އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ: ސީއެފްއެސް، ކްލިކް އަދި އެމްއައި ފެށީ މޮޅަކުން

އެމްއެންޔޫއެސްޔޫ ފުޓްސަަލް ފިއެސްޓާގައި ސީއެފްއެސް އަދި އެފްއެޗްއެސް ބައްދަލުކުރި މެޗުގެ ތެރެއިން ޖަފްނާ އީސާ ބޯޅަ ހިފައިގެން ކުރިއަށް ދަނީ--- ފޮޓޯ/ އެމްއެންޔޫއެސްޔޫ

ރާއްޖޭގެ ހަޔާ އެޑިއުކޭޝަން ދަރިވަރުންނަށް ޚާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު މުބާރާތް، އެމްއެންޔޫއެސްޔޫ ފުޓްސެލް ފިއެސްޓާގައި ރޭ ކުޅުނު މެޗުތަކުން ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީއެފްއެެސް)، ކްލިކް ކޮލެޖު އަދި އެމްއައި ކޮލެޖު މޮޅުވެއްޖެއެވެ.

މާފަންނު ސްޓޭޑީއަމްގައި ރޭ ފުރަތަަމަ ކުޅެފައިވަނީ އަންހެން ޑީވިޝަންގެ ދެ މެޗެވެ. އެއީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފްއެޗްއެސް) އާއި ސީއެފްއެސް ބައްދަކުރި މެޗާއި، ކްލިކް ކޮލެޖާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ (އެފްއެސްއެލް) ބައްދަލުކުރި މެޗެވެ.

އެފްއެޗްއެސް އަދި ސީއެފްއެސް ބައްދަލުކުރި މެޗު ސީއެފްއެސްއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންވެ. އެ މެޗުގެ ފުރަތަމަ މިނެޓުގައި ސީއެފްއެސް އިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ އެ ޓީމުގެ ފާތިމަތު ނިހާމާ ޖެހި ގޯލެކެވެ.

މެޗުގެ އަށް ވަނަ މިނެޓުގައި އައިޝަތު ލައިސާ މަޖީދު ގޯލެއް ޖެހިއިރު މެޗުގެ ތިން ވަނަ އަދި ހަތަރު ވަނަ ގޯލަކީ އާމިނަތު އަމާނީ ޖެހި ދެ ގޯލެކެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލައިސާއެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަަލް ފިއެސްޓާގައި ސީއެފްއެސް އަދި އެފްއެޗްއެސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫއެސްޔޫ

ރޭ ކްލިކް އަދި އެފްއެސްއެލް ބައްދަލުކުރި މެޗު 17-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ކްލިކްއިންނެވެ.

ކްލިކްއަށް ގޯލުތައް ޖަހައިދީފައިވަނީ ރޮވޭނާ މަރިޔަން، ފާތިމަތު ރާއިން މުހައްމަދު އަދި ޝީނީޒް މުހައްމަދެވެ. އެ މެޗުގައި ރޮވޭނާ ވަނީ އަށް ގޯލު ޖަހައިފައެވެ. އަދި ޝީނީޒް ހަތް ގޯލު ޖެހިއެވެ. މީގެއިތުރުން އެފްއެސްއެލްގެ ކީޕަރު ރީމާޒް މުޙައްމަދު އަތުން ވަނީ ބައިކޮޅަށް ވެސް ގޯލެއް ވަދެފައެވެ.

ކްލިކް އަދި އެފްއެސްއެލް ބައްދަލުކުރި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކީ ރޮވީނާއެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަަލް ފިއެސްޓާގައި އެފްއެސްއެލް އަދި ކޮލިކް ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ އެމްއެންޔޫއެސްޔޫ

ރޭގެ ފަހު މެޗުގައި ކުޅެފައިވަނީ ފިރިހެން ޑިވިޝަންގެ މެޗެކެވެ. އެމްއައި އަދި އިސްލާމިކް ޔުނިވާސިޓީ ބައްދަލުކުރި އެ މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެމްއައި ކޮލެޖުންނެވެ.

އެމްއައި ކޮލެޖުން ވަނީ މެޗުގެ ހަ ވަނަ މިނެޓުގައި ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ މުޙައްމަދު މިދުހަތު ޖެހި ގޯލެކެވެ. އަދި މެޗުގެ 30 ވަނަ މިނެޓުގައި އަހުސަން ހުސައިން ދީދީ ގޯލެއް ޖެހިއިރު އޭގެ ހަތަރު މިނެޓު ފަހުން މިރާސު މުހައްމަދު ޒުހައިރު ވަނީ މެޗުގެ ތިން ވަނަ ގޯލު ޖަހައިފައެވެ.

އެމްއައި އަދި އިސްލާމިކް ޔުނިވާސިޓީ ބައްދަލުކުރި އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިދުހަތެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަަލް ފިއެސްޓާގައި އެމްއައި އަދި އިސްލާމިކް ޔުނިވާސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ އެމްއެންޔޫއެސްޔޫ

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ މެޗުތައް ދެން ކުޅޭނީ އަންނަ ބުދަ ދުވަހުގައެވެ. އެ ރޭ 23:00 ގައި ކުޅޭ ފިރިހެން ޑިވިޝަންގެ ދެ މެޗުގައި ބައްދަލުކުރާނީ ވިލާ ކޮލެޖާއި ޕޮލިޓެކްނިކްގެ އިތުރުން މޯލްޑިވްސް ބިޒްނަސް ސުކޫލާއި އެމްއެންޔޫ ބިޒްނަސް ސުކޫލެވެ.

ދެ އަހަރުގެ މެދު ކެނޑުމަކަށްފަހު މިއަހަރު ބާއްވާ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާއަކީ އެ މުބާރާތުގެ އަށްވަނަ އެޑިޝަނެވެ. އެންމެ ފުރަތަމަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާއެއް ބާއްވައިފަައިވަނީ 2013 ވަނަ އަހަރުއެވެ. އަދި އެންމެ ފަހުން އެ މުބާރާތް ބާއްވައިފައިވަނީ 2019 ވަނަ އަހަރުއެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެވިޑް ކޮލެޖުންނެވެ.

comment ކޮމެންޓް