މެލޭޝިއާގެ ސަފީރަކަށް އަލީ ހުސައިން ދީދީ، އިންޑިއާގެ ސަފީރަކަށް ޝަހީބް އައްޔަންކޮށްފި

މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް އަލީ ހުސައިން ދީދީ އަދި އިންޑިއާގައި ހުންނަވާ ސަފީރަކަށް އިބްރާހީމް ޝަހީބު ހަމަޖެއްސުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ރައީސް އޮފީސް

މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް އަލީ ހުސައިން ދީދީ އަދި އިންޑިއާގައި ހުންނަވާ ސަފީރަކަށް އިބްރާހީމް ޝަހީބު އައްޔަންކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ސަފީރުކަމުގެ ފަތްކޮޅު އަލީ ހުސައިން ދީދީއަށާއި ޝަހީބަށް އަރުއްވާފައެވެ.

އަލީ ހުސައިން ދީދީ ވަނީ އިނގިރޭސިވިލާތުގެ ލޯބޮރޯ ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އިން ޕީޖީ ޑިޕްލޮމާ މާސްޓާސް ޕްރޮގްރާމް، ޓްރާންސްޕޯޓް މެނޭޖްމަންޓް އެންޑް ޕްލޭނިން ހާސިލްކުރައްވާފައެވެ. އޭނާ މީގެ ކުރިން ފުރުއްވާފައިވާ، މުހިންމު ބައެއް މަގާމްތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމާއި، މާލެ ސިޓީގެ ކައުންސިލްގެ ރައީސްގެ މަގާމާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ހިމެނެއެވެ.

މީގެ އިތުރުން އަލީ ހުސައިން ދީދީ އަކީ މީގެ ކުރިންވެސް ރާއްޖެއިން، ސްރީލަންކާއަށާއި، ބެލްޖިއަމް ފަދަ ގައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭނާ މެލޭޝިއާގެ ސަފީރުކަމުގެ މަގާމަށް އައްޔަނުކުރުމުގެ ކުރިން ހުންނެވީ ދަ މޯލްޑިވްސް ކޯޕަރޭޝަންގެ ރައީސްގެ މަގާމުގައެވެ.

އިންޑިއާއަށް ކަނޑައެޅުއްވި އާ ސަފީރު، ޝަހީބް ވަނީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ. އޭނާ މީގެ ކުރިން ފުރުއްވާފައިވާ މުހިންމު ބައެއް މަގާމްތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް ޕްރޮޓޮކޯލްގެ މަގާމާއި، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ހިމެނެއެވެ.

comment ކޮމެންޓް