ފްރާންސާއެކު 2018 ވަނަ އަހަރުގެ ވޯލްޑްކަޕް އުފުލާލި ހުނަރުވެރި މިޑްފީލްޑަރު އެންގޯލޯ ކަންޓޭއަށް އަނިޔާވެ ވޯލްޑްކަޕް ގެއްލޭނެކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ދި އެތުލެޓިކްއިން ބުނާ ގޮތުގައި ކަންޓޭގެ ފަލަމަސްގަނޑަށް އަނިޔާވެ އޭނާ ކުޅުމާ ދުރުގައި ތިން މަސް ދުވަސް ހޭދަކުރަން ޖެހޭނެއެވެ. އެހެންކަމުން ވޯލްޑް ކަޕް ޖެހެން ގާތްގަނޑަކަށް މަަހަކަށް ވެފައިވާއިރު އޭނާއަށް މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.
ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ކަންޓޭގެ އަނިޔާއާ ބެހޭ ގޮތުން ވާހަކަދައްކަމުން ބުނީ ކަންޓޭއަށް އަނިޔާވުމުން ދެރަވާކަމަށެވެ. އަދި ވޯލްޑުކަޕަށް އޭނާ ފިޓު ނުވާނެކަމަށް ވެސް އޭނާ ބުންޏެވެ.
މިދިޔަ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު ޗެލްސީއިން ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ވަނީ އަނިޔާވެފައެވެ. އެ އަނިޔާއިން މުޅިއަކުން ރަނގަޅު ނުވެގެން އުޅެނިކޮށް އޭނާއަށް އަނެއްކާ ވެސް މިވަނީ އަނިޔާއާ ކުރިމަތިވެފައެވެ.
ކަންޓޭއާކީ 2018 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރި ފްރާންސްް ޓީމުގައި މުހިންމު ކުޅުންތެރިއެކެވެ. މެދުތެރޭގައި އެންމެ ރަނގަޅަށް އެ މުބާރާތުގައި ކުޅުނު އެއް ކުޅުންތެރިއަކީ ކަންޓޭއެވެ. އޭނާއާއެކު މެދުތެރޭގައި ހަރަކާތްތެރިވި ޕައުލް ޕޮގްބާއަށް ވެސް އަނިޔާވެ ވޯލްޑްކަޕް ގެއްލިދާނެކަމަގު ބިރު ވަނީ ހީވެފައެވެ.
ޕޮގްބާއަށް އަނިޔާވެފައިވަނީ ޔުވެންޓަސްއަށް މި ސީޒަނުގައި ބަދަލުވެ ސީޒަނަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ތެރެއިންނެވެ.
އެ އަނިޔާއަށް ފަރުވާކުރި ނަމަވެސް އަނިޔާ ރަނގަޅު ނުވުމުން ޕޮގްބާއަށް އޮޕަރޭޝަނެއް ކުރަން މަޖުބޫރުވެ، މިހާރު އެ އޮޕަރޭޝަން ވަނީ ކާމިޔާބުކަމާއެކު ކޮށްފައެވެ.
ނަމަވެސް އޭނާއަށް ކުޅުމުގައި ބައިވެރިވެވޭނެ ދުވަހެއް ޔަގީންކޮށް ބުނަން އަދި ނޭނގެއެވެ. ބައެއް މީޑިއާތަކުން ވަނީ އޭނާއަށް ވޯލްޑުކަޕް ނުކުޅެވޭނެކަމަށް ބުނެފައެވެ.