ލޮގިން މައުލޫމާތު ވަގަށް ނެގުމަށް ބޭނުންކުރާ 400 އަށްވުރެ ގިނައެޕް، ފޭސްބުކުން ހޯދައިފި

ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާ އިން ދާދި ފަހުން ވަނީ އެންޑްރޮއިޑް އަދި އައިއޯއެސްގެ އެތައް ސަތޭކަ ގޯސް އެޕްލިކޭޝަންތަކާ ގުޅޭ މައުލޫމާތު އާންމުކޮށްފައެވެ.

އެ ހުރިހާ އެޕްތަކެއް ވެސް އެޕަލް އަދި ގޫގުލް އެޕް ސްޓޯރުގައި ރަނގަޅު އެޕްތަކެއްގެ ގޮތުގައި ލިސްޓްކުރެވިފައި ހުރިއިރު އެތައްހާސް ބަޔަކު ވަނީ އެއެޕްތައް ޑައުންލޯޑްކޮށް ބޭނުންވެސް ކޮށްފައެވެ. އެކަމަކު ފޭސްބުކްގެ ފަންނީ ދިރާސާވެރިން ބުނާގޮތުގައި އެ އެޕްތަކުގެ ތަފްޞީލްތަކާއި ރިވިއުތައް ކިތަންމެ ފުރިހަމަވެފައި ވީ ނަމަވެސް، އެއީ ޔޫޒަރުންގެ މައުލޫމާތު ވަގަށް ނެގުމުގެ ބޭނުމުގައި ފަހުގެ އައު ވިސްނުންތަކާއެކު ފަރުމާކޮށްފައިވާ އެޕްލިކޭޝަން ތަކެކެވެ.

އެޕަލް އާއި ގޫގުލް އަށް ވެސް މިކަން ރޭކާލީ މެޓާގެ ދިރާސާވެރިންނަށް އެމީހުންގެ އެޕް ޕްލެޓްފޯމްތަކުން 400 އަށް ވުރެ ގިނަ މިފަދަ ގޯސް އެޕް ފެނިގެން އެކަން މީޑިއާއަށް ތިލަކުރުމުންނެވެ.

ފޭސްބުކުގެ ދިރާސާވެރިން ފާހަގަ ކޮށްފައިވާ އެޕްތަކުގެ މަސައްކަތް ހިނގާގޮތަކީ ފޭސްބުކް އެކައުންޓް މެދުވެރިކޮށް އެޕްގެ އިތުރު ފީޗާތަކަށް ލޮގިން ނުވަތަ ވަނުމުގެ އިޚްތިޔާރު ލިބިގެންދިއުމާއެކު އެފީޗާތަކަށް އެންޓަރ ކުރުމުން، ޔޫޒަރުގެ ލޮގިން މައުލޫމާތު ތިންވަނަ ފަރާތަކަށް ދިޔުމެވެ. ދެން ޝިކާރައަކަށް ވެފައިވާ މީހާގެ ޑޭޓާއަށް ހުއްދަ ނެތި އެ މައުލުމާތު ބޭނުންކޮށްގެން ވަދެވޭނެ ގޮތް ހެދުމެވެ.

ތަފާތު އެޕްތައް ބޭނުންކޮށްގެން އެކި މީސްމީހުންގެ ފޭސްބުކް އެކައުންޓްތައް ހެކްކުރުމަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ހިނގަމުންދާ ނާތަހުޒީބު އަމަލަކަށް ވާއިރު، ފޭސްބުކް ފަދަ ސޯޝަލް ޕްލެޓްފޯމްތަކަކީ އެހެނިހެން އެޕްތައް މެދުވެރިކޮށް ލޮގިން ވުމުގެ ފުރުޞަތު ޔޫޒަރުންނަށް ހުޅުވާލެވިފައިވާ ޕްލެޓްފޯމް ތަކެއްކަން އެނގެން އެބަޖެހެއެވެ.

އެކަމަކު މި ލޮގިން ފަންކްޝަނަކީ ގިނަ ބަޔަކަށް އެނގޭ މަޝްހޫރު ، ޕިންޓްރެސްޓް އާއި އިންސްޓަގްރާމް ފަދަ ރަސްމީ އެޕްތަކުން ބޭނުންކުރާ ފަންކްޝަނެކެވެ.

މެޓާގެ ބަޔާނުގައި ބަޔާންކޮށްފައިވަނީ ގޯސް އެޕްތައް މެދުވެރިކޮށްވެސް މިދެންނެވި ގޮތަށް ފޭސްބުކު ލޮގިން ފަންކްޝަނަލިޓީ ބޭނުންކުރެވިދާނެ ވާހަކައެވެ. އެހެންކަމުން އެކަމުގައި އޮތް އެންމެ ރައްކާތެރި ގޮތަކީ ގޮތްނޭންގޭ ނުވަތަ ޔަޤީންނުވާ އެޕްތަކުގެ ތެރެއިން ފޭސްބުކް، ޓްވިޓާފަދަ ޕްލްޓްފޯމްތަކަށް ލޮގިންނުވުމެވެ.

ނުބައި އެޕްތައް އުފައްދާ ޑިވެލޮޕަރުން އެމީހުންގެ އުފެއްދުމަށް މީހުންގެ އިތުބާރު ހޯދުމަށްޓަކައި ސްޓޯރުގައި އެފަދަ އެޕްތަކަށް ދީފައި ހުންނަ ނެގެޓިވް ރިވިއުތައް ފުހެލައެވެ. އެހެން ހެދުމުން އެފަދަ އެޕްތަކަށް ޔޫޒަރުން ޝައްކު ކުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް ކުޑަވެގެން ދިއުމާއެކު، އެ އެޕްލިކޭޝަންތައް އިންސްޓޯލްކޮށް ފޭސްބުކް ލޮގިން މައުލޫމާތު އެއަށް އެންޓަރކޮށް އެޕްގެ ކޮންޓެންޓަށް ނުވަތަ ފޭސްބުކް އެކައުންޓާ ގުޅުވާލައެވެ. މި ހިސާބުން އެޕްގެ މެލްވޭއާ އިން ޔޫޒާ ހުށަހަޅާފައިވާ ލޮގިން މައުލޫމާތު ހޯދައި، ޔޫޒަރުގެ އެކައުންޓްގެ ހުރިހާ މައުލޫމާތާއި ފޮޓޯ ފަދަ ތަކެތި ހުއްދަ ނެތް ތިންވަނަ ފަރާތަކަށް ލިބޭނެ ގޮތް ހަދައެވެ.

މެޓާގެ ހޯދުންތަކުން ދައްކާ ގޮތުގައި ފާހަގަކުރެވުނު ހުރިހާ ނުބައި އެޕްތަކުގެ ތެރެއިން 40 ޕަސެންޓަށް ވުރެ ގިނައީ ފޮޓޯ ފިލްޓާ އެޕްތަކެވެ. އަނެއް 60 ޕަސެންޓަކީ ފޯނު، ވިޔަފާރި، ގޭމިން، ވީޕީއެން، އަދި ލައިފްސްޓައިލްގެ އެކި ކެޓަގަރީތަކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު