މާލޭ ސިޓީ ކައުންސިލްގެ ގަސް ވިއްކާ ފިހާރަ ހިންގުމަށް ގާނޫނަކުން ތަނެއް ނުދޭ: މެމްބަރު ނިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް --- ފޮޓޯ/ މަޖިލިސް

މާލޭ ސިޓީ ކައުންސިލުން މާލޭގައި ހުޅުވާފައިވާ ގަސް ވިއްކާ ފިހާރަ ހިންގުމަކީ ގާނޫނީގޮތުން ތަންދޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަދި ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމަށްޓަކައި ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާއެކު ވިޔަފާރި ކުރުމުގެ ބާރު ކައުންސިލްތަކަށް ލިބެއެވެ.

އެކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން މެންބަރު ނިޔާޒް ވިދާޅުވީ ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ކަމަށް ގާނޫނުގައި ލިޔުނީ ވަރަށް ގިނަ ސަބަބުތަކެއް ހުރެގެން ކަމަށެވެ. އެގޮތުން ގާނޫނު އެގޮތަށް އިސްލާހުކުރީ ބަޖެޓުގެ އިތުރުން ކައުންސިލަށް އާމްދަނީ އިތުރުކުރެވޭނެ ގޮތެއް މަގުފަހި ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ކައުންސިލްތަކުން ވިޔަފާރި ކުރާނަމަ، އެ ވިޔަފާރި ކުރަން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނާ ކަމަށެވެ. އަދި އެ ކުންފުނި އުފައްދައި، އެކަމަށް ހުއްދަ ދޭނީ ރެޖިސްޓާ އޮފް ކޮމްޕެނީސް ކަމަށް އެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

"ރެޖިސްޓާ އޮފް ކޮމްޕެނީސް މިހާރު އެބަވޭ އާންމު ކޮށްފައި، ކައުންސިލްތަކަށް ކުރެވިދާނެ ވިޔަފާރިތަކުގެ ލިސްޓެއް. ހުއްދަ ދިނުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި އާންމުކޮށް އެ ރަށެއްގައި ކުރާ ވިޔަފާރިތައްތޯ ބަލައި. އަދި ރައްޔިތުން ކުރާ ވިޔަފާރިތަކަށް ހުރަސްއެޅޭ މިންވަރު ބެލުމަށްފަހުގައި ހުއްދަ ދޭނީ،" މެމްބަރު ނިޔާޒް ވިދާޅުވިއެވެ.

މެންބަރު ނިޔާޒް ވިދާޅުވީ މާލޭގައި ސައި ހޮޓަލެއް ހިންގުމާއި ކަންމަތީ ފިހާރައެއް ހިންގުން ނުވަތަ ގަސް ވިއްކާ ފިހާރައެއް ހިންގުމަކީ އާންމުކޮށް ކުރާ ވިޔަފާރިތަކެއް ކަމަށެވެ. ވުމާއެކު ގަވާއިދު އެކުލަވާލާފައިވާނީ އެފަދަ ކަންކަމަށް ހުއްދަ ނުދޭ ގޮތަށް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އެހެންވީމާ މާލޭ ސިޓީ ކައުންސިލުން މިހާރު އެކުރާ ވިޔަފާރި ކޮން އުސޫލަކުން ކިހިނެއް ކުރާ ކަމެއް ކަމެއް ނޭނގޭ،"

ކާނިވާ ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހުޅުވި ގަސް ވިއްކާ ފިހާރަ މޭޔަރު ބައްލަވައިލައްވަނީ--- ފޮޓޯ

ގަވާއިދުގައިވާ ގޮތުން ސިޓީ ކައުންސިލަކަށް އެ ވިޔަފާރި ހިންގުމަކަށް ފުރުސަތު ނުލިބޭ ކަން ފާހަގަކުރައްވައި މެމްބަރު ނިޔާޒް ވިދާޅުވީ ގެސްޓްހައުސްއެއް ނެތް ރަށެއްގައި، އެކަން ތައާރަފު ކުރަން ކައުންސިލަށް ގެސްޓްހައުސް ވިޔަފާރި ކުރެވިދާނެ ކަމަށެވެ.

ނަމަވެސް މާފުށީ ކައުންސިލުން އެ ވިޔަފާރި ކުރާކަަށް ގާނޫނަކުން ހިތްވަރު ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބެއް ކަމަށް ނިޔާޒް ވިދާޅުވީ އެ ރަށުގައި ގިނަ އަދަދެއްގެ ގެސްޓްހައުސް ވިޔަފާރި އާންމު ރައްޔިތުން ކުރަމުން ދިޔުމެވެ.

މެންބަރު ނިޔާޒް ވިދާޅުވީ ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ ބިންތައް އޮންނައިރު އެ ބިންތަކުގައި ގަސް އިންދައިގެން ކައުންސިލަށް ވަރަށް ހެޔޮއަގުގައި އެ ވިޔަފާރި ކުރެވޭނެ ކަމަށެވެ. އެކަމަކު އާންމު ރައްޔިތުން އެ ވިޔަފާރި ކުރަން ގިނަ ފަހަރަށް ޖެހެނީ ބިން ކުއްޔަށް ހިފަން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކައުންސިލުން އެ ވިޔަފާރި ކުރާނަމަ ރައްޔިތުންނަށް އެ ވިޔަފާރިއާ ވާދައެއް ނުކުރެވޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމާބެހޭ ގަވާއިދުގައިވާ ގޮތުން ކުންފުނިން ފައިސާ ބަލައިގަނެ، ފައިސާ ޚަރަދުކުރަންވާނީ، ކުންފުނީގެ މުއާމަލާތުތަކަށް ހުޅުވައިފައިވާ ބޭންކު އެކައުންޓު މެދުވެރިކޮށެވެ.

މީގެ އިތުރުން ކުންފުނީގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ހިންގާ ވިޔަފާރި ހަރަކާތްތައް ބެހިގެންދާނީ ދެބަޔަކަށް ކަމަށް އިސްލާހުގައިވެއެވެ. އެގޮތުން ސިޓީއެއްގައި ނުވަތަ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރިނުކުރާ ދާއިރާތައް ހިމެނޭހެން ޖުމްލަ 15 ހަރަކާތެއް އެކުލެވޭ ޖަދުވަލެއް އިސްލާހުގައި ވެއެވެ. އޭގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލްތަކަށް ހުއްދަ ވިޔަފާރި ހަރަކާތްތައް ހިންގޭނެއެވެ.

އޭގެ ތެރޭގައި ތައުލީމު ދޭ ތަންތަން، ހޮސްޕިޓަލު، ކްލިނިކް، ގެސްޓްހައުސް ނުވަތަ ޓޫރިސްޓު ހޮޓެލް، އެއާޕޯޓު ހިންގުން، ފާމަސީ ހިންގުން އަދި އަސާސީ ތަކެތި ވިއްކާ ފިހާރަ ހިންގުން ހިމެނެއެވެ.

ދެވަނަ ބާވަތުގެ ވިޔަފާރި ހަރަކާތަކީ އެ ސިޓީއެއް، ރަށެއް އަދި އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރި ކުރި ނަމަވެސް، އެކަށީގެންވާ މިންވަރަށް މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްނުދެވޭ ދާއިރާތަކެވެ. އޭގެތެރޭގައި ތައުލީމު ދޭ ތަންތަން، ކުނި މެނޭޖް ކުރުން، ހޮސްޕިޓަލް އަދި ކްލިނިކް ހިންގުން ހިމެނެއެވެ.

އެ ދެބާވަތުގެ ވިޔަފާރި ހަރަކާތްތައް ހިންގަން އުފައްދާ ކުންފުންޏެއްގައި ވެސް ކައުންސިލުތަކުގެ 100 އިންސައްތަ ހިއްސާ ވެވޭނެކަމަށް ގަވައިދުގައި ބަޔާން ކޮށްފައިވެއެވެ.

comment ކޮމެންޓް