އިޓަލިއަން ލީގުގައި ޔުވެންޓަސް ބަލިކޮށް އޭސީ މިލާނުން ތާވަލްގެ އެއް ވަނައިގައި އޮތް ނަޕޯލީއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފިއެވެ.
މިލާންގެ ދަނޑުގައި ރޭ ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި މިލާންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އެ ޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
އެގޮތުން މެޗުގެ 34 ވަނަ މިނެޓުގައި ސަންޑްރޯ ޓޮނާލީ ނަގައިދިން ކޯނަރަކުން ނަގައިދިން ހުރަސް ރަފައެލް ލެއާއޯ ފޮނުވާލި ނަމަވެސް ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގައި މިލާނުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ކޯނަރަކުން ތެއޯ ހެނާންޑޭޒް ނެގި ބޯޅައެއް އޭރިއާތެރެއިން އޮލިވިއޭ ޖިރޫޑް ފޮނުވާލި ހަމަލާއެއްގައި ފިކާޔޯ ޓޮމޯރީ އަށް ލިބުނު ފުރުސަތަކުން އޭނާ ޖެހި ގޯލެކެވެ.

އިޓަލިއަން ލީގުގައި ޔުވެންޓަސްއާއި އޭސީ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ އޭސީ މިލާން
އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފު ފަށައިގެން 54 ވަނަ މިނެޓުގައި މިލާނުން އެ ޓީމުގެ ދެވަނަ ގޯލު ޖެހިއެވެ. އެ ގޯލަކީ ބްރަހީމް ޑިއާޒަށް ޔުވެންޓެސްގެ ހާފުގެ މެދުން ލިބުނު ބޯޅަ ހިފައިގެން އެ ޓީމުގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ވަން ގޯލެކެވެ.
އެ މެޗުން މޮޅުވެ މިލާން އޮތީ ތާވަލުގެ ތިން ވަނައިގައެވެ. އެ ޓީމު ތިން ވަނައިގައި އޮތީ އެއް ވަނައިގައި އޮތް ނަޕޯލީއާއި ދެވަނައިގައި އޮތް އެޓެލެންޓާއާ އެއްވަރަށް ޕޮއިންޓު ލިބިގެންނެވެ. ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ 20 ޕޮއިންޓެވެ. ނަމަވެސް މިލާން ވަނީ އެ ދެ ޓީމަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ.
ރޭ ގެ މެޗުން ބަލިވި ޔުވެންޓަސް 13 ޕޮއިންޓާއެކު އޮތީ ތާވަލުގެ އަށް ވަނައިގައެވެ.