ސުޕްރީމް ކޯޓު: ޑްރަގުގެ މައްސަލަތައް ހެކިބަހުން ސާބިތުވާނަމަ ޗެއިން ފުރިހަމަ ވާނެ

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހެކި ބަހުން މައްސަލަ ސާބިތުވާނަމަ ޗެއިން ފުރިހަމަ ވާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

އެކަން އިއުލާނުކުރައްވައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސޮއި ކުރެއްވުމަށް ފަހު މިއަދު ނެރުއްވި "ޕްރެކްޓިސް ޑައިރެކްޝަން" ގައި ވަނީ މަސްތުވާތަކެތީގެ މައްސަލަކުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވި ނަމަވެސް ހެކި ބަހުން މައްސަލަ ސާބިތުވާނަމަ ޗެއިން ފުރިހަމަ ވާނެކަމަށެވެ.

އޭގައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަހުލީލު ކުރެވިފައި ވަނީ ތުހުމަތުވާ މީހަކު އަތުން ނުވަތަ އެމީހާގެ ބެލުމުގެ ދަށުގައި ހުރި ތަނަކުން ހިފެހެއްޓި އެއްޗެހިތޯ ކަށަވަރު ކުރުމުގައި ޗެއިން އޮފް ކަސްޓަޑީ އާމެދު ސުވާލު އުފެދޭނަމަ އެކަމާ ގުޅިގެން ހެކިބަސް ނެގުމަށެވެ.

"އެފަަދަ އެއްޗެހި ހިފަހައްޓައި ފުލުހުންނާއި އެ ޗެއިންގައި ހިމެނޭ އެންމެހާ ފަރާތްތައް ޝަރީއަތަށް ހާޒިރުކޮށް ހެކިބަސް ނަގަން ވާނެއެވެ،" ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގައިވެއެވެ.

މީގެ އިތުރުން ޗެއިން މެދުކެނޑި އަދި އެއާމެދު ސުވާލު އުފެދޭ ހާލަތުގައި، ސުވާލު އުފެދޭ ކަމަކާ ގުޅިގެން ޝަރީއަތަށް ހާޒިރު ކުރަން ފަނޑިޔާރުން ނިންމާ ހެކިންގެ ހެކިބަހުން އެ މައްސަލަ އެމީހުންގެ މައްޗަށް ސާބިތުވާނަމަ ޗެއިން ފުރިހަމަވެފައިވާ ކަން ކަށަވަރު ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން އާއްމު ކުރި ޕްރެކްޓިސް ޑައިރެކްޝަންގައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި އާއްމުކޮށް މީހުންގެ މައްޗަށް މައްސަލަ ސާބިތުނުވަނީ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަނުވާ ކަމަށް ބަލައެވެ.

ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވުމަށް އާއްމުކޮށް ދިމާވަނީ ޗެއިންގައި ފުށު އެރުންތައް ހުރުމާއި ތާރީޚްތައް ނުބައިކޮށް ހުރުން ފަދަ މައްސަލަތަކެވެ.

comment ކޮމެންޓް