ޑެންގީ ޖެހިގެން ނުވަ އަހަރުގެ ކުއްޖަކު މަރުވެއްޖެ

އައިޖީއެމްއެޗް ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑެންގީ ޖެހިގެން ނުވަ އަހަރުގެ ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.

ޑެންގީއަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވީ ލ. ފޮނަދޫއަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ.

ޑެންގީ ޖެހިގެން އެންމެ ފުރަތަމަ އެ ކުއްޖާއަށް ފަރުވާ ދިނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ.

އެ ކުއްޖާ މަރުވީ ހާލު ސީރިއަސްވެގެން މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.

ކުއްޖާގެ ބައްޕަގެ ގާތް މީހަކު މިރޭ "ސަން"އަށް ބުނީ އެ ކުއްޖާގެ ހާލު ސީރިއަސްވީ އެކަށީގެންވާ ސަމާލުކަން ގަމު ހޮސްޕިޓަލުން ނުދިނުމުން ކަމަށެވެ.

ހަމައެއާއެކު މާލެ ގެނައުމުގައި ވެސް ވަރަށް ބޮޑަށް ލަސްވި ކަމަށް އޭނާ ބުންޏެވެ.

"ފަރުވާ ދިނުމުގައި ލަސްތަކެއް އުޅޭކަމަށް މައުލޫމާތު ލިބުނީ. މާލެ ގެންނަން ވެސް ނަގަން ޖެހޭ ވަރަށްވުރެ ގިނަ އިރު ނަގައި ފަރުވާ އިތުރަށް ލަސްވެގެން ދިޔަ،" އޭނާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

މިއީ ޑެންގީ ޖެހިގެން މިއަދުގެ ދެވަނަ މަރެވެ. މިއަދުގެ ވަގުތެއްގައި 21 އަހަރެއްގެ ޒުވާނަކު ވެސް ވަނީ ޑެންގީއަށް ފަރުވާ ދެމުންދަނިކޮށް ރ. އަނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މަރުވެފައެވެ.

https://sun.mv/169121

ޑެންގީ ޖެހިގެން ދާދި ފަހުން ވެސް ވަނީ 19 އަހަރުގެ ޒުވާނަކާއި އަށް އަހަރުގެ ކުޑަ ކުއްޖަކު މަރުވެފައެވެ.

ރާއްޖޭގައި ޑެންގީ ޖެހޭ މިންވަރު އިތުރުވަމުންދާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ވެސް ހާމަވެއެވެ.

comment ކޮމެންޓް