ރާއްޖޭގެ ޤައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ކޯޗު މޮރިއޭރޯގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކޮށްފި

ޤައުމީޓީމުގެ ކޯޗް އިޓަލީގެ މޮރިއޭރޯ--- ފޮޓޯ/ އެފްއޭއެމް

ރާއްޖޭގެ ޤައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އާއެކު އެފްއޭއެމުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެފްއޭއެމުން މިހާރު ވަނީ މިކަން ޔަގީންކޮށްދީފައެވެ. އެފްއޭއެމުން ބުނީ އިޓަލީގެ ކޯޗު މޮރިއޭރޯ އާއެކު އިތުރު އަހަރަކަށް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށެވެ. މޮރިއޭރޯ އިތުރު އަހަރަކަށް މަޑުކުރުމަށް ނިންމީ އޭނާގެ އިރުޝާދުގެ ދަށުން ވޭތުވެދިޔަ ތަނުގައި ޤައުމީޓީމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާތީކަމަށް އެފްއޭއެމުން ބުނެއެވެ. އެއްބަސްވުން އާ ކުރީ ކިހާ މުއްދަތަކަށް ކަމެއް އެފްއޭއެމުން ނުބުނެއެވެ.

ރާއްޖޭގެ ޤައުމީ ސީނިއާ ފިރިހެން ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މޮރިއޭރޯ ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މޮރިއޭރޯ އަކީ އިޓަލީ ޓީމަށާއި އިންޓަމިލާނަށް ކުޅުނު ކުޅުންތެރިއެކެވެ. އުމުރުން 53 އަހަރުގެ މޮރިއޭރޯ ވަނީ އިޓަލީގެ ދެވަނަ އަދި ތިންވަނަ ޑިވިޒަނުގެ ކުލަބުތަކަށް ވެސް ކޯޗުކަން ކޮށްދީފައެވެ.

ރާއްޖެ އައުމުގެ ކުރިން މޮރިއޭރޯ އެންމެ ފުރަތަމަ މަސައްކަތްކުރީ އަލްބޭނިއާގެ ޑީނަމޯ ކިޔާ ކުލަބެއްގައެވެ. ރާއްޖެއަކީ އޭނާ ޤައުމީޓީމަކަށް ކޯޗުކަން ކޮށްދޭ ފުރަތަމަ ޓީމެވެ.

މޮރިއޭރޯގެ އިރުޝާދުގެ ދަށުން ޤައުމީ ފުޓްބޯޅަ ޓީމު އެންމެފަހުން ލާއޯސް އާއި ބުރުނާއީ އާއެކު ކުޅުނު މެޗުތަކުން ރާއްޖެ ވަނީ މޮޅުވެފައެވެ.

comment ކޮމެންޓް