ފްލައި ދުބާއީން އަންނަ އަހަރުގެ ފެބުރުއަރީ މަހު އައްޑޫސިޓީ ގަމަށް ޝެޑިއުލް ދަތުރުތައް ބާއްވާނޭކަން ހާމަކޮށްފިއެވެ.
ދުބާއީގެ ބަޖެޓް އެއާލައިން ފްލައި ދުބާއީގެ ދަތުރުތައް އައްޑޫސިޓީގެ ގަމަށް ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކޮށް އެ އެއާލައިނުގެ ސީއީއޯ ގައިތު އަލް ގައިތު ވިދާޅުވީ، ފެބުރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ފްލައި ދުބާއީގެ ދަތުރުތައް އައްޑޫ ސިޓީއަށް ފަށާއިރު، ކޮންމެ ދުވަހަކު ފްލައިޓް ބާއްވާނޭ ކަމަށެވެ.
"މެދުއިރުމަތީގެ އިތުރުން ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލުމަށް އެންމެ މަޤްބޫލް މަންޒިލް. ކުރިއަށް އޮތް ތަނުގައި ފްލައި ދުބާއީ މެދުވެރިކޮށް ޔޫރަޕާއި އައްޑޫސިޓީ ގަން ގުޅާލެވިގެންދާނެ،" ފްލައި ދުބާއީގެ ސީއީއޯ ގައިތު އަލް ގައިތު ވިދާޅުވިއެވެ.
އައްޑޫސިޓީގެ ގަމަށް ފްލައި ދުބާއީގެ ދަތުރުތައް ފެށިގެންދިއުމުން، އެ އެއާލައިން ވެގެންދާނީ ދުބާއީން އައްޑޫސިޓީއަށް އެންމެ ފުރަތަމަ އުދުހުންތައް ބާއްވާ އެއާލައިނަށެވެ.
ފްލައިދު ބާއީން ވަނީ އައްޑޫސިޓީގެ ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ އަގުތައް ވެސް ހާމަކޮށްފައެވެ. ބިޒްނަސް ކުލާސް ދެކޮޅު ޓިކެޓްގެ އަގަކީ 1600 ޑޮލަރެވެ. އަދި އިކޮނޮމީ ކުލާސް ދެކޮޅު ޓިކެޓުގެ އަގަކީ 550 ޑޮލަރެވެ.
އައްޑޫ ސިޓީގެ ގަމަށް ފްލައި ދުބާއީގެ ދަތުރުތައް ފަށާނޭ ތާރީހު އިއުލާން ކޮށްފައިވާއިރު، ފްލައި ދުބާއީން ވަނީ އަންނަ މަހު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުތައް ބާއްވާނޭކަން ވެސް އިއުލާނުކޮށްފައެވެ. ފްލައި ދުބާއީން ނިންމާފައިވަނީ، ކޮލަމްބޯ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ކޮންމެ ދުވަހަކު ފްލައިޓެއް ބޭއްވުމަށެވެ.
ފްލައިދު ބާއީން މިހާރު ވެސް އަންނަނީ ދުބާއީން ރާއްޖެއަށް ކޮންމެ ހަފުތާއަކު އުދުހުންތައް ބާއްވަމުންނެވެ. ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން 2019 ވަނަ އަހަރު ފްލައި ދުބާއީން ރާއްޖެއަށް ކުރަމުންއައި ދަތުރުތައް ހުއްޓާލި ނަމަވެސް 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަލުން ދަތުރުތައް ވަނީ ފަށާފައެވެ.
ފްލައި ދުބާއީން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުވެގެން ދިއުމަކީ މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދާނޭ ކަމެއް ކަމަށް މޯލްޑިވްސް މާކެޓިން ޕީއާރު ކޯޕަރޭޝަން އެމްއެމްޕީއާރުސީން ބުނެއެވެ.