ކުއްލިއަކަށް ހިތަށް ވެރިވަނީ އިންތިހާއަށް ބިރުވެރިކަމެވެ. އެއާއެކު ހިތްތެޅުން އަވަސްވެގަނެއެވެ. މުޅި މީހާ ދާހިތްލަން ފަށައެވެ. ކޮޅަށް ނުހުރެވޭ ވަރަށް ބޯއެނބުރުމާއެކު ނޭވާ ކުރުވެ، މީހާ ވަރަށް ބޮޑަށް ހާސްވެއެވެ. އެއާއެކު އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގެއްލުމުގެ އިހުސާސް ކުރެވެން ފަށައެވެ. ބޮލުތެރޭގައި ކުއްލިއަކަށް ޚިޔާލުތައް ގިނަވެ، ވެއްޓެން އުޅޭހެން ހީވެއެވެ. ދެން ހީވަނީ މަރުވަނީ ހެންނެވެ. މިއީ ހަމަ ފަހުވަގުތުހެންނެވެ.
މިއީ ދެ ކުދިންގެ މަންމަ، އައިމިނަތު ޝެހެނާޒް (އަސްލު ނަމެއް ނޫން)އަށް ދުވާލަކު އެތައް ފަހަރަކު ކުރަން ޖެހޭ އިހުސާސްތަކެކެވެ. އެންޒައިޓީގެ އެ ވޭނުގައި އޭނާ އެ ހާލުގައި އުޅޭތާ ދެ އަހަރެއްހާ ދުވަސް ވަނީއެވެ. މި ބަލީގެ ސަބަބުން ޝެހެނާޒަށް ގޭތެރޭގެ މަސައްކަތްތަކާއި ދަރިންގެ ޒިންމާތައް އަދާ ކުރަން ދަތިވާ ފަހަރު ކުރިމަތިވެއެވެ. އެއާއެކު އޭނާއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އޭނާގެ ފިރިމީހާ މިފަދަ ބަލިތައް ގަބޫލު ނުކުރުމެވެ.
"ވާގޮތް ކިޔައިދިނީމަ ބުނާނެ ކޮން އެންޒައިޓީއެއްހޭ. ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާން ނުވަނީއޭ. ގަޟާގަދަރަށް އީމާން ނުވަނީއޭ. އީމާންތެރިކަން މާ ދަށީއޭ. މިކަހަލަ އެއްޗެހި ބުނާނީ ރުޅިއައިސްގެން،" އެ ހިސާބަށް ކިޔައިދިނުމާއެކު ޝެހެނާޒަށް ރޮވިއްޖެއެވެ.

ނަފްސާނީ މައްސަލައެއް ކުރިމަތިވެފައިވާ ފަރާތަކަށް ސައިކޮލޮޖިސްޓަކު ފަރުވާދެނީ-- ސަން ފޮޓޯ
އަމިއްލަ މީހާއަށް ކުރިމަތިވާ އެންޒައިޓީ، ނުވަތަ އިންތިހާއަށް ބިރުގަތުމުގެ އިހުސާސާއެކު ބައެއް ދުވަސް ދުވަހު މަސައްކަތް ކުރަން ވެސް އޭނާއަށް ދަތިވެއެވެ. ކޮޅަށް ނުހުރެވޭ ވަރުވުމުން އޮށޯވެ އޮވެލަން ބޭނުންވެއެވެ. ބައްޔަށް ލުޔެއް ލިބޭތޯއެވެ. ނަމަވެސް އެކަން ވެސް ފިރިމީހާއާއި އޭނާގެ އާއިލާއިން ސިފަ ކުރަނީ ކަންނެތް ވުމުގެ ގޮތުގައެވެ.
ނަފްސާނީ ބައްޔަށް ފަރުވާ ހޯދައި ދިނުމަށް ޝެހެނާޒް ޖެހުނީ ފިރިމީހާ ގާތު ސަލާން ޖަހާށެވެ. ފިރިމީހާ އެކަން ގަބޫލު ނުކޮށް މުޅިން ކުށްވެރި ކުރީ ޝެހެނާޒްއެވެ. ފަރުވާއާ ހަމައަށް ދެވުނީ އެތައް މަސް ދުވަހެއްގައި ރޮއެ، އާދޭސް ކުރިފަހުންނެވެ. އޭރު ބަލީގެ ހާލަތު ބޮޑުވެ، މީހާ ހުރީ ސިވިއާ އެންޒައިޓީ ތަހައްމަލް ކުރަން ޖެހިފައެވެ.
މިއީ އެންމެ މީހެއްގެ ވާހަކައެވެ. ނަމަވެސް އަޅުގަނޑުމެންގެ މި ރާއްޖޭގައި ދިރިއުޅެމުން އަންނަނީ މިފަދަ އެންމެ މީހެއް ނޫނެވެ. ނަފްސާނީ ބަލިތަކާމެދު އޮންނަ ބޯދާ ވިސްނުންތަކުގެ ސަބަބުން ފަރުވާ ނުލިބި، ނުވަތަ ފަރުވާ ހޯދަން ނުކެރިފައި އެތައް ބަޔަކު އެބަތިއްބެވެ. އޭގެ ސަބަބުން އެ ވޭނުގައި އެ މީހުން ދަނީ ހަނާވަމުންނެވެ. ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް މިއަދު ފާހަގަ ކުރާއިރު މިވާހަކަ ހަރު އަޑުން ދައްކަން ޖެހެއެވެ.
ނަފްސާނީ ބަލިތަކާ ދީން ވެރިކަމާ ގުޅުމެއް ނުވޭ
ނަފްސާނީ ބަލިތަކާ ގުޅުވައިގެން ދިވެހީންގެ ތެރޭގައި ވެސް ދެކެވޭ އެއް ވާހަކައަކީ އެފަދަ ބަލިތައް ކުރިމަތިވަނީ ދީނީ ކަންކަމާ ދުރުވުމުން ކަމަށެވެ. ޑިޕްރެޝަން ނުވަތަ އެންޒައިޓީ ކުރިމަތިވުމުން ތިއީ އީމާންތެރިކަން ދަށްވުމުން ނުވަތަ ނަމާދު ނުކުރާތީ ވާ ކަމެއް ކަމަށް ވަރަށް ގިނަ ފަހަރު ބުނެއެވެ. ރަނގަޅަށް އުޅޭ މީހާއަށް ހިތުގެ ބަލިތައް ނުވަތަ އެހެނިހެން ބޮޑު ބައްޔެއް ޖެހިދާނެ ކަމަށް ގަބޫލު ކުރާއިރު ނަފްސާނީ ބައްޔެއް ޖެހޭ ހިސާބުން އެކަމާ ދީނާ ގުޅުވާތަން ވަރަށް ބޮޑަށް އާދެއެވެ.
ނަފްސާނީ ބަލިތައް ޖެހޭ ވެސް ގިނަ ސަބަބުތަކެއް ހުރެއެވެ. އެގޮތުން އެފަދަ ބަލިތަކަކީ އެހެން ގިނަ ބަލިތަކެކޭ އެއްގޮތަށް އާއިލީ ގޮތުން ވެސް ވާރުތަކުރާ ބަލިތަކެކެވެ. އެހެންކަމުން ކިތަންމެ ރަނގަޅަށް އުޅޭ މީހާއަށް ވެސް އެ ބަލި އާއިލީ ގޮތުން ވާރުތަ ކޮށްފާނެއެވެ. ހަމައެއާއެކު ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ސަބަބުން ވެސް ނަފްސާނީ ބަލިތައް ކުރިމަތިވެއެވެ. މިސާލަކަށް ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާތަކުގެ ޝިކާރައަކަށް ވާ މީހާ ނަފްސާނީ ގޮތުން ބަލިކަށިވެއެވެ. މި ކަމަށް ބަލާއިރު ވެސް ކުށް ކުރީ އެހެން މީހެކެވެ. އަދި ނަފްސާނީ ގޮތުން ބައްޔެއް ޖެހުނީ ކުށް ނުކުރާ މީހާއަށެވެ.

ޖަމާއަތުގައި ނަމާދު ކުރަނީ: ނަފްސާނީ ބަލިތަކާއި ދީނާ ވަރަށް ގުޅުވާ-- ސަން ފޮޓޯ/ ނާއިލް ހުސައިން
ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ނަފްސާނީ ބައްޔަކީ މީހާގެ ދީންވެރިކަމާ ގުޅުންހުރި ކަމެއް ނޫނެވެ. އަދި އެފަދަ ބަލިތަކަށް ވެސް އެހެން ބަލިތަކެކޭ އެއްގޮތަށް ފަރުވާ ހޯދަން ޖެހެއެވެ.
"ﷲއަށް ކިޔަމަންވާ ދީންވެރި މީހާއަށް ވެސް އެހެނިހެން ބަލިތައް ޖެހޭފަދައިން ނަފްސާނީ ބައްޔެއްވެސް ޖެހިދާނެ. އެހެންކަމުން އެއްވެސް ބައްޔަކަށް ފަރުވާ ހޯދުމުގައި ފަސް ނުޖެހޭ. އަދި ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހާއަކީ، އީމާންކަން ބަލިކަށި މީހެއް ކަމަށް ނުނިންމާ. އަމިއްލަ ނަފްސަށް ގެއްލުން ދިނުންފަދަ ކަމަކަށް ވާސިލުވުމުގެ ކުރިން ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ނަފްސާނީ ބަލިތަކާ ދީނާ ގުޅުވަނީ ހަމައެކަނީ މާތްވެގެންވާ އިސްލާމް ދީނަކު ނޫނެވެ. އަވައްޓެރި އިންޑިއާއާއި އެހެން ބައެއް ގައުމުތަކަށް ބަލާއިރު ވެސް އެ މީހުންގެ ދީންތަކާ ނަފްސާނީ ބަލިތަކާ ވަރަށް ގުޅުވާފައި ހުރެއެވެ. ހަމަ ކުށްހީތަކާއި ބޯދާ ވިސްނުންތަކާއެކުއެވެ.
"ބޭސް ކާކަށް ނުވާނެ، އެޑިކްޓް ވާނެ"
ނަފްސާނީ ބަލިތަކަށް ފަރުވާ ދޭއިރު އާއްމުކޮށް ބޭނުން ކުރަނީ ދެގޮތެކެވެ. އެއީ ޑޮކްޓަރީ ބޭހާއި ތެރަޕީތައް ދިނުމެވެ. ބައެއް ފަހަރު އޭގެ ތެރެއިން ކޮންމެވެސް އެއް ކަމެކެވެ. އަނެއް ބައި ފަހަރު ދެކަންތައް އެކުއެކީގައެވެ. މީގެ ތެރެއިން ވެސް ނަފްސާނީ ބަލިތަކަށް ދޭ ބޭސް ކެއުމަކީ ގިނަ ދިވެހީން ވަރަށް ބިރުގަންނަ ކަމެކެވެ. އެފަދަ ބޭސްތައް އެއް ފަހަރު ވެސް ކައިފި ނަމަ މުޅި އުމުރަށް ކާން ޖެހޭނެ ކަމަށް އެއްބަޔަކު ދެކެއެވެ. އަދި ނަފްސާނީ ބަލިތަކަށް ދޭ ބޭހަކީ ވަރަށް ސައިޑް އިފެކްޓްސް ގިނަ، ދެވިހިފާ، ބާރުގަދަ ބޭސްތަކެއް ކަމަށް ވެސް ބުނެއެވެ.
"މަންމަމެން ކިޔާވަރުން ރުގްޔާ ކުރާ މީހަކު ގެނައީ. ފުރަތަމަ ވެސް އޭނާ ބުނީ އެންޒައިޓީއަށް ޑޮކްޓަރު ދީފައި ހުރި ބޭސްތައް ހުއްޓާލަން. އެކާކަށް ނުވާނޭ އެއީ ނިދާ ބޭހޭ. ދެން އެ ހުއްޓާލީމަ މާބޮޑަށް ގޯސްވީ،" ޝިއުނާ ޝާހިދު، 22، އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ބުންޏެވެ.
ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަން ދިޔުމުން އުމުރު ދުވަހަށް ބޭސް ކާން ޖެހިދާނެއެވެ. ނަމަވެސް ހަގީގަތަކީ ނަފްސާނީ ބަލިތަކުގެ ފަރުވާގެ ބޮޑު ބަޔަކީ ތެރަޕީކަމެވެ. އެއީ އެކި ވާހަކަތައް ހިއްސާކޮށް އެކަންކަމުން އަރައިގަންނާނެ ގޮތް ދަސް ކުރުމެވެ. ހަމަ މިޔާއެކު ބައެއް ފަހަރު ބޭސް ބޭނުންކުރަން ޖެހޭ ހާލަތްތައްވެސް އާދެއެވެ. އެއީ އެއްގޮތަކަށް ވެސް ބިރުގަންނަން ޖެހޭ، އަދި ޖެހިލުން ވާން ޖެހޭ ކަމެއް ނޫން ކަމަށް ދިރާސާތަކާއި ޑޮކްޓަރުންގެ ވާހަކަތަކުން ޔަގީންވެއެވެ.
ފާމަސީއެއްގައި މީހަކު ބޭސްތަކެއް ހޯދަނީ: ނަފްސާނީ ބަލިތަކަށް ދޭ ބޭސް ކާން ގިނަ ބަޔަކު ޖެހިލުން ވޭ---ސަން ފޮޓޯ: މުހައްމަދު އަފްރާހް
ތައިރޮއިޑް މައްސަލަ ހުންނަ މީހުންގެ ހަށިގަނޑުގައި ތައިރޮއިޑް ހޯމޯން މަދުވުމުން ތައިރޮއިޑް ހޯމޯން މަތި ކުރުމަށް ބޭސް ނަގަން ޖެހެއެވެ. ހަމަ އެ އުސޫލުން, ޑިޕްރެޝަން ތަހައްމަލު ކުރަމުންދާ މީހުންގެ ހަށިގަނޑުގައި މީހާ ހިތްހަމަ ޖައްސައިދީ، ކަންކަމަށް ސަމާލުކަންދިނުމަށް އެހީވާ ހޯމޯންތައް މަދުވާ ހާލަތެއްގައި އެކަމުން އަރައިގަތުމަށް އެފަދަ ހޯމޯންތައް ހިމެނޭ ނުވަތަ އެ ހޯމޯންތަކުގެ މަސައްކަތް އިރުތުކޮށްދޭ ބޭސް ޑޮކްޓަރުންގެ ލަފާގެ މަތިން ކެއުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.
ބޭސްތަކަކީ އެތައް އަހަރެއްގެ ދިރާސާއަށް ފަހު މީހުން ބޭނުން ކުރުމަށް ލައިސެންސް ލިބޭ އެއްޗެކެވެ. ބޭސްތައް ޑޮކްޓަރުން ދެނީ، އެ ދެވެން ހުރި އެންމެ ދަށް ޑޯޒް އަދި ދެވެން ހުރި އެންމެ މަދު ދުވަސްކޮޅަށެވެ. ވީމާ ބޭސް ކެއުމަށް ޖެހިލުން ވެގެން އެހީ ނުހޯދުމަކީ އަމިއްލަ ނަފްސަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ. އާއްމުކޮށް މިކާ ޕެނަޑޯލުން ފެށިގެން ކޮންމެ ބޭހެއްގައި ވެސް ސައިޑް އިފެކްޓްސް ހުންނާނެއެވެ. ނަމަވެސް ޑޮކްޓަރުންގެ ލަފާގެ މަތިން އެ ބޭސްތައް ނަގާނަމަ ހައްލު ލިބޭނެއެވެ.
ސައިކެޓްރިސްޓެއް ކަމަށްވާ ޑރ. ކްރިސްޓެން ތޮމްޕްސަން ބުނާ ގޮތުގައި, ގިނަ މީހުން އަހާ އެއް ސުވާލަކީ ނަފްސާނީ ބަލިތަކަށް ދޭ ބޭހުން ދެވިހަފާތޯއެވެ. ޖަވާބަކީ ނަފްސާނީ ބަލިތަކަށް ދެވޭ ގިނަ ބޭސްތަކަކީ ދެވިހިފާ ބޭސްތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިސާލަކަށް އެސްއެސްއާރްއައި އަކީ އެންމެ އާންމުކޮށް އެންޒައިޓީ އާއި ޑީޕްރެޝަނަށް ދެވޭ ބޭހެއް. މިއީ އެޑިކްޓް ވާ ބޭސްތަކެއް ނޫން. އަދި ބޭހުގެ އަސަރު ސިކުނޑިއަށް ކުރާނީ ބޭސް ނަގަމުންދާ ދުވަސްވަރު އެކަނި. ނަމަވެސް ބޭސް ހުއްޓާލުމުން ބައެއްފަހަރު 'ޑިސްކޮންޓިނުއޭޝަން' އަލާމާތްތަކެއް ފެނިދާނެ, މިސާލަކަށް ބޯ އެނބުރުން, ފަސޭހައިން ރުޅިއައުން ފަދަ ކަންކަން, މި ސަބަބާ ހުރެ ޑޮކްޓަރުންގެ އިރުޝާދާ އެއް ގޮތަށް މަޑު މަޑުން ބޭހުގެ ޑޯޒް މަދު ކުރަމުން ގޮސް ބޭސް އެއްކޮށް ހުއްޓުމުން މި އަލާމާތްތައް ތަހައްމަލު ކުރަން ގިނަ މީހުންނަށް ނުޖެހޭ،" ޑރ. ކްރިސްޓެން ވިދާޅުވިއެވެ.
ނަފްސާނީ އެކިއެކި ބަލިތަކަށް ބޭސް ކުރުމަށް ފަހު އެއްކޮށް ރަނގަޅުވެގެން ޑޮކްޓަރުންގެ ލަފާގެ މަތިން ބޭސް ހުއްޓާލާފައިވާ އެތައް ދިވެހީންނެއް ވެސް އެބަތިއްބެވެ. އެ މީހުންނަކީ މިއަދު ބޭހާ ނުލައި އުޅެމުން އަންނަ މީހުންނެވެ.
ނަފްސާނީ ބަލިތަކާމެދު ބޯދާ އެތައް ވާހަކައެއް
ތިއީ އަމިއްލައަށް ހެދިގެން އުޅޭ ގޮތެއް ކަމަށް، ނުވަތަ ކަންނެތީ ކަމަށް، ނޫނީ ބަހަނާ ދައްކަނީ ކަމަށް ނުވަތަ ސަމާލުކަން ހޯދަން އުޅޭ ގޮތެއް ކަމަށް ނަފްސާނީ ބަލިތައް ތަޖުރިބާ ކުރާ މީހުންނާ ދިމާލަށް ވަރަށް ގިނައިން ބުނެއެވެ. އަދި ނަފްސާނީ ބައްޔަކީ ކުށްކޮށްފައި ސަލާމަތް ވުމަށް ބޭނުން ކުރާ ބަހަނާއެއް ކަމަށް ވެސް ބުނެއެވެ.
ނަފްސާނީ ބަލިތަކަށް އޮންނަ ކުށްހީތައް އިތުރުވުމަށް މަގުފަހިވާ މައިގަނޑު އެއް ސަބަބަކީ މިފަދަ ބަލިތަކާ ބެހޭ ގޮތުން ހޭލުންތެރިކަން ކުޑަވުމެވެ. ހަމަ އެއާއެކު، އެ ބަލިތަކަށް ފަރުވާ ހޯދުމުން އެއިން ލިބޭ ރަނގަޅު ނަތީޖާގެ ވާހަކަ ދެކެވޭލެއް މަދުވުމަކީ ވެސް އިތުރު މީހުން ފަރުވާ ހޯދުމަށް ޖެހިލުންވާ ކަމެކެވެ.
ބްރިޓިޝް ޖާނަލް އޮފް ސައިކެޓްރީގައި 2007 ވަނަ އަހަރު ޝާއިއުކޮށްފައިވާ އާޓިކަލްއެއްގައިވާ ގޮތުން ނަފްސާނީ ބަލިތަކާ ބެހޭ ގޮތުން އުފެދޭ ކުށްހީތަކަށް މަގުފަހި ކުރުވާ މައިގަނޑު ތިން ކަމެއްވެއެވެ. އޭގެ ތެރޭގައި ކުރިންސުރެން މީހުން ނަފްސަނީ ބަލިތަކާ މެދު ދެކެމުން އައި ނުރަނގަޅު ވިސްނުންތައް ހިމެނެއެވެ. ހަމައެއާއެކު ނަފްސާނީ ބަލިތަކާ ބެހޭ ރަނގަޅު މައުލޫމާތު ނޭނގުމާއި އެފަދަ ބަލިތައް ހުންނަ މީހުންނާމެދު ގެންގުޅޭ ތަފާތު ކުރުންތައް ހިމެނެއެވެ.
ހުޅަނގުގެ ގައުމުތަކާ އަޅާބަލާއިރު، ރާއްޖެ މިއޮންނަ ދެކުނު އޭޝިއާ ސަރަހައްދުގައި ނަފްސާނީ ބަލިތަކާމެދު އޮންނަ ކުށްހީތައް މާ ބޮޑަށް ވެސް އިތުރު ކަމަށް ދިރާސާތަކުން ދައްކައެވެ.
ބްރިޓިޝް ޖާނަލްގެ ދިރާސާ އިތުރަށް ބުނާގޮތުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަން މީހުން ޖެހިލުންވާ ސަބަބުތަކުގެ ތެރޭގައި ކޮންފިޑެންޝާލިޓީ ނުވަތަ ސިއްރު ހިފެހެއްޓުމާ މެދު ކަންބޮޑުވުން ހިމެނެއެވެ. ރާއްޖެ ފަދަ ކުޑަ މުޖުތަމައުއެއްގައި، އެންމެނަށްހެން އެކަކު އަނެކަކު އެނގެއެވެ. އެހެންކަމުން ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަންދާތަން މީހަކަށް ފެނިދާނެތީ ގިނަ މީހުން ޖެހިލުންވެއެވެ. މިކަމަށް ވެސް އޮތް ހައްލަކީ ހޭލުންތެރިކަން އިތުރުކުރުމެވެ. ތިމާ ދަންނަ މީހަކު ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަން ދާ ތަން ފެނުމަކީ ނުވަތަ އެކަން އެނގުމަކީ، އެ ވާހަކަ އެހެން މީހުން ކައިރީ ދައްކާ ހަދަން ޖެހޭ ކަމެއްނޫނެވެ. ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަކީ ދެރަކަމެއް ނުވަތަ ހުތުރު ކަމެއް ވެސް ނޫނެވެ. އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
ފަރުވާ ހޯދަން ދެން މީހުން ޖެހިލުންވާ އަނެއް ސަބަބަކީ ޑޮކްޓަރާ ނުވަތަ ސައިކޮލޮޖިސްޓަކާ ހިއްސާކުރާ ވާހަކަވެސް ދަންނަ މީހަކާ ހިސާބަށް ގޮސްދާނެތީއެވެ. ނަމަވެސް ގަބޫލު ކުރަންޖެހޭ ކަމަކީ އެއްވެސް ޑޮކްޓަރަކަށް އަދި ސައިކޮލޮޖިސްޓަކަށް ޕޭޝަންޓުންގެ ވާހަކަތައް އެއްވެސް އެހެން މީހަކާ ހިއްސާ ނުކުރެވޭނެ ކަމެވެ. ވީމާ ތިމާއަށް ފަރުވާ ދޭ ޑޮކްޓަރުންނާއި ކަމާބެހޭ މާހިރުންނަށް އިތުބާރުކޮށް، ވާ އުނދަގޫތަކާ އިހްސާސްތައް ރަގަޅަށް ކިޔާދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންނޫނީ އެންމެ އެކަށޭނަ ފަރުވާ ލިބުމުން މަހްރޫމު ވެދާނެއެވެ.
ޝެހެނާޒް ފަދައިން ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގެ ފުރުސަތު އުނދަގުލުން ހޯދަން ޖެހުނު އެތައް ބަޔަކު މި ރާއްޖޭގައި އެބަތިއްބެވެ. ނުވަތަ ފަރުވާ ނުހޯދޭ މީހުން ވެސް ގިނައެވެ. ބޯދާ ވިސްނުންތަކުގެ ސަބަބުން އެ މީހުންގެ ހާލަތު ބަދަލު ނުކުރެވި، އުޅެން ޖެހިފައިވަނީ ވަރަށް ހާލުގައެވެ. ނަފްސާނީ ބަލިތަކަކީ ވެސް އެކަށީގެންވާ ފަރުވާއާއެކު ރަނގަޅު ކުރެވޭ ކަންކަމެކެވެ. އެހެންކަމުން މީހާ ހަނާވިޔަ ނުދީ އަވަހަށް ފަރުވާ ހޯދަން އުޅެން ޖެހެއެވެ.