ޖަރުމަނު ބުންޑަސް ލީގާގައި ބޮރޫޝިއާ ޑޯޓްމަންޑުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.
ރޭ ބަޔާން މިއުނިކްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
އެ މެޗުން ޑޯޓުމަށްޑަށް ލިބުނު ޕޮއިންޓަކީ ލީގުގައި ބަޔާން އަތުން އެ ޓީމަށް 2018 ގެ ފަހުން ލިބުނު ފުރަތަމަ ޕޮއިންޓެވެ. އެ ޓީމު ބަޔާނާ ދެކޮޅަށް އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް ވަނީ ބަލިވެފައެވެ.
ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނުއިރު ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ބަޔާނުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ޖަމާލް މުސިއާލާގެ އެހީއާއެކު ލެއޯން ގޮރެޓްޒްކާ ޖެހި ގޯލެކެވެ.
އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށިގެން އަށް ވަނަ މިނެޓުގައި ބަޔާނުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެ ގޯލަކީ އޭރިއާ ބޭރުން ލެރޯއި ސާނޭ ފޮނުވާލި ބާރު ހަމަލާ ޑޯޓުމަންޑުގެ ކީޕަރު އަލެކްސަންޑަ މާޔާ އަތުގައި ޖެހިފައި ވަން ގޯލެކެވެ.
ނަމަވެސް މެޗުގެ 74 ވަނަ މިނެޓުގައި ޑޯޓުމަންޑުގެ އެންތަނީ މޮޑެސްޓްގެ އެހީތެރިކަމާއެކު އެ ޓީމުގެ ޒުވާން ފޯވާޑް ޔޫސެފާ މޫކޯކޯ ވަނީ ގޯލެއް ޖަހައިފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގައި ބަޔާންގެ ކިންގްސްލީ ކޯމަން އަށް ވަނީ ރަތް ކާޑެއް ދައްކައިފައެވެ.
އެ ރަތް ކާޑާއެކު އެއް ކުޅުންތެރިއެއް މަދުން ކުޅެމުން އައި ބަޔާން ހާސްކޮށްލީ މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައިވަނިކޮށް ޑޮޓުމަންޑުގެ މޮޑެސްޓް ޖެހި ގޯލަކުންނެވެ. އެ ގޯލަކީ ނިކޯ ޝްލޮޓާބެކް ނަގައިދިން ހުރަހަކުން ބޮލުން އޭނާ ޖެހި ގޯލެކެވެ.
މިރޭގެ މެޗުން މޮޅުވެގެން އެ ދެ ޓީމަށް ވެސް ލީގު ތާވަލުގެ އެއްވަނަށް ޖެހިލެވޭނެއެވެ. ނަމަވެސް މެޗު އެއްވަރުވުމުން ކުޅުނު ނުވަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ބަޔާން އޮތީ ތާވަލުގެ ތިން ވަނައިގައެވެ. ހަމައެއަދަދަށް ޕޮއިންޓު ލިބިގެން ޑޯޓުމަންޑް ތާވަލުގެ ހަތަރު ވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.