ޕީއެސްޖީ މޮޅުވިޔަ ނުދީ ބެންފިކާއިން ހިފަހައްޓައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ މޮޅުވިޔަ ނުދީ ބެންފިކާއިން ހިފަހައްޓައިފިއެވެ.

ރޭ ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ޕީއެސްޖީން ރޭގެ މެޗު ކުޅުނީ އެ ޓީމުގެ އިތުބާރު ފޯވާޑް ލިއޮނަލް މެސީއާ ނުލައެވެ. ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މެސީއަށް ވަނީ ދެ މެޗު ގެއްލިފައެވެ. އެ ދެ މެޗުން ވެސް ޕީއެސްޖީއަށް މޮޅުވެވިފައެއް ނުވެއެވެ.

ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި ބެންފިކާގެ ރަފާ ސިލްވާއަށް ވަނީ ގޯލު ޖަހާނެ ފުރުސަތެއް ލިބިފައެވެ. އޭނާ އޭރިއާތެރޭގައި ހުރެ ދިން ބާރު ހަމަލާ ދިޔައީ ގޯލުގެ މަތީ ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ޕީއެސްޖީން ގޯލު ޖަހައި މެޗުގެ ލީޑު ނެގިއެވެ. އެއީ އޭރިއާތެރެއިން ނޭމާއަށް ކުރި ފައުލަކާ ގުޅިގެން ޕީއެސްޖީއަށް ލިބުނު ޕެނަލްޓީއެއްގައި ކީލިއަން އެމްބާޕޭ ޖެހި ގޯލެކެވެ.

މެޗުގެ 51 ވަނަ މިނެޓުގައި ވެސް އެމްބާޕޭއަށް ވަނީ މެޗުގެ ނަތީޖާ އިތުރަށް ފުޅާކުރާނެ ފުރުސަތެއް ލިބިފައެވެ. އަޝްރަފް ހަކީމީގެ އެހީތެރިކަމާއެކު އެމްބާޕޭ ފޮނުވާލި އެ ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

އެމްބާޕޭ ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ--- ފޮޓޯ/ ޕީއެސްޖީ

ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފިގެން އުޅެނިކޮށް ޕީއެސްޖީގެ ޕެނަލްޓީ އޭރިއާ ތެރެއިން ރަފާ ސިލްވާއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ބެންފިކާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ މެޗުގެ 62 ވަނަ މިނެޓުގައި ޖައޯ މާރިއޯ ޖެހި ގޯލެކެވެ.

އެ މެޗު އެއްވަރު ވެގެން ނިމުމުން ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޖާގައެއް ހޯދުމަށް ދެ ޓީމުން ވެސް ޖެހެނީ އިތުރު އިންތިޒާރެއް ކުރާށެވެ. ރޭގެ މެޗުން ޓީމެއް މޮޅުވި ނަމަ އެ ޓީމަކަށް ގަދަ 16ގެ ޖާގައެއް ކަށަވަރުވާނެއެވެ.

ރޭގައި އެ ގްރޫޕްގައި ހިމެނޭ ޔުވެންޓްސްއާއި މަކާބީ ހައިފާ ވެސް ވަނީ ކުޅެފައެވެ. އެ މެޗު ނިމުނީ 2-0ގެ ނަތީޖާއަކުން މަކާބީ ހައިފާ މޮޅުވެގެންނެވެ.

https://sun.mv/169139

މިހާރު ގްރޫޕް އެޗްގެ އެއްވަނައިގައި ހަތަރު މެޗުން ލިބުނު އަށް ޕޮއިންޓާއެކު އޮތީ ޕީއެސްޖީއެވެ. އެ އަދަދަށް ޕޮއިންޓު ލިބިގެން ބެންފިކާ ދެވަނައިގައި އޮތީ ޕީއެސްޖީއަށް ވުރެ ފައިދާ ގޯލު މަދުވުމުންނެވެ. އަދި ތިން ޕޮއިންޓާއެކު ޔުވެންޓަސް ތިންވަނައިގައި އޮތްއިރު ތިން ޕޮއިންޓާއެކު މަކާބީ ހައިފާ އޮތީ ތާވަލުގެ ފުލުގައެވެ.

comment ކޮމެންޓް