަޝިއާއާއި ތުރުކީ ދެކޭގޮތުގައި ކަޅުކަނޑު ހުރަސްކޮށް ރަޝިއާއިން ތުރުކީ އަށް އަޅާފައިވާ ގޭސް ހޮޅިން އިތުރަށް ގޭސް ފޮނުވައި އެގޭސް ރައްކާކުރާނެ ބިޔަ މަރުކަޒެއް ތުރުކީގައި ގާއިމްކޮށްފިނަމަ ޔޫރަޕްގެ ދެކުނުގެ ގައުމުތަކަށާއި އަދި މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ރަޝިއާގެ ގޭސް މިހާރަށްވުރެ ފަސޭހައިން ފޯރުކޮށްދެވިދާނެއެވެ.

ރަޝިއާގެ ގޭހަށް ބަރޯސާވުން ޔޫރަޕް ކުޑަކުރިނަމަވެސް ރަޝިއާގެ ގޭހުން މުޅިން އަތްދޫކޮށްލުމަކީ ޔޫރަޕަށް ކުރެވޭނެ ކަމެއްނޫނެވެ. އަދި ރަޝިއާގެ ގޭހަށް ބަރޯސާވުން ކުޑަކުރުމަށްވެސް އަހަރުތަކެއް ނަގާނެއެވެ. ރަޝިއާގެ ގޭސް އެކްސްޕޯޓް ކުރުމުގެ މައި މަރުކަޒަކަށް ތުރުކީ ހަދައިފިނަމަ އެކަމުގެ ސަބަބުން އެދެގައުމަށް އިގްތިޞާދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެކަމަށް ވަނީ ބެލެވިފައެވެ.

comment ކޮމެންޓް