ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 30އަށް ވުރެ ގިނަ ބައިވެރިންނާއެކު ހެކަތަން މިއަދު ފަށައިފިއެވެ.
މިއަދު ހޮޓެލް ޖެންގައި ހެކަތަން ފަށާފައި ވަނީ "ބޭންކިން ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމާ އެކްސްޕީރިއެންސް" ނުވަތަ ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށް އުފެއްދުންތެރި ޚިޔާލުތައް ހޯދުމަށެވެ.

ބީއެމްއެލް އިނޮވޭޝަން ލެބް ހެކަތަން މިއަދު ފެށުމުގެ ތެރެއިން / ފޮޓޯ ބީއެމްއެލް
ސާޅީސް އަށް ގަޑިއިރަށް ދެމިގެންދާނެ މި ހެކަތަންގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންނާއި ޓީމްތަކަށް ފިންޓެކްގެ ދާއިރާއިން އީޖާދީ ޚިޔާލުތަކާއި ހައްލުތައް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
މި ހެކަތަންގައި ތިން ޓީމު ހޮވައި މި ޓީމުތަކުން ހުށަހަޅާ ޚިޔާލު ކާމިޔާބުކަމާއެކު ނިންމާލުމުން ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި ހޮވޭ ޓީމުތަކާއެކު އެ ފަރާތްތަކުން ހުށަހަޅާ ހައްލު ބޭންކާއެކު އެއްބަސްވެވޭ އަގެއްގައި ގަތުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިނޮވޭޝަން ލެބް ހެކަތަން މިއަދު ފެށުމުގެ ތެރެއިން / ފޮޓޯ ބީއެމްއެލް
މީގެ އިތުރުން ހެކަތަންއިން ހޮވޭ ޓީމްތަކަށް ބޭންކުން އިތުރު ކަންކަން ހަމަޖައްސައިދޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެގޮތުން ޓީމްތައް މަސައްކަތްކުރުމަށް ހާއްސަ އޮފީހެއް ހަމަޖައްސައިދިނުމާއި، ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާ ދިނުންވެސް ހިމެނެއެވެ. އަދި ހޯދައިދޭ ހައްލަކަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް ދިނުން ވެސް ހިމެނޭކަމަށް ބޭންކުން ބުނެއެވެ.
މި ހެކަތަން ކާމިޔާބު ކުރާ ޓީމުތައް ހޮވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު ގައެވެ.