މިދިޔަ މަހު 153 ކައިވެނި ކުރިއިރު، 102 ކައިވެނި ރޫޅުން

އޮގަސްޓް 31، 2018: މާލެއާއި ހުޅުލެ ގުޅާލާ ބުރިޖު (ސިނަމާލެ ބުރިޖު) މަތީ ކުރެވުނު ކައިވެނި ޕާޓީތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިމިދިޔަ ސެޕްޓެމްބަރު މަހު 153 ކައިވެނި ކުރިއިރު 102 ކައިވެނި ރޫޅިފައިވާ ކަމަށް ފެމިލީ ކޯޓުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު، އޭގެ ކުރީ މަހާ އަޅާބަލާއިރު ހުށަހެޅުނު ވަރީގެ މައްސަލަ ވަނީ އިތުރުވެފައެވެ. އެގޮތުން ސެޕްޓެމްބަރު މަހު 134 ވަރީގެ މައްސަލަ ހުށަހެޅިފައިވާއިރު އޮގަސްޓް މަހު ހުށަހަޅާފައިވަނީ ވަރީގެ 60 މައްސަލައެވެ.

ކައިވެނި ކުރި މީހުންގެ އަދަދަށް ބަލާއިރު ފާއިތުވި ސެޕްޓެމްބަރު މަހު 153 ކައިވެނި ވަނީ ކޮށްފައެވެ. އޮގަސްޓް މަހު ވަނީ 188 ކައިވެނި ކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރު މަހު ގެވެށި އަނިޔާގެ ހަތް މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި ރައްކާތެރިކަމުގެ ހަ އަވަސް އަމުރެއް ވަނީ ނެރެފައެވެ. ގެވެށި އަނިޔާއާ ގުޅޭ ހަތަރު މައްސަލަ ނުނިމޭ ކަމަށް ވެސް ފެމިލީ ކޯޓުން ހާމަކޮށްފައިވެއެވެ.

މިދިޔަ މަހު އެ ކޯޓުން 210 މައްސަލަ ބަލައި ނިންމާފައިވެއެވެ. އޭގެ ތެރޭގައި ވަރީގެ 141 މައްސަލަ، ކުދިންނާ ގުޅުންހުރި 18 މައްސަލަ، ޚަރަދުގެ 18 މައްސަލަ، ގެވެށި އަނިޔާއާއި ގުޅޭ ހަތް މައްސަލަ އަދި އާއިލީ އެހެނިހެން މައްސަލަތަކުގެ ތެރެއިން 26 މައްސަލަ ހިމެނެއެވެ.

ސެޕްޓެމްބަރު މަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން ވަރީގެ 121 މައްސަލައެއް ނުނިމޭ ކަމަށް ފެމިލީ ކޯޓުން ބުނެއެވެ. މީގެ އިތުރުން ކުދިންނާ ގުޅުންހުރި 34 މައްސަލަ، ޚަރަދުގެ 12 މައްސަލަ، ގެވެށި އަނިޔާއާ ގުޅޭ ހަތަރު މައްސަލަ އަދި އާއިލީ އެހެނިހެން މައްސަލަތަކުގެ ތެރެއިން 18 މައްސަލަ ނުނިމޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް