ޑެންގީ ޖެހިގެން 19 އަހަރުގެ ޒުވާނަކު މަރުވެއްޖެ

މެއި 14، 2020: އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑެންގީ ޖެހިގެން އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް 19 އަހަރުގެ ޒުވާނަކު މިއަދު މަރުވެއްޖެއެވެ.

ޑެންގީ ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ އއ. ތޮއްޑޫ، ރަންމުތް، އާދަމް ވިޔާމެވެ.

އއ. ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސް އައިމިނަތު ފަޒްލާ މިއަދު "ސަން"އަށް ވިދާޅުވީ ވިޔާމް މަރުވީ ޑެންގީއަށް ފަރުވާ ހޯދާތާ 15 ވަރަކަށް ދުވަސް ފަހުން ކަމަށެވެ.

"ހުން އައިސްގެން ފުރަތަމަ ފަރުވާ ހޯދާނީ ގޭގަ. އެކަމު ތިން ދުވަސް ތެރޭގައި ވަނީ ޑޮކްޓަރަށް ދައްކާފަ،" އޭނާ ވިދާޅުވިއެވެ.

ފަޒްލާ ވިދާޅުވީ ވިޔާމްގެ ހާލު ދެރަވެ އައިސީޔޫގައި ހަފުތާއެއްހާ ދުވަހު އޮތް ކަމަށެވެ.

އެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ވިޔާމް މަރުވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ވިޔާމްގެ ކަށުނަމާދު އޮތީ މިއަދު އަސުރު ނަމާދަށް ފަހުގައެވެ.

ޑެންގީ ޖެހިގެން އިއްޔެ ވެސް ވަނީ އަށް އަހަރުގެ ކުއްޖަަކު މަރުވެފައެވެ. އަދި ޑެންގީ ޖެހޭ މިންވަރު އިތުރުވަމުންދާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ވެސް ހާމަވެއެވެ.

comment ކޮމެންޓް