ޑެންގީ ޖެހިގެން ރ. އުނގޫފާރުގައި ފަރުވާދެމުން ދަނިކޮށް 21 އަހަރުގެ ޒުވާނަކު މިއަދު މަރުވެއްޖެއެވެ.
ޑެންގީ ޖެހިގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވީ ރ. ދުވާފަރު، އަތޫފް އަހްމަދެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި، އަތޫފް ހުން އައިސްގެން އެންމެ ފުރަތަމަ ފަރުވާ ހޯދީ ދުވާފަރު ހޮސްޕިޓަލުންނެވެ. އެއީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އެ ދުވަހު އޭނާގެ ހާލު ބެލުމަށް ފަހު ގެއަށް ފޮނުވާލުމުން އަނެއް ދުވަހު ވެސް ހުން ގަދަވުމުން އޭނާ ޑޮކްޓަރަށް ދިޔައެވެ. އެ ދުވަހު ޓެސްޓުތައް ހެދުމުން އޭނާއަށް ޑެންގީ ޖެހިފައިވާކަން ޔަގީންވެ، ބޭސް ދިނުމަށް ފަހު ގެއަށް ފޮނުވާލީއެވެ.
ނަމަވެސް އޭގެ ފަހުން ވެސް އަތޫފްގެ ހާލު ރަނގަޅުނުވެ، އިއްޔެ ޑޮކްޓަރަށް ދައްކަން ދިޔައިރު އޭނާގެ ހާލު ވަނީ މާބޮޑަށް ގޯސްވެފައެވެ. އެއާއެކު އޭނާ ފަރުވާއަށް އުނގޫފާރަށް ފޮނުވާލީއެވެ.
ނަމަވެސް އޭނާގެ ހާލު ސީރިއަސްވެ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު މަރުވީއެވެ.
އަތޫފަކީ ދުވާފަރު ކައުންސިލް އިދާރާގައި ވަޒީފާ އަދާކުރަމުންދިޔަ ޒުވާނެކެވެ. އޭނާ މަރުވިއިރު އޭނާއަށް ލިބުނު ދަރިފުޅަށް އަދި އެއް މަސް ވެސް ނުފުރެއެވެ.
ޑެންގީ ޖެހިގެން މިދިޔަ އަންގާރަ ދުވަހު 19 އަހަރުގެ ޒުވާނަކު މަރުވި އިރު އޭގެ ކުރީ ދުވަހު ހަމަ އެ ބަލީގައި އަށް އަހަރުގެ ކުޑަ ކުއްޖަކު މަރުވެފައިވެއެވެ.
ރާއްޖޭގައި ޑެންގީ ޖެހޭ މިންވަރު އިތުރުވަމުންދާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ވެސް ހާމަވެއެވެ.